12 ޖަނަވަރީ 2023 - 11:26 0
ރެއާލްގެ ބެންޒެމާ މެޗުގެ ތެރެއިން އުފާފާޅުުކުރަނީ.
12 ޖަނަވަރީ 2023 - 11:26 0
ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 12) - ޕެނަލްޓީ ޝޫޓް އައުޓްގައި ވެލެންސިއާ ބަލިކޮށް ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލުން ރެއާލް މެޑްރިޑް ޖާގަ ހޯދައިފި އެވެ.
ސައުދީ އަރަބިއްޔާގެ ރިޔާދުގެ ކިންގް ފަހްދު ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލް މެޗުގެ ނަތީޖާ ޕެނަލްޓީ ޖަހައިގެން ނެރެން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމުވެސް 1-1 އިން އެއްވަރުވެފައި އޮތުމުންނެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި ރެއާލް ކުރި ހޯދީ 4-3 އިންނެވެ.
ސެވިއްޔާ އިން ދެ ޕެނަލްޓީއެއް ބޭކާރުކޮށްލިއިރު، އޭގެ ތެރެއިން އެއް ޕެނަލްޓީ އަކީ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ދިފާއުކުރި ޕެނަލްޓީ އެވެ. ރެއާލް މޮޅުވީ ވެލެންސިއާގެ ހޯސެ ގާޔާ ޖެހި ޕެނަލްޓީ ދިފާއު ކުރުމުންނެވެ. އޭގެ ކުރިން، އެ ޓީމުގެ އެރޭ ކޮމާޓް ޖެހި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެ އެވެ. ސެވިއްޔާ އިން ވައްދާލީ އެޑިންސަން ކަވާނީ، ހޫގޯ ގުއިލަމޯން އަދި އިލައިޝް މޮރީބާ ޖެހި ޕެނަލްޓީތަކެވެ.
ރެއާލް މެޑްރިޑުން ޖެހި ހުރިހާ ޕެނަލްޓީ އެއްވެސް ކާމިޔާބުކުރި އެވެ. އެ ޓީމުގެ ޕެނަލްޓީތައް ވައްދާލީ ކަރީމް ބެންޒެމާ، ލޫކާ މޮޑްރިޗް، ޓޮނީ ކްރޫސް އަދި މާކޯ އަސެންސިއޯ އެވެ.
މެޗުގައި ރެއާލް އިން ލީޑު ނެގީވެސް ބެންޒެމާ ވައްދާލި ޕެނަލްޓީ އިންނެވެ. މިއީ ބެންޒެމާ އަށް އޭރިއާ ތެރެއިން ކޮމާޓް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ވެލެންސިއާ އިން ނަތީޖާ ހަމަހަމަކުރީ ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓުގަ އެވެ. ޓޮނީ ލާޓޯ ނަގައިދިން ހުރަހަކުން މި ގޯލު ޖަހައިދިނީ ސެމުއެލް ލިނޯ އެވެ.
މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ފެނަލްޓީ ޖަހަން ރެއާލް ފަރިތަކޮށްފައި ނެތް ކަމަށާއި، މޮޅުވީ ތަޖުރިބާކާރު ކުޅުންތެރިން ޓީމްގައި ތިބުމުން ކަމަށެވެ. ޕެނަލްޓީ ޖަހާނެ ކުޅުންތެރިން ނިންމީވެސް ތަޖުރިބާއަށް ބަލާފައި ކަމަށް ވެސް އޭނާ ބުންޏެވެ.
އަންޗެލޮޓީ ބުނީ އެއްވެސް މެޗަކީ މި ލެވެލްގައި ފަސޭހަ މެޗެއް ނޫން ކަމަށާއި، ބައިކޮޅަށް ގޯލު ވަނީ ނުވިސްނައިތިބި ދަނޑިވަޅެއްގައި ކަމަށެވެ.
ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ރެއާލް މެޑްރިޑް ނުކުންނާނީ ދެ ވަނަ ސެމީ ފައިނަލްގައި ރެއާލް ބެޓިސް އާއި ބާސެލޯނާ މިރޭ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ފައިނަލް މެޗު ކުޅޭނީ އަންނަ އާދިއްތަ ދުވަހު އެވެ.
Comment