Advertisement

ސިޔާސީ މިތުރުން، ފަހުން ހަތުރުންނަށް!

17 ޖަނަވަރީ 2023 - 08:01 6

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ސިޔާސީ މިތުރުން، ފަހުން ހަތުރުންނަށް!

17 ޖަނަވަރީ 2023 - 08:01 6

ބެސްޓު ފުރެންޑުންނަކީ ތިބޭ ބައެއް ނޫނެވެ. ތިބޭނީ 'ފްރެންޑްސް ވިތު ބެނެފިޓް' އެވެ. ޅަ ދުވަހުއްސުރެ އެކުގައި ކުޅެ މަޖާކޮށް، އެކުގައި 'ކަޅަށް ޖައްސައި'، އެކީ އެއް މަސައްކަތެއް ކުރުމުގައި އުމުރުގެ ބޮޑުބައި ހޭދަ ކުރާ މިތުރުން، އުމުރުގެ ފަހު ފަނަރައަށް އަޅާ ފަހުން ހަތުރުންނަށްވާކަމީ ދުނިޔެ ދައްކާފައި އޮތް ހިތި ހަގީގަތެކެވެ.

ހިތުގައި ނަފުރަތުގެ ކަނި ރޯވާ ސަބަބެއް މެދުވެރިވުމުން އެ ސަބަބަށްވުރެ ދުރަކަށް ވިސްނުން ނުފޯރަ އެވެ. ކުރިން އެކަކަށްޓަކައި އަނެކަކު ވީ ގުރުބާނީ ހަނދާނެއް ނުހުރެ އެވެ. އަމިއްލަ އުފަލުގެ މައްޗަށް އަނެކާގެ އުފާވެރިކަން އިސްކުރި ހަނދާނެއް ނުހުރެ އެވެ. ވިސްނުން ފޯރަނީ އިއްޔެ ހިނގި، ހިތަށް އުނދަގޫކުރި ހާދިސާއާ ހަމައަށް އެކަންޏެވެ. އެހިސާބުން، ރުހުމުގެ ލޮލަށް އައިބު ނުފެންނަ ފަދައިން، ނުރުހުމުގެ ލޮލުން ބެލީމާ އަނެކާގެ ކިބައިން ރަނގަޅު އެއްކަމެއް ވެސް ނުފެންނާނެ އެވެ.

ވެއްޖެނަމަ މީހަކާ

ތެއްރަހުމަ މިޒަމާނުގާ

ގެންގޮސް ގެއަށް އަތުހިފާ

އެއްތަށިން ނޫނީ ނުކާ

ދެން އެހިތް ނެތި ހިނގައިދާނޭ

ފެން ނުބޮނީސް ކެނޑިދާނޭ

މިއީ އަޅުގަނޑުމެންގެ ގިނަ ބަޔަކު ވަރަށް ފަރިތަ ރައިވަރެކެވެ. އަދަބިއްޔާތުގައި ރައިވަރު ފަދަ އެވޭލާ، ތަދު ބަހާއެއްގައިވެސް މި ރައިވަރު އަޅުގަނޑުމެންގެ މެދުގައި މިހައި މަޝްހޫރުވެފައި އެއޮތީ ރައިވަރުގައި ބުނާ ވާހަކައިގެ ތެދުކަމުންނެވެ. އެ ކިޔައިދެނީ އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ދިރިއުޅުމުގެ ވާހަކަ ނޫންތޯ އެވެ.

ޝޯލޭގެ 'ޖެއި-ވީރޫ' ފަދަ އެކުވެރިކަމުގެ 'ނަމޫނާ' ޖޯޑުތައް ރުޅިވެ، ހިތާހިތުގެ ގުޅުން ކަނޑާލައި، އޮތްނަމަ އޮތް އިހުސާސެއް އަޅިއަށް ހަދާލާފައި ދާތަން އެ ފެންނަނީ މަދެއްކޮށެއް ނޫނެވެ. އެކަކު އަނެކަކުގެ ހިމާޔަތުގައި ހެދި ދޮގުތައް ފަހުން ހަދަނީ އެކަކު އަނެކަކު ބަދުނާމު ކުރުމަށެވެ. އެކަކު އަނެކަކު އިލްޒާމުން ބަރީއަކުރުމަށް ކުރި މަސައްކަތް މިއަދު ކުރަނީ އެކަކު އަނެކަކަށް ތުހުމަތު ކުރުމަށެވެ.

މުޖުތަމައުގެ ކޮންމެ ފަންތިއަކަށް ބެލިނަމަވެސް މިފަދަ 'ލަވް-ހޭޓް ރިލޭޝަންޝިޕް' ތައް ފެންނާނެ އެވެ. މި ބަލާލަނީ ދުނިޔެ އާއި ރާއްޖޭގެ ސިޔާސީ މަސްރަހުން ފާހަގަކުރެވޭ މިފަދަ ބައެއް ޖޯޑުތަކަށެވެ.

އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެނގެފާނު - ޝަމްސުއްދީނު ރަދުން



ހިޖުރައިން 1320 ވަނަ އަހަރުގެ ހައްޖު މަހުގެ 11 ވިލޭރޭ، ގަދަބާރާއެކު އަތިރީގޭ އަބްދުލްމަޖީދު ދީދީ އާއި ގަލޮޅުގޭ މުހައްމަދު ދީދީ ގަނޑުވަރުތެރެއަށް ވަދެވަޑައިގެންނެވީ މުލީގޭ މަނިއްޕުޅު ގޮވައިގެންނެވެ. މި ބުނެވުނު މުލީގޭ މަނިއްޕުޅަކީ އައްސުލްތާން އިބްރާހީމް ނޫރައްދީން އާއި ވެޔޮދޮށުގޭ މަނިއްޕުޅުގެ ދޮން ގޮމާގެ ދޮށީ ދަރިކަލުންނެވެ. އެރޭ، ގަނޑުވަރުތެރެއަށް ވަދެގަނެ، ހެދި އެއްޗެއް ހަދައި ނުކުމެ، އަބްދުލްމަޖީދުގެ އަމުރުފުޅަށް ޖެއްސެވި ބެރާއިއެކު މި މުލީގޭ މަނިއްޕުޅު، ޝަމްސުއްދީން ރަދުންގެ ގޮތުގައި ދިވެހި ރަސްކަމަށް އިސްކުރެވިއްޖެ އެވެ.

އަތިރީގޭ ބޭފުޅުންނާ ބޭއްވެވި ގާތް ގުޅުމުން ބާރު ލިބިވަޑައިގެން ޝަމްސުއްދީނު ކުރައްވަމުން ގެންދެވީ ބާރުގަދަ ވެރިކަމެކެވެ. ވެރިކަމުގެ ފުރަތަމަ ވިއްސަކަށް އަހަރު ތެރޭގައި އަތިރީގޭ ބޭފުޅުންނާއި ޝަމްސުއްދީން ރަދުންގެ ގުޅުން ދިޔައީ ހަރުދަނާވަމުން ވަރުގަދަ ވަމުންނެވެ. އަތިރީގެއާ އޮތް ގާތްކަމުގެ ގުޅުން އާއިލީ ގުޅުމަކަށް ހެއްދެވުމަށްޓަކައި އެންމެ ފަހުން ޝަމްސުއްދީނުގެ ދަރިކަލުން ޕްރިންސް އިއްޒުއްދީނާއި، އަތިރީގެ އާމިނާ ދީދީ ނުވަތަ އާގޭ ދީދީއާ ކައިވެނި ކުރުވުނެވެ. މިއީ ރަސްކަމުގައި އަތިރީގޭ ބާރު ރަމްޒުކޮށްދިނުމަށް ހެދުނު ސިޔާސީ އިންތިޒާމެކެވެ. އެހެން ނަމަވެސް، ޕްރިންސް އިއްޒުއްދީނުގެ އުޅުން ބެހެއްޓެވި ގޮތާއި، އާގޭ ދީދީއާމެދު ކަންވެގެންދިޔަ ގޮތާއި، އެ 'ގެއްލުނު ފުރާވަރު' ގެ އަސަރު ކުރީ އަތިރީގޭ ބޭފުޅުންނާއި ޝަމްސުއްދީން ރަދުންނާ ދެމެދު އޮތް ގާތް ގުޅުމަށެވެ.

ވެރިކަމާމެދު ބޮޑުންގެ ގިނަ ބަޔަކު ނުރުހުމުގެ އަސްލަކީ ވެސް އަތިރީގޭ ބޭފުޅުންނާއި ޝަމްސުއްދީނާ އޮތް ގުޅުން ހީނަރުވުމެވެ. އޭރު އިންތިޒާމުތައް ރޭވިފައި އޮތް ގޮތުން ހަގީގަތުގައި ބޮޑުންނާއި ވެރިކަމާ ދެމެދު އޮތް ފާލަމަކީ އަތިރީގޭ ސިޔާސީ ބޭފުޅުންނެވެ. ވެރިކަމާމެދު އެ ބޭފުޅުން ނުރުހުން ވުމުން ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ތާއީދު ވެސް ޝަމްސުއްދީނަށް ދިޔައީ ގެއްލެމުންނެވެ.

ނަތީޖާއަކަށް ވެގެން ދިޔައީ އެންމެ ފަހުން ވެރިކަން ފުރޮޅާލުމަށް އަތިރީގޭ ބޭފުޅުން ނިންމެވުމެވެ. ހަމައެކަނި ވެރިކަން ފުރޮޅާލެއްވީކީ ނޫނެވެ. ޝަމްސުއްދީނާއި، އިއްޒުއްދީން ކުށްވެރިވެ، މުދާތައް ވެސް ދައުލަތަށް ނަންގަވައި، އެ ދެބަފައިކަލުން ފުވައްމުލަކަށް އަރުވާލީ އެވެ. އެ ރަށުގައި އުޅުއްވަންޖެހިވަޑައިގަތީ އެކަނިވެރި ދަތި ދިރިއުޅުމެކެވެ. އިއްޒުއްދީން އަވަހާރަވީ ފުވައްމުލަކުގައި 1940 ވަނަ އަހަރު އެވެ. އެ ހިތާމަފުޅުގައި ޝަމްސުއްދީންގެ އާލާސްކަންފުޅު ބޮޑުވެ، ފަރުވާކުރުމަށްޓަކައި މާލެއަތޮޅު ވިލިނގިއްޔަށް ބަދަލުކުރެވުނެވެ. އަވަހާރަވީ 1947 ވަނަ އަހަރު މާލޭގަ އެވެ.

މުހައްމަދު އަމީން - އިބްރާހީމް މުހައްމަދު ދީދީ

އަމީން ދީދީއާއި، ވެލާނާގޭ އިބްރާހީމް ދީދީ


ވެލާނާގޭ އިބްރާހީމް ދީދީއަކީ އެންމެ ފުރަތަމަ އެކުލަވާލި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ. ހަމަ އެމަޖިލީހުގެ އެންމެ ނުފޫޒު ގަދަ އެއް މެންބަރަކީ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ އެވެ. އެއީ އޭރުއްސުރެ ގާތް، ވަރަށް ގާތް އެކުވެރިންނެވެ. އެއީ ރައީސް އަމީން ދީދީއަށް 'އިބްރާހީމްބެ' އެވެ.

ރާއްޖެ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުކުރެވި، ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްއަކަށް އަމީން ދީދީ ވެވަޑައިގަތުމާއެކު، ނާއިބު ރައީސެއްގެ ގޮތުގައި ވެލާނާގޭ އިބްރާހީމް ދީދީ އައްޔަނުކޮށް މަގާމު ހުށަހެޅުމުން އިބްރާހީމް ދީދީ ފުރަތަމަ ކުރެއްވީ އިއުތިރާޒެވެ. ސަބަބަކީ ވެލާނާގޭ އިބްރާހީމް ދީދީއަކީ އެއްވެސް ގޮތަކުން ވެރިކަމުގެ ކުރީ ސަފުގައި އުޅުއްވަން ބޭނުންފުޅުވާ ބޭފުޅަކަށް ނުވުމާއި، އަމުދުން ވެރިކަން ބޭނުންފުޅުވާ ބޭފުޅަކަށް ނުވުމެވެ. ނާއިބު ރައީސްކަން ގަބޫލުކުރެއްވީ، ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާނޭ ކަމުގެ ޔަގީންކަން އަމީންދީދީ ދެއްވުމުންނެވެ.

އެ ދުވަސްވަރަކީ ވެރިކަމުގެ ވައްޓަފާޅިއަށް އިންގިލާބީ ބަދަލުތައް އަންނަމުންދިޔަ ދުވަސްވަރެވެ. ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ނިންމުންތައް ނިންމަމުން ދިޔައީ ހަމަ ކުއްލި ކުއްލިއަށެވެ. ދުންފަތް މަނާކުރެއްވުމާއި އެކި ކުށްކުށުގައި މީހުންނަށް ބޮޑެތި އަދަބުތައް ދެއްވުން ފަދަ ކަންކަމާ އިބްރާހީމް ދީދީ ނުރުހިވަޑައިގެން އެކަމުގެ ޝަކުވާ ދަންނަވަ އެވެ. ދައުލަތުގެ ފައިސާ ބޭނުންކުރައްވާ ގޮތާމެދުވެސް ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާކަން ފާޅުކުރެއްވި އެވެ. އިރެއްގައި ވެރިކަމުގެ ބައިވެރިން ކަމުގައި ހިމެނުނު، އިބްރާހީމް ނާސިރާއި މުހައްމަދު ޒަކީ ބާކީ ކުރައްވައި، އަހުމަދު ޒަކީ ކުށްވެރިކުރައްވައި އަދަބު ދެއްވުމަކީވެސް އިބްރާހީމް ދީދީގެ ހިތްޕުޅަށް އުނދަގޫފުޅުވި ކަންކަމެވެ.

އިބްރާހީމް ދީދީ ގެންދެވީ އަމީންދީދީއަށް އަބަދުވެސް ނަސޭހަތްތެރި ވެވަޑައިގަންނަވަމުންނެވެ. އެންމެފަހުން އަމީންދީދީ ވަރަށް ކޯފާވެފައި "ތިއީ އިބްރާހިމްބެއާ ބެހޭ ކަމެއް ނޫނޭ، އިބްރާހިމްބެ އަށް ދަތިވާ ކަމެއް އެބައޮތްތޯއޭ" ވިދާޅުވިކަމަށް 'އޯކިޑް' ގައި ނޫސްވެރިޔާ މުހައްމަދު ޖަމީލް ލިޔުއްވާފައި އޮވެ އެވެ.

ކަމަކަށްފަހު ކަމެއް، ޝަކުވާއަކަށް ފަހު ޝަކުވާއެއް ޖަމާވަމުން ފުނިޖެހެމުން ގޮސް، އެންމެ ފަހުގެ ނަތީޖާއަކަށްވީ، މާލޭގެ ބޮޑުންނާ ގުޅި، ޒަމާންވީ އެކުވެރިޔާގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިބްރާހީމް ދީދީ ވެސް ނިންމެވުމެވެ. ވެރިކަމުގެ ބާރުތައް ފުރޮޅާލައި، ދައުލަތުގެ ކަންކަން ހިންގެވުމާ އިބްރާހީމް ދީދީއާއި ފާމުލަދޭރި ކިލެގެފާނު ހަވާލުވެޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްކުރުވައިގެންނެވެ. އޭރު އަމީންދީދީ ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. ވަޔަރުލެސް އޮފީހުގެ ކޮންޓްރޯލް އޮތީ އިބްރާޙީމް ދީދީ އަތްޕުޅުގަ އެވެ. ވެރިކަމުން ދުރުކުރެވުނުކަން ނާންގަވައި، އަމީން ދީދީއަށް އެންގެވީ ރައްޔިތުންގެ ހަޅުތާލެއް ހިނގާކަމަށާއި، އަވަހަށް ރާއްޖެއަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. ރާއްޖެ ވަޑައިގަތުމުން ގެންދެވުނީ ދޫނިދޫ އަށެވެ. އެންމެ ގާތް އެކުވެރިޔާ 'ބޭވަފާތެރި' ވެއްޖެކަން އަމީންދީދީއަށް އެނގިވަޑައިގަތީ ވެސް އެ ހިސާބުންނެވެ. އެއީ އޭގެ ކުރިން އެއްގޮތަކަށްވެސް ވިސްނަވާފައި އޮތް ކަމެއް ނޫނެވެ.

"އާއެކެވެ. ދުނިޔެއަކީ ވަރަށް ގިނަ ފަހަރަށް ބޭވަފާތެރި އެއްޗެކެވެ. ނަސީބާއި، ކާމިޔާބުގެ ސިޑިން މީހަކު އަރަމުން ދާއިރު، ދުނިޔެ އޮންނާނީ އެމީހެއްގެ މައްޗަށް ހިނިތުންވެފަ އެވެ. ނަސީބު ތުންފިއްތައިލުމުން، ދުނިޔެ ތުންފިއްތާން ފަށާނީ ވަރަށް ވެސް އަވަހަށެވެ. އިންސާފެކޭ ކިޔާ އެއްޗެއްގެ ހަނދާން ހުންނާނީ، ދުނިޔެއިން ވަރަށް ވެސް މަދު ބައެކެވެ." ދޫނިދޫގައި ހުންނަވައިގެން ދަރިކަނބަލުންނަށް ފޮނުއްވި ސިޓީފުޅުގައި އަމީންދީދީ ލިޔުއްވާފައި ވެ އެވެ.

އަމީން ދީދީގެ ވެރިކަން ފުރޮޅާލުމުގައި އިބްރާހީމް ދީދީ އަދާކުރެއްވީ ވަރަށްވެސް ބޮޑު ދައުރެކެވެ. އެއް ނަޒަރަކުން ވިސްނާއިރު އަމީން ދީދީގެ ނާއިބު ރައީސަކަށް ހުންނަވައި އެ ވެވަޑައިގަތީ ވަރަށް ބޮޑު ހިޔާނާތެއް ކަމަށް ދެންނެވިދާނެ އެވެ. އަނެއްކޮޅުން ބަލާއިރު، އަމާނާތްތެރިވާންވީ ރައްޔިތުންނަށްތޯ ނުވަތަ ރައީސަށް އަމާނާތްތެރިވެ، ހެއްދެވިހާ ގޮތަކަށް ރުހިގެން ހުންނަންވީތޯ އެއީ ވެސް އިބްރާހީމް ދީދީގެ ކުރިފުޅުމަތީގައި އޮންނާނޭ ސުވާލެކެވެ.

ކޮންމެޔަކަސް ބާރުގަދަ ދެ އެކުވެރިންގެ ގުޅުން ނިމިގެން ދިޔައީ އެކުވެރިކަމުގެ އުފަލަށްފަހު، ހިޔާނާތާއި ހީލަތާއި އަނިޔާވެރިކަމުގެ މަންޒަރުވެސް އޭގެ އެންމެ ހިތި ގޮތުގައި ދައްކާފަ އެވެ.

އިބްރާހިމް ނާސިރު - އަހުމަދު ޒަކީ


އަމީންދީދީގެ ވެރިކަން ފުރޮޅާލުމުގެ ފިކުރު އެންމެ ފުރަތަމަ ކުރެއްވި ބޭފުޅުންނަކީ މުހައްމަދު ޒަކީ އާއި އަހުމަދު ޒަކީ އަދި އިބްރާހިމް ނާސިރެވެ. އެ ތިން ބޭފުޅުން ރޭއްވެވުމަށް ފަހު އެކަން އިބްރާހިމް ދީދީއާ ފަހުން ހިއްސާކުރައްވައި، އިބްރާހީމް ދީދީ ވެސް އެކަމުގެ ތެރޭގައި ޝާމިލު ކުރެއްވީ އޭނާ އަދާކުރައްވަންޖެހިޑައިގަންނަވާ ދައުރުގެ ބޮޑު ކަމުންނެވެ.

އަހުމަދު ޒަކީ އާއި ނާސިރުގެ ނަން އެއީ އޭރު އެކުއެކީގައި ކިޔޭ ދެ ނަމެވެ. ސިޔާސީ މަސައްކަތްޕުޅުގައި ދެ ބޭފުޅުން އެއް މިސްރާބަކަށް އަމާޒު ހިއްޕެވުމުން ކާމިޔާބީއަކަށް ފަހު ކާމިޔާބީއެއް ގެންދެވީ ހޯއްދަވަމުންނެވެ. ހައިޖާނެއްގެ ތެރެއިން ދެވަނަ ޖުމްހޫރިއްޔާ އުފަންކުރުވުނުއިރު ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކަށް ވެވަޑައިގެންނެވީ ރައީސް އިބްރާހީމް ނާސިރެވެ. ބޮޑުވަޒީރަކީ އަހުމަދު ޒަކީއެވެ. ރައީސްގެ ބާރުތަކަކީ ކޮބައިކަމެއް ބޮޑުވަޒީރުގެ ދައުރަކީ ކޮބައިކަމެއް ސާފުކޮށް އެނގެން ނެތް ބަރުލަމާނީ ފާޑަކަށް ވެރިކަން ހިންގަމުން ގެންދިޔައިރު ރަސްމީ އިންތިޒާމުތައް ދިޔައީ މުޑިއަރަމުންނެވެ.

އެ ދެމެދުގައި ޖެހެން ފެށި ކުނީގެ އަސްލަކީ ޒާތީ ކަމެއް ކަމަށް ވަރަށް ސިއްރުން މާލެ ތެރޭގައި ކިޔައި އުޅެ އެވެ. ދެ ބޭފުޅުންގެ ގާތް ބޭފުޅުން ދެ ބޭފުޅުންނަށް ކުރައްވާ އިހުތިރާމެއްގެ ބޮޑުކަމުން، އެ ދެކެވެމުންދިޔަ ވާހަކަ ތާރީހުގައި ލިޔެވޭ ވަރަށް ރަނގަޅަށް ދައްކާލާކަށް އެކަކަށްވެސް ނުކެރުނެވެ. ނަތީޖާއަކީ ތާރީހުގެ އަތުން އެ ސިއްރު އަބަދަށް ފޮރުވާލުމެވެ.

ރަސްމީ މަސައްކަތުގެ ތެރެއިން ދެ ބޭފުޅުންގެ ދެމެދުގައި އުފެދެމުން ދިޔަ ނުތަނަވަސްކަމުގައި، ބޮޑުވަޒީރު އަހުމަދު ޒަކީ، ރައީސް ނާސިރު އެކަހެރިކުރައްވަން މަސައްކަތްކުރައްވާ ކަމަށް ނާސިރަށް އޮތީ ތުހުމަތުކުރެވިފަ އެވެ. އެ ފިތުނައިގެ ހުޅަށް ދަރުއަޅާން ދެ ބޭފުޅުންގެ 'އެކުވެރީން' ވެސް ކެނޑިނޭޅި މަސައްކަތް ކުރެއްވީ އެވެ.

ކުޑަ ބުރާސްފަތި ނުވަތަ ކަޅު ބުރާސްފަތި ލައިގަތީ މި ފިތުނަވެރިކަމުގައި ރާއްޖެ އޮއްވަ އެވެ. އޭގެ ކުރިން އައި ބޮޑުބުރާސްފަތި ލައިގަތީވެސް އަހުމަދު ޒަކީގެ ބޮޑުވަޒީރުކަމުގައި ޖޫން 13، 1974 ގަ އެވެ. އެ ދުވަހު ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ހެދުމުގެ ގޮތުން ވަރަށް ގިނަ ބަޔަކު ސިފައިންގޭ ކުރިމައްޗަށް، ގުޅަކުޅޭފަސްގަނޑަށް އެއްވި އެވެ. ކިތަންމެ ގިނަ ބަޔަކު އެއްވިނަމަވެސް ކަމުފޮޅޭ ގޮތެއް ނުވި އެވެ. ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ބާރުގެ ބޭނުންކޮށްގެން ރައްޔިތުން ހަންމަތަކުރި އެވެ.

އެ ދުވަހު ސަރުކާރު ސަލާމަތްވި ނަމަވެސް، މިއީ ރައީސް ނާސިރާ ދެކޮޅަށް އަހުމަދު ޒަކީ ރޭއްވެވި ރޭއްވެވުމެއްކަމަށް ކިޔާ މީހުން މާލެތެރޭގައި ކިޔައި އުޅުނެވެ. ރައީސް ނާސިރުގެ ކަންފަތްޕުޅަށްވެސް މިއަޑު ފޯރި އެވެ. ބޮޑު ބުރާސްފަތީގެ ކަންތައްގަނޑު ލައިގަތްއިރު ޒަކީ އިންނެވީ ބޭރުގެ ބޭފުޅުންކޮޅަކާ ބައްދަލު ކުރައްވަން ތީމުގޭގަ އެވެ. އެތަނުގައި އިންނަވަނިކޮށް މިކަންތައްގަނޑު ޖެހުމުން ނާސިރު ކާރުކޮޅުގައި ވަޑައިގެން ޒަކީ ނަންގަވައިގެން ބަނޑޭރިގެޔަށް ވަޑައިގަތީ އެވެ. އެއް ބަޔަކު ދެކޭ ގޮތުގައި އެއީ ބޮޑުވަޒީރުގެ ހިމާޔަތަށް ނާސިރު ކުރެއްވި ކަމެކެވެ. އަނެއް ބައެއްގެ ނަޒަރުގައި އެއީވެސް އެފަދަ ވަގުތެއްގައި ޒަކީ ގޯހެއް ހައްދަވާފާނެ ކަމަށް ނާސިރު ބައްލަވާތީ ކުރެއްވި ކަމެކެވެ.

ޒަކީ އާއި ނާސިރު އެކުގައި ކުރެއްވި ކަންކަމަށް ބަލާއިރު ބޮޑު ބުރާސްފަތި ރޭއްވެވުމަކީ އަހުމަދު ޒަކީ ކުރައްވަފާނޭ ބާވަތުގެ ކަމެއްކަން ނާސިރަށް އެނގިވަޑައިގަންނަވާނެ އެވެ. ދެ ބޭފުޅުންގެ ބައިވެރިވުމާއެކު އިބްރާހީމް ދީދީއާ ބައިވެރިވެގެން އަމީން ދީދީގެ ވެރިކަން ފުރޮޅާލެއްވުމަށްފަހު އިބްރާހީމް ދީދީ ބާރުވެރިކުރުވައި، ފަހުން އެބާރު ނެތިގެން ދިޔައީ ކޮން ހިންތައަކުންކަން ވެސް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނޭ ބޭފުޅަކީ ރައީސް ނާސިރެވެ.

ކުޑަ ބުރާސްފަތި ލައިގަތީ ވެރިކަމުގެ ސިޔާސަތުތައް ބޮޑުންގެ މެދުގައި އޮތް ޝައްކާއި ވަހުމުގެ ތެރެއަށް ދޫކޮށްލެވިފައި އޮއްވަ އެވެ. އެއީ މާޗް 6، 1975 އެވެ. އެދުވަހު ސިފައިންގެ ބެލުމުގެ ދަށުން އޭރުގެ ވަޒީރުލް އައުޒަމް އަހުމަދު ޒަކީ ދޫނިދޫގައި ބަންދުކުރެއްވި އެވެ. އަދި އަހުމަދު ޒަކީ ބޮޑު ވަޒީރުކަމާއި މިނިސްޓަ އޮފް އެކްސްޓާނަލް އެފެއާޒް ކަމުގެ މަގާމުން މާޗް 8، 1975 ގައި ވަކިކުރައްވައި ޏ. ފުވައްމުލަކަށް ފޮނުވާލެވުނެވެ.

މިއީ އިހަށް ދުވަހާ ޖެހެންދެން އެކުވެރިންގެ ގޮތުގައި ތިއްބަވައި ރާއްޖޭގެ ސިޔާސީ ކުރިބޯށްޓަށް އެރުއްވި ދެ މިތުރުންގެ ވާހަކަ އެވެ. ވެރިކަމުގެ ބާރާ ޖެހުމުން ސިޔާސަތުތަކުގައި ވިސްނުން ކަފިވެ ފިކުރު ތަފާތުވާ ގޮތުގެ ވާހަކަ އެވެ. މައްސަލަ ހައްލުކުރުމުގައި ހަމަ ވިސްނުމުގެ މައްޗަށް ބާރުވެރިކަން އިސްކުރުމުން ވާ ގޮތުގެ ވާހަކަ އެވެ.

މިއީ ރާއްޖޭގައި އެކަނި ހިނގާ ކަމެކޭ ހީފުޅުވާނަމަ، މި ވާހަކަތައް ވެސް ވިދާޅުވާށެވެ. ސިޔާސީ މުނާފިގު ކަމަކީ ރާއްޖެއަށް ހާއްސަ ކަމެއް ނޫނެވެ. ދެ މިސާލަކަށް ބަލާލާނަމެވެ.

މަހާތީރު މުހައްމަދު - އަންވަރު އިބްރާހިމް



މެލޭޝިއާގެ އެންމެ ވަރުގަދަ، ނަން ހިނގާ ސިޔާސީ ދެ ލީޑަރުންނަކީ މަހާތީރާއި އަންވަރެވެ. 'ޔުނައިޓެޑް މެލޭސް ނެޝަނަލް އޯގަނައިޒޭޝަން' އިން ވެރިކަން ކުރަމުން ދިޔައިރު މަހާތީރަކީ ބޮޑުވަޒީރެވެ. އަންވަރަކީ ދީނީ ތައުލީމު ހާސިލުކޮށް، އިސްލާމިކް ޔޫތު ލީޑަރެއްގެ ގޮތުގައި ޒުވާނުންގެ މެދުގައި ހޯދި މަގުބޫލުކަމުގެ ބޭނުންކޮށް ގާނޫނު ހަދާ މަޖިލީހަށް އިންތިހާބު ވެގެން ހުރި، އަރަމުން އަންނަ ސިޔާސީ ލީޑަރެކެވެ. މަހާތީރުގެ ދައުވަތަކަށް އަންވަރު ޔުނައިޓެޑް މެލޭސް ނެޝަނަލް އޯގަނައިޒޭޝަންއާ ގުޅުނީ 1982 ވަނަ އަހަރު އެވެ. މަހާތީރު އޭނާއަށް ކުރި އިތުބާރާއި، އުފެދުނު އެކުވެރިކަމުގެ ގާތް ގުޅުމާއެކު އަންވަރުގެ ސިޔާސީ ތަރީގެ އަލި ދިޔައީ ގަދަވަމުން، ވިދަމުންނެވެ. އެންމެ ފަހުން، 1993 ގައި މަހާތީރުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރުގެ ގޮތުގައި އައްޔަނުކުރެވުނީ ވެސް އަންވަރެވެ.

އެ އެކުވެރިކަމުގެ ވާހަކައިން މެލޭޝިއާގެ ޒުވާނުންގެ އެކުވެރިކަން ސިފަކޮށް އުޅުނެވެ. 'މަހާތީރު-އަންވަރު' އެއީ އެކުވެރިކަމުގެ ތައުރީފެވެ.

އެހެން ނަމަވެސް 1998 ވަނަ އަހަރު، މެލޭޝިއާއަށް ކުރިމަތިވަމުންދިޔަ އިގްތިސާދީ ދަތިކަމުން އަރައިގަނެވޭނޭ ގޮތަކާމެދު ކުރެވުނު މަޝްވަރާތަކުގައި އުފެދުނު ހިލާފުތަކުގައި މަހާތީރާއި އަންވަރާ ދެމެދު މައްސަލަ ޖެހުނެވެ. މިއީ ބޭރުފުށަށް ދެއްކި ސަބަބެވެ. އެ މައްސަލައިގެ އަސްލެއްކަމުގައި ބެލެވެނީ މަހާތީރު ބޮޑުވަޒީރުކަމުން ރިޓަޔަ ކުރުވައި، ބޮޑުވަޒީރު ކަމަށް އައުމަށް އަންވަރު ސިއްރިޔާތުގައި މަސައްކަތް ކުރަމުންދިޔަކަން މަހާތީރަށް ހިލަންވުން ކަމަށް މެލޭޝިއާގެ ނޫސްތަކުން އޭރު ރިޕޯޓުކުރި އެވެ.

އެ މައްސަލަ ހައްލުނުކުރެވި، އެންމެ ފަހުން އަންވަރު މަގާމުން އިސްތިއުފާ ދިނުމަށްފަހު 'ރިފޯމަސި' ނުވަތަ ރިފޯމްގެ ނަމުގައި އައު މޫވްމަންޓެއް އުފައްދައި، ޔުނައިޓެޑް މެލޭސް ނެޝަނަލް އޯގަނައިޒޭޝަން (އަމްނޯ) އާ ދެކޮޅަށް މުޒާހަރާކުރުމަށް އެތައް ހާސް ބަޔަކު މަގު މައްޗަށް ނެރުނެވެ. ޕާޓީގެ އެތެރެއިން ކުރިމަތިކުރި ފިއްތުންތަކާއެކު މަހާތީރުގެ އަމުރަށް އަންވަރު ހައްޔަރުކުރެވުނެވެ. އަދި ކޮރަޕްޝަނާއި އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގައި އަންވަރުގެ މައްޗަށް ފުރަތަމަ ފަހަރަށް ދައުވާ ކުރެވުނީ ވެސް މަހާތީރުގެ ވެރިކަމުގަ އެވެ.

އޭގެ ފަހުން މަހާތީރާއި އަންވަރު އެކުގައި މަސައްކަތް ކުރި ނަމަވެސް، މަސައްކަތްކުރީ ސިޔާސީ ބައިވެރިންގެ ގޮތުގަ އެވެ. އެކުވެރިންގެ ގޮތުގައެއް ނޫނެވެ.

ރާޖަޕަކްސާ - ސިރިސޭނާ


ބާރުގަދަ، ވަރުހުރި ވެރިކަމެއްގެ އެއް ދައުރު ނިންމާލައި، އަނެއް ދައުރުގެ އިންތިހާބަށް ކުރިމަތިލުމަށް ރާޖަޕަކްސާ ދިޔައީ ތައްޔާރުވަމުންނެވެ. ސިޔާސީ ވާދަވެރިން ތިބީ ޖަލުގައި ނުވަތަ ބިރުދައްކާފައި ނުވަތަ ގަނެލާފަ އެވެ. މުޅި ލަންކާގެ ސިޔާސީ މަސްރަހު އެކީއެކަށް އޮތީ ރާޖަޕަކްސާގެ މުށުތެރޭގަ އެވެ.

އޭރުގެ ހެލްތު މިނިސްޓަރު، އަދި ގާތް އެކުވެރިޔާ މައިތިރިޕާލާ ސިރިސޭނާ އިނީ ރާޖަޕްކްސާއާއެކު ރޭގަނޑުގެ ކެއުމަށް އިންސާފުކުރާށެވެ. ދެކެވެމުން ދިޔައީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ތައްޔާރީތަކުގެ ވާހަކަ އެވެ. މި އިންތިހާބުގައި ރާޖަޕަކްސާއާ ވާދަކުރާނޭ މީހަކު ވެސް ނެތްކަމަށާއި އެހެންކަމުން އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބުކުރެވޭނޭކަމަށް ރާޖަޕަކްސާ ފުރަތަމަ ބުނީ ސިރިސޭނާ ކައިރީގައި، އެ ބައްދަލުވުމުގަ އެވެ.

"ވާދަ ކުރާނޭ މީހަކުވެސް ނެތްކަމަށް ދެކިގެން ހުރެ ރާޖަޕަކްސާ އެވާހަކަ ބުނުމުން އަހަރެން އޭނާއާމެދު ހަމްދަރުދީވި،" އޭރުވެސް ރައީސްކަމަށް ވާދަކުރަން ނިންމައިގެން، އެކަން ސިއްރުކުރައްވައިގެން ހުންނެވި ސިރިސޭނާ ފަހުން ކެމްޕެއިން ޖަލްސާއެއްގައި ބުންޏެވެ.

ރާޖަޕަކްސާގެ އެންމެ އަރިސް އެއް ބޭފުޅަކީ އޭރުގެ ހެލްތު މިނިސްޓަރު ސިރިސޭނާ އެވެ. މަޑުމައިތިރި މިޒާޖެއްގެ ސިރިސޭނާއަކީ ފެންނަ ފެނުމަށް ބަލާއިރު 'ގެންގުޅެން ފަސޭހަ' މީހެއްގެ ގޮތުގައި ރާޖަޕަކްސާ ދެކުނެވެ.

ޗައިނާއާއެކު ބޭއްވި ގާތް ގުޅުމާއި، އާއިލާގެ ބޭފުޅުން ސަރުކާރުގެ އިސް މަގާމުތަކަށް ގެނައުމަކީ ރާޖަޕަކްސާއާ ދެކޮޅަށް ނުކުންނަން ޖެހުނު ސަބަބުކަމަށް ސިރިސޭނާ އިއުލާނުކުރިނަމަވެސް، ރިޔާސީ އިންތިހާބުގައި ވާދަކުރާނޭކަން އިއުލާނުކުރުމުގެ ކުރިން އެއިން އެއްވެސް ކަމަކާ ސިރިސޭނާ ދެކޮޅު ހައްދަވާފައެއް ނުވެއެވެ. ރާޖަޕަކްސާއާ ވާދަކުރާން ތިބި އެންމެން އެކަހެރިކޮށްލުމުގައި ރާޖަޕަކްސާއަށް ވާގިވެރިވުމަށްފަހު، މަގު ސާފުވުމުން ރާޖަޕަކްސާއަށް ވެސް ހީލަތް ހެދީ އެވެ. އެއީ ދުރަށް ވިސްނައިގެން ރާވައިގެން، ތަރުތީބުން ކުރިއަށް ގެންދިޔަ ސިޔާސީ ކުޅިއެކެވެ.

މުހައްމަދު ނަޝީދު - އިބްރާހިމް މުހައްމަދު ސޯލިހު


އެއީ ޅަ ދުވަހުގެ މިތުރުންނެވެ. މިހާރު ދެބައި އުމުރަށްވުރެ މަތީގައި ތިބި ދެބޭފުޅުންގެ އުމުރުގެ 'ޗާލާ ޒަމާން' ހޭދަކުރެއްވީ އެކުއެކީގަ އެވެ. ސިޔާސީ މަސައްކަތުގައި އުޅުއްވީ އެކުއެކީގައި އެއް އަމާޒެއް ހާސިލުކުރުމުގަ އެވެ. އެ ފޮޓޯއަކުން ރައީސް ނަޝީދު ފެންނަ ކޮންމެ ފޮޓޯއެއްގެ ފަހަތުގައި، ފަނޑުކޮށް ފެންނަން ހުންނާނީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. ކާމިޔާބަސް، ނާކާމިޔާބަސް ތަހުގީގަކަސް ޝަރީއަތަކަސް ޖަލަކަސް ގޭބަންދަކަސް އަބަދުވެސް ރައީސް ނަޝީދުގެ ފަހަތްޕުޅުގައި އެންމެ އަރިހުގައި ހުންނަވާ އެކަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. އެ ދެބޭފުޅުންގެ އެކުވެރިކަމުގެ ވާހަކައަކީ ދައްކައި ކޮޅުންލާނޭ ވާހަކަތަކެއް ނޫނެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބަށް އިއުލާނުކުރެވުނު އަމިއްލަފުޅަށް ކުރިމަތިލެވެން ނެތުމުން އެ ފުރުސަތު ލިބިވަޑައިގަތީ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށެވެ. އިންތިހާބުގެ ވެސް މާކުރިން، ދެ ބޭފުޅުންގެ އެކުވެރިކަމުގައި ރެނދުލައިފިކަން ކައިރީގައި ތިބި އެންމެނަށް އޮތީ ފެނިފަ އެވެ. އެހެން ނަމަވެސް އެވަގުތަށް ހަމަނުޖެހުމަކަށް ނުގޮސް، ގައުމީ މަސްލަހަތު އިސްކޮށް ދެ ބޭފުޅުން އެކުގައި މަސައްކަތްކުރެއްވީ އެވެ.

އެ ގުޅުމުގައި އެޅިފައި އޮތް ކޫރުން ފިލުވާނުލެވި އިތުރަށް ގޯސްވީ ދެ ބޭފުޅުންގެ މެދުގައި އޮތް ނުތަނަވަސްކަމުގެ ތެރެއަށް ދެ އާއިލާއިން ވަނުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބޯމަތިވިއިރުވެސް މިހާރު މި ފެންނަ މަންޒަރުތައް އޮތީ ފެންނާން ފަށައިފަ އެވެ. އެ މަންޒަރުތައް ބޭރަށް ފެންނާން އެ ފެށީ މިހާރު އެވެ. ހުޅު ފަޅައިގެން ދިއުމުންނެވެ.

ކުރިއަށް މިއޮތް ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެ، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތުހުމަތުކޮށް، މަލާމާތްކޮށް ފާޑުކިޔާ ގޮތާއި، އެ ގެންގުޅޭ ބަސްމަގަށް ބަލާއިރު ދެ ބޭފުޅުންގެ ދެމެދުގައި ކުރިން އޮތް ގުޅުން އަލުން އިއާދަ ވެދާނޭ ހަމަ އެއްވެސް މަގެއް ނުފެނެ އެވެ. ތެދެކެވެ. އިންތިހާބު ނިމުމުން ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވަފާނެ އެވެ. އެހެން ނަމަވެސް، އެއީ ސިޔާސީ ބައިވެރިންގެ ގޮތުގަ އެވެ. އެކުވެރިންގެ ގޮތުގައެއް ނޫނެވެ.