Advertisement

ދުނިޔޭގެ އިގުތިސާދު ދަށްވާން ފެށުން ވަރަށް ގާތްވެއްޖެ: ވޯލްޑް ބޭންކް

12 ޖަނަވަރީ 2023 - 06:55 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ވޯލްޑް ބޭންކްގެ އޮފީހެއް.


ދުނިޔޭގެ އިގުތިސާދު ދަށްވާން ފެށުން ވަރަށް ގާތްވެއްޖެ: ވޯލްޑް ބޭންކް

12 ޖަނަވަރީ 2023 - 06:55 0

ދުނިޔޭގެ އިގްތިސާދު "ރިސެޝަންއަށް ވެއްޓެން" ގާތްވެފައިވާ ކަމަށް ވޯލްޑް ބޭންކުން އިންޒާރު ދީފި އެވެ.

"ރިސެޝަންއަކީ" އިގްތިސާދީ ހަރަކާތްތައް ދަށްވުމެވެ. ވޯލްޑް ބޭންކުން މިހާރު ލަފާކުރަނީ މި އަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަރާނީ 1.7 ޕަސެންޓުން ކަމަށެވެ.

ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ބުނީ އިގްތިސާދު ދަށްވުމުގެ ސަބަބުތަކުގެ ތެރޭގައި ޔޫކްރެއިން ހަނގުރާމަ އާއި ކޮވިޑް ބަލިމަޑުކަމުގެ އަސަރު ހިމެނޭ ކަމަށެވެ.

ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އިންޓްރެސްޓް ރޭޓް މަތިވުމުން ކުރާނެ އަސަރުތައް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ވޯލްޑް ބޭންކްގެ ރައީސް ޑޭވިޑް މަލްޕާސް ވިދާޅުވީ އިގްތިސާދު ދަށްވާނީ ވަރަށް ފުޅާކޮށް ކަމަށާއި ކޮވިޑްގެ ކުރިން ފާއިތުވި 10 އަހަރުގެ ތެރޭގައި މީހުންނަށް ލިބުނު އާމްދަނީ ކުރިއަށް އޮތް ތަނުގައި މައްޗަށް ޖެހޭނީ ވަރަށް ދަށް ސްޕީޑެއްގައި ކަމަށެވެ.

ދުނިޔޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ބެލެވޭ 1.7 ޕަސެންޓަކީ 2009 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ "ރިސެޝަން" ނުހިމަނައި، 1991 ވަނަ އަހަރަށް ފަހު ލަފާކުރެވޭ އެންމެ ދަށް ނިސްބަތެވެ.

ވޯލްޑް ބޭންކުން ބުނީ އެމެރިކާ އާއި ޗައިނާ އަދި ޔޫރޯޒޯންގެ އިގްތިސާދު ބަލިކަށިވެފައިވާ ކަމަށާއި އޭގެ ސަބަބުން ފަގީރު ގައުމުތަކުގެ މައްސަލަތައް ވެސް ގޯސްވަމުންދާ ކަމަށެވެ.

ބަލިމަޑުކަމަށް ފަހު 2021 ވަނަ އަހަރު ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކަށް 5.3 ޕަސެންޓު ކުރިއެރުމެއް ލިބުނެވެ. އެކަމަކު 2022 ވަނަ އަހަރު 2.5 ޕަސެންޓަށް ވެއްޓި، މި އަހަރު 0.5 ޕަސެންޓަށް ވެއްޓޭނެ ކަމަށް ބެލެވެ އެވެ.

"ފާއިތުވި 20 އަހަރަށް ބަލާއިރު، އިގްތިސާދު މިގޮތަަށް މަޑުޖެހެމުންދާ ނަމަ، އެއީ ރިސެޝަން ކުރިމަތިވާން އުޅޭކަމުގެ ނިޝާނެއް،" ބޭންކުން ބުންޏެވެ.

ދުނިޔެ ރިސެޝަންއަށް ހިނގައްޖެ ނަމަ، އެކަން ވާނީ 1930 ގެ އަހަރުތަކަށް ފަހު 10 އަހަރުގެ ތެރޭގައި ދެ ފަހަރަށް ރިސެޝަން ކުރިމަތިވާ ފުރަތަމަ ފަހަރަށެވެ.