8 ޖަނަވަރީ 2023 - 15:21 0
8 ޖަނަވަރީ 2023 - 15:21 0
ނިއު ދިއްލީ (8 ޖެނުއަރީ) - އިންޑިއާގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމަށް އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާގެ އެހީތެރިކަން ލިބޭނެ ކަމަށް އޯލް އިންޑިއާ ފުޓްބޯލް ފެޑަރޭޝަން (އޭއައިއެފްއެފް) އިން ބުނެފި އެވެ.
އާސެނަލްގެ ކޯޗުކަމުގައި 1996 އިން 2018 ވަނަ އަހަރާ ހަމައަށް ވެންގާ، 73، މަސައްކަތް ކުރިއިރު، އާސެނަލް އިން ވަނީ މި މުއްދަތުގައި ތިން ފަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މީގެ ތެރެއިން އެއް ސީޒަންގައި އާސެނަލުން ޕްރިމިއާ ލީގުގެ ތަށި ނެގީ އެއްވެސް މެޗަކުން ބަލިނުވެ އެވެ.
އާސެނަލް އިން ވަކިވުމަށް ފަހު ވެންގާ މަސައްކަތް ކުރަމުންދަނީ ފީފާގެ ހެޑް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓްގެ މަގާމުގަ އެވެ.
ހިންގުމުގެ މައްސަލަތަކާ ގުޅިގެން އޭއައިއެފްއެފް އަށް ފީފާ އިން ދިން ސަސްޕެންޝަނުން ސަލާމަތްވެ، އަލަށް އިންތިހާބުވި ހިންގާ ބޯޑުން ދަނީ އިންޑިއާގެ ފުޓްބޯޅައިގެ މިސްރާބު ރަނގަޅުކުރުމަށް ގިނަ ޕްލޭންތަކެއް އެކުލަވާލަމުންނެވެ. އެގޮތުން، ޔޫތު ޑިވެލޮޕްމަންޓް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ވެންގާގެ ލަފަޔާއި އިރުޝާދު އޭއައިއެފްއެފް އިން ބޭނުންކުރާނެ އެވެ.
އޭއައިއެފްއެފް އިން ބުނީ ޔޫތު ޑިވެލޮޕްމަންޓްގެ މަސައްކަތްތަކަށް ފީފާއާ ގުޅިގެން ހިންގާއިރު، މި މަސައްކަތްތައް ވެންގާ ވަރަށް ގާތުން ބަލާނެ ކަމަށެވެ.
"ތަފާސް ހިސާބުތަކަށް ބަލައިގެން ސްކައުޓް ކުރާ ނިޒާމެއް ގައުމީ ޓީމުތަކަށް ބޭނުންކުރެވޭނެ،" އޭއައިއެފްއެފްގެ ސެކްރެޓަރީ ޖެނެރަލް ސާޖީ ޕްރަބާކަރަން ވިދާޅުވި އެވެ. "މި ޕްރޮޖެކްޓް ކުރިއަށް ދާނީ ފީފާއާ ގުޅިގެން. އަދި މި ޕްރޮޖެކްޓަށް ވެންގާ ވަގުތު ހުސްކުރާނެ."
އޭއައިއެފްއެފްގެ ރައީސް ކަލްޔާން ޗޯބޭ ވިދާޅުވީ ގޮތުގައި އެ ފެޑަރޭޝަންގެ އަމާޒަކީ 2047 ވަނަ އަހަރާ ހަމައަށް ދާއިރު އިންޑިއާއަކީ ދުނިޔޭގެ ފުޓްބޯޅައިގައި ގަދަ ބާރަކަށް ހެދުމެވެ. އެ އަހަރަކީ އިންޑިއާގެ މިނިވަން ކަމަށް ވެސް 100 އަހަރު ފުރޭނެ އަހަރެވެ.
އެކަމަކު، އޭއައިއެފްއެފް އިން ޔޫތު ޑިވެލޮޕްމަންޓް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގައި، ވެންގާ ބައިވެރިވާނެ ގޮތުގެ ތަފްސީލެއް ޗޯބޭ ނުދެއްވަ އެވެ.
"އަހަރަމެންގެ އަމިއްލަ ކަލްޗާއަކާއި ފިލޯސޮޕީއެއް އެބަޖެހޭ ބައްޓަންކުރަން،" ޗައުބޭ ވިދާޅުވިއެވެ.
އިންޑިއާގެ އެންމެ މަގްބޫލު ކުޅިވަރަކީ ކްރިކެޓެވެ. އެހެންކަމުން ފުޓްބޯޅަ ތަރައްގީ ކުރަން އިންޑިއާ އިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އަދިވެސް ފުޓްބޯޅައިގެ މަގްބޫލުކަން ނިސްބަތުން ކުޑައެވެ. އިންޑިއާ މި ވަގުތު އޮތީ ފީފާ ރޭންކިންގެ 106 ވަނައިގަ އެވެ.
Comment