8 ޖަނަވަރީ 2023 - 11:23 0
މުހައްމަދު އުޝާމް
ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން އިމާރާތް؛ ނ. އަތޮޅު ރަށްތަކެއް "ވިއްކާ" މައްސަލަ ސިވިލް ކޯޓަށް ހުށަހަަޅައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
8 ޖަނަވަރީ 2023 - 11:23 0
ނ. އަތޮޅުގެ ބައެއް ރަށްތައް ދިގު މުއްދަތަކަށް ޓޫރިޒަމަށް ދޫކުރަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓުވައިދިނުމަށް އެދި އެ އަތޮޅު ކައުންސިލުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ސިވިލް ކޯޓަށް މި ފަހުން ހުށަހެޅީ، އެ އަތޮޅު ކެނދިވަރު އަދި ދޮނައެރިކަނޑޫދޫ ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ވަކި ފަރާތަކަށް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ހުއްޓުވައިދިނުމަށް އެދި އެވެ.
ނ. އަތޮޅު ކައުންސިލުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެ ކައުންސިލްގެ ބައްދަލުވުމެއްގައި ބައިވެރިވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ އަގުލަބިއްޔަތުން ގަރާރެއް ފާސްކޮށްގެނެވެ.
ކައުންސިލުން ފާސްކޮށްފައިވާ ގަރާރުގައި ބުނަނީ ސަރުކާރުގެ އެ ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ހިލާފު ނިންމުމެކެވެ. އެއީ އަތޮޅެއްގެ ރަށްތަކާއި ފަޅުތަކާ މެދު ސަރުކާރުން ގޮތެއް ނިންމުމުގައި، ކައުންސިލްގެ މަޝްވަރާ ހޯދަން ޖެހޭނެ ކަމަށް އެ ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ އޮތުމެވެ.
އަތޮޅުގެ ރައްޔިތުންގެ ރުހުން ހޯދައިގެން މެނުވީ ދިގު މުއްދަތަށް ރަށްރަށާއި ފަޅު ދޫނުކުރުމަށާއި އެކަން އެ ގޮތަށް ކުރަން ކައުންސިލުން އެއްބަސްނުވުމަށް ވެސް މީގެ ކުރިން އެ ކައުންސިލުން ފާސްކޮށްފައި އޮތް ކަން ވެސް މީގެ ކުރިން ކައުންސިލްގެ ބައްދަލުވުމެއްގައި ނިންމާފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ އިތުރަށް އެ ދެ ރަށަކީ ވެސް ތިމާވެށީގެ ގޮތުން ނާޒުކު ރަށްތަކެއްގެ ގޮތުގައި ގަރާރުގައި ބުނެފައިވެ އެވެ. އެ ގޮތުން ދުނިޔެއިން ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރުންތަކާއި، މަދުން ނޫނީ ދުނިޔޭގައި ނެތް ދިރުންތައް ހިމެނޭ އިކޯ ސިސްޓަމެއް އޮތް ކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
އަތޮޅު މީހުން ދަތުރު ދިޔުމާއި މުނިފޫހިފިލުވުން ފަދަ ކަންކަމަށާއި، ފަން ހޮވުމާއި އޮއްކެޔޮ ހޮވުން ފަދަ އިގްތިސޯދީ މަސައްކަތް ކުރަން މިހާރު މަދު ރަށްތަކެއް ބާކީވެފައި އޮތް އިރު، އެ ދެ ރަށަކީ މިހާރު ވެސް އެ ބޭނުންތަކަށް އަތޮޅު މީހުން ގޮސް އުޅޭ ދެ ރަށެއް ކަން ވެސް ގަރާރުގައި ފާހަގަ ކޮށްފައިވެ އެވެ.
ކެނދިވަރު އަދި ދޮނައެރިކަނޑޫދޫގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު ނ. ތޮޅެންދޫ ވެސް އަތޮޅު ކައުންސިލްގެ މަޝްވަރާ ނެތި ޓޫރިޒަމަށް ދޫކުރަން އުޅުމުން އެ ކަން އެ ގޮތަށް ނުކުރެވޭނެ ކަމަށް ސިވިލް ކޯޓާއި ހައި ކޯޓުން ނިންމާފައިވެ އެވެ. އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.
Comment