about 6 hours 0
އަހުމަދު އާއިދު
ރާއްޖޭގެ ގެސްޓްހައުސެއްގައި ފަތުރުވެރިންތަކެއް: މިހާތަނަށް ރާއްޖެއަށް ބައި މިލިއަން ޓޫރިސްޓުން އައިސްފި --- ފޮޓޯ: ސްޓޯން ހޮޓެލްސް
about 6 hours 0
މި އަހަރު މިހާތަނަށް ބައި މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުން އިއްޔެއާ ހަމައަށް ޖުމްލަ 500،233 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 478،416 ޓޫރިސްޓުންނެވެ. މިއީ 4.6 އިންސައްތައިގެ ކުރިއެރުމެކެވެ.
ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން އެންމެ ގިނައީ ޗައިނާ މީހުންނެވެ. އެ ގައުމުން ޓޫރިސްޓް މާކެޓުގެ 12 ޕަސެންޓު ހިއްސާކުރާއިރު ދެވަނަ އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތާއި ރަޝިއާއިން ހިއްސާކުރަނީ 10 ޕަސެންޓެވެ.
އަވައްޓެރި އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާތަނެއް އަދިވެސް ނުފެނެ އެވެ. އެ ގައުމު އޮތީ ހަ ވަނައިގަ އެވެ.
އިއްޔެއާ ހަމައަށް ރާއްޖެ އައި ބައި މިލިއަން ޓޫރިސްޓުންގެ 69 ޕަސެންޓު ނުވަތަ 345,495 ޓޫރިސްޓުން އައީ ރިސޯޓުތަކަށެވެ. ދެން އެންމެ ގިނައިން ޓޫރިސްޓުން އައީ ގެސްޓްހައުސްތަކަށެވެ. އެއީ 25 ޕަސެންޓެވެ.
މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އިތުރުވި ނަމަވެސް، ޕީކް ސީޒަނުގެ ތެރޭގައި ހިމެނޭ މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު މަދެވެ. މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އައީ 214،091 ޓޫރިސްޓުންނެވެ. 2024 ގެ ފެބްރުއަރީގައި 217،392 ޓޫރިސްޓުން ރާއްޖެ އައެވެ.
މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ 52 އަހަރުގެ ދިގު ތާރީހުގައި މީގެ ކުރިން އަހަރު ދުވަހުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން އައި ފުރަތަމަ އަހަރެވެ. އަހަރު ނިންމާލީ ޖުމްލަ 2,046,615 މިލިއަން ޓޫރިސްޓުންނާއެކު އެވެ.
ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment