Advertisement

ވެން ޑައިކް މަހަކަށް ވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް

7 ޖަނަވަރީ 2023 - 10:08 0

ލިވަޕޫލުން އެންމެ ފަހުން ކުޅުނު މެޗުގެ ތެރެއިން ވެން ޑައިކް.


ވެން ޑައިކް މަހަކަށް ވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް

7 ޖަނަވަރީ 2023 - 10:08 0

ލިވަޕޫލް (ޖެނުއަރީ 7) - ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ޑިފެންޑަރު، ވާޖިލް ވެން ޑައިކްގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން މަހަކަށް ވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

ވެން ޑައިކް، 31، ފަލަމަސްގަނޑަށް އަނިޔާވެފައިވަނީ އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން 3-1 އިން ބްރެންޓްފޯޑް އަތުން ބަލިވި މެޗުގަ އެވެ. ލީގުގައި މިހާތަނަށް ލިވަޕޫލުން ކުޅުނު ހުރިހާ މެޗެއްގައި ކުޅެފައިވާ ވެން ޑައިކަށް އަނިޔާވެގެން، އޭނާ ވަނީ ބްރެންޓްފޯޑް މެޗުގެ ފުރަތަމަ ހާފުގައި ބަދަލުކޮށްފަ އެވެ.

އެފްއޭ ކަޕްގައި މިރޭ ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލިވަޕޫލްގެ ކޯޗު، ޔާގަން ކްލޮޕް ބުނީ، ވެން ޑައިކްގެ އަނިޔާގެ ކަންކަން ދިޔައީ ހީކުރި ވަރަށް ވުރެ ގޯސްކޮށް ކަމަށާާއި މިހާރު އޮތްގޮތުން، ވެން ޑައިކް "ހަފްތާތަކަކަށް" ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.

"އަހަރެމެންނަށް ފެންނަ ފެނުމަށް އެ އަނިޔާއިން ރަނގަޅުވާން ހަފްތާތަކެއް ނަގާނެ. އެއީ މަހަކަށް ވުރެ ގިނަ ދުވަސް ކަމަށް މި ބެލެވެނީ. ކުޅުންތެރިން ސްޕްރިންޓް ކޮށްގެން ދުވެގެން ކުޅެން ހަދައިގެން މިއީ ވަރަށް އުނދަގޫތަކެއް ކުރިމަތިވެދާނެ ދުވަސްތަކެއް،" ކްލޮޕް ބުންޏެވެ.

"މިދިޔަ އަހަރުތަކުގައި ވެން ޑައިކް ވަރަށް ގިނަ މެޗު ކުޅެފި، އެހެންވީމަ މި އަނިޔާ އަކީ ކޮންމެވެސް ހިސާބަކުން އަންނަނާނެ ކަމެއް ގޮތުގައި ބެލެވިފައި އޮތީ، ދެން މި އޮތީ އެ ވަގުތު ވެސް ނުބައި ހާލަތެއްގައި އައިސްފައި،"

އަނިޔާގެ ސަބަބުން މި ވަގުތު އެންމެ ހާލަތު ގޯސްކޮށް އޮތް އެއް ޓީމަކީ ލިވަޕޫލެވެ. އެ ގޮތުން، ލިވަޕޫލްގެ ލުއިޒް ޑިއާޒް، ޑިއޯގޯ ޖޮޓާ، އާތޫރު މެލޯ، ޖޭމްސް މިލްނާ މި ވަގުތު ތިބީ ސީދާ އެނބުރި އާދެވޭނެ ތާރީހެއް ނޭނގޭ ފަދަ އަނިޔާއެއްގަ އެވެ.

ލިވަޕޫލް ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ވެން ޑައިކަށް އަނިޔާވިއިރު، ދެން ލިވަޕޫލަށް ޑިފެންޑަރުންގެ ގޮތުގައި ކުރިއަށް ހުރި މެޗުތަކުގައި ބޭނުންކުރެވޭ ގޮތަށް ހުރީ، އިބްރާހިމާ ކޮނާޓޭ، ޖޮއެލް މަޓިޕް، ޖޯ ގޯމޭޒް އަދި ނެތަނިއަލް ފިލިޕްސް އެވެ.

ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން ސޮއިކުރި ނެދަލެންޑްސްގެ ފޯވާޑް، ކޯޑީ ގަކްޕޯ އަށް މިރޭ ވުލްވްސްއާ ދެކޮޮޅަށް ކުޅެވޭނެ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.