Advertisement

ޢިތުބާންގެ ގެކޮޅު ނަމާދުފުޅަކުން ހާއްސަ ކުރެއްވީ ކީއްވެ؟

6 ޖަނަވަރީ 2023 - 16:51 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ

ފުރޮޅުލީ ގޮނޑިއެއްގައި އިން މީހަކު ސަޖިދައަށް ދަނީ: ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު ތަފާތުކުރުން ނުގެންގުޅެން އިސްލާމް ދީނުގައި ބާރުއަޅާ -- ފޮޓޯ: މުސްލިމް މެޓާސް


ޢިތުބާންގެ ގެކޮޅު ނަމާދުފުޅަކުން ހާއްސަ ކުރެއްވީ ކީއްވެ؟

6 ޖަނަވަރީ 2023 - 16:51 0

ގިޔާމަތާ ޖެހެންދެން ކިޔެވެމުންދާނެ ކީރިތި ގުރުއާނުގައި ވަރަށް މަދު އާޔަތެއްގައި މެނުވީ، މާތް ނަބިއްޔާ ވަކި ކަމެއް ކުރެއްވި ގޮތް ރަނގަޅުނޫންކަން ބަޔާންކުރައްވައި މާތް ﷲ ބަސްވަހީ ކުރައްވާފައި ނުވެ އެވެ. ނުހަނު މަދު އެހާލަތްތަކުގެ ތެރެއިން އެއް ހާދިސާއަކީ ޢަބަސަ ސޫރަތުގެ ފުރަތަމަ އާޔަތްތަކެވެ.

"އެކަލޭގެފާނު (އެބަހީ: މުހައްމަދުގެފާނު) ހިތްޕުޅާނުވުމުގެ ގޮތް މޫނުފުޅުން ދައްކަވައި (އަނެއްފަރާތަށް) އެނބުރިވަޑައިގަތެވެ. ލޯފަންމީހާ އެކަލޭގެފާނުގެ އަރިހަށް އައުމުންނެވެ. އަދި އޭނާ ކުށްތަކުން ސާފުވެ، ޠާހިރު ވެދާނެކަން، ނުވަތަ އޭނާ ހަނދުމަކޮށް، ދެން އެ ހަނދުމަކުޅައުން އޭނާޔަށް މަންފާކޮށްފާނެކަން ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ އެމީހާ އަމިއްލަޔަށް ފުދިގެންވާކަމަށް ދެކޭމީހާ ދަންނާށެވެ! ފަހެ، ކަލޭގެފާނު އެމީހަކާ ކުރިމަތިލައްވަމު އެވެ. އެމީހަކު (ކާފަރުކަމުން) ޠާހިރުނުވުމަކުން، ކަލޭގެފާނުގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ބިރުވެތިވާހާލު، ކަލޭގެފާނުގެ އަރިހަށް ހިނގަމުންއައިމީހާ ދަންނާށެވެ! ފަހެ، އެމީހާއާ ކަލޭގެފާނު އަޅައިނުލައްވައި މަޝްޣޫލުވެވަޑައިގަންނަވަމުއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ އާޔަތްތަކަކީ، ހަނދާންކޮށްދިނުމެކެވެ. ފަހެ، ބޭނުންމީހަކު އެ ޤުރުއާން ހަނދުމަކުރާހުށިކަމެވެ. ޤުރުއާން ވަނީ، މާތްކުރައްވާފައިވާ ފަތްފުށްތަކެއްގަ އެވެ."

މާތް ނަބިއްޔާގެ އަމަލުފުޅު ރަނގަޅު ނޫންކަން ބަޔާންކުރައްވައި އިސްވެދިޔަ އާޔަތްތަކުގައި، ގަދަކީރިތިވަންތަ މާތްﷲ ބަސްވަހީ ކުރައްވާފައިވަނީ، އިތުރު އެކަލޭގެފާނުގެ އަރިހަށް މުޝްރިކުންގެ ބޮޑުންތަކެއް އައިސް ތިބި މަޖިލީހެއްގައި އެބައިމީހުން އިސްލާމްވެދާނެކަމަށް ކުރެއްވުނު އުންމީދެއްގައި އިންނަވަނިކޮށް، ލޯފަން ބޭކަލަކު ކަމަށްވާ އިބްނު އުންމިމަކްތޫމް ވަޑައިގަތުމުން، އެކަލޭގެފާނާމެދު މާތް ނަބިއްޔާއަށް އަމަލުކުރެއްވުނު ގޮތެއްގެ ސަބަބުންނެވެ.

މިއާޔަތްތަކަކީ ކީރިތި ގުރުއާނަކީ، އިތުރު އެކަލާގެފާނު ހަދައިގެން އަމިއްލަފުޅަށް ގެންނެވި އެއްޗެއް ނޫންކަމުގެ ވަރުގަދަ ދަލީލެކެވެ. އެހެންނަމަވެސް މިއަދުގެ މައުލޫއަކީ އެޔެއް ނޫނެވެ. އިބްނު އުންމިމަކްތޫމްއަކީ، ލޯފަން ބޭކަލެކެވެ. ދެރަ ނިކަމެއްޗަކު މާތް ނަބިއްޔާގެ އަރިހަށް އެދުވަހު އައިއިރު، އިތުރު އެކަލޭގެފާނު އެއިންނެވީ، މުޝްރިކުންގެ ބޮޑުންތަކަކާ ބައްދަލުކުރައްވާށެވެ. އެހެންވީމާ އިންސާނީ ތަބީއަތް ނިޔާކުރާ ފަދަ ކަމެއް އެވަގުތު ހިނގައިގެންދިޔައީއެވެ. އެދުވަހަށްފަހު އިބްނު އުންމިމަކްތޫމް ފެނިވަޑައިގަންނަވާ ކޮންމެ ފަހަރަކު، "އެބޭކަލަކާމެދު އަމަލުކުރެއްވުނު ގޮތަކުން ގަދަކީރިތިވަންތަ ﷲ ތިމަންކަލޭގެފާނަށް ބަސްވަހީ ކުރެއްވުނު ސާހިބާއަށް މަރުހަބާ" ހަދީސް ކުރައްވާކަމުގައި ރިވާވެފައިވެ އެވެ.

މާތް ނަބިއްޔާ އިބްނު އުންމިމަކްތޫމަށް ޤަދަރުކުރެއްވި މިންވަރަކީ، އިތުރު އެކަލޭގެފާނު މަދީނާއިން ނުކުންނެވި ދެފަހަރެއްގެ މަތީން ރަށުގައި ތިބި މީސްތަކުންނައިގެން އިމާމްވެ ނަމާދުކުރެއްވުން އިބްނު އުންމި މަކްތޫމްއާ ހަވާލުކުރެއްވިއެވެ. އަދި އިތުރު އެކަލޭގެފާނަށް ބަންގިގޮވައިދޭ މުދިމެއްގެ ގޮތުގައިވެސް އިބްނު އުންމިމަކްތޫމް ފަހުން އިޚްތިޔާރުކުރައްވައި ޝަރަފުވެރި ކުރެއްވި އެވެ.

މާތް ﷲ ރުއްސުންލެއްވި ޢިތުބާން ބިން މާލިކް މާތް ނަބިއްޔާގެ އަރިހަށް ވަޑައިގެންނެވިއިރު، އެކަލޭގެފާނަކީ ވެސް ލޯފުޅު އަނދިރި ބޭކަލެކެވެ. އޭނާ އިތުރު މާތް ނަބިއްޔާގެ އަރިހަށް ވަޑައިގެން ދެންނެވި އެވެ. އޭ ﷲ ގެ ރަސޫލާ އެވެ. މާތް ކަލޭގެފާނު ތިމަންގެ ގެޔަށް ވަޑައިގެން ގޭގައި ނަމާދުފުޅެއް ކުރައްވާފާނެ ނަމައޭ ތިމަންނާ ހާދަ ބޮޑަށް ހިތަށް އަރައެވެ. އޭރަށް ތިމަން ނަމާދުކުރާ މުޞައްލާއެއްކަމުގައި އެތަން ހެދުމަށްޓަކަ އެވެ.

އެހިނދު މާތް ނަބިއްޔާ މާތް ﷲ އިރާދަކުރެއްވިއްޔާ ތިޔަކަންކުރައްވާނެ ކަމުގައި ހަދީސް ކުރެއްވި އެވެ. ދުވާލުގެ އަލިކަން ރަނގަޅަށް ފާޅުވެގަތުމުން މާތް ނަބިއްޔާ އާއި އަބޫބަކުރުގެފާނާއި ދެބޭކަލުން އެގެޔަށް ވަޑައިގެން، ޢިތުބާންގެ އިޒުނަ ހޯއްދަވައި އެގެޔަށް ވެދެވަޑައިގެންނެވި އެވެ. މާތް ނަބިއްޔާ ޢިތުބާންގެ ކިބައިން، އިތުރު އެކަލޭގެފާނު ނަމާދުކުރައްވަން ބޭނުންފުޅުވަނީ ގޭގެ ކޮން ތަނެއްގައިތޯ އޮޅުންފިއްލެވުމަށްފަހު އެތަނުގައި ނަމާދުކުރެއްވި އެވެ. މި ޝަރަފަކީ ކޮންމެ ކޮންމެ ސަހާބީއަކަށް މާތް ނަބިއްޔާ ދެއްވި ޝަރަފެއް ނޫނެވެ.

ހާއްސަ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނާމެދު އިންސާނިއްޔަތުކަމުގެ ހާއްސަ ނަޒަރަކުން ބަލައި، އެބައިމީހުންނަށް ހާއްސަ ރައްކާތެރިކަމާއި އަޅާލުން ދިނުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅުއްވައި މާތް ނަބިއްޔާގެ ސުންނަތުން އެތައް ގޮތަކުން އެކަމުގެ މަތިވެރި ސިފަތައް ފެންނާން އޮތް ކަމެކެވެ.

މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވާ އަންނަނިވި ބަސްފުޅަށް ނިކަން ފުންކޮށް ނަޒަރެއް ދެއްވާށެވެ. "އެމީހެއްގެ ބައްޕައަށް އެއްޗެހި ކިޔައިފި މީހަކީ ލައުނަތް ލިބިގެންވާ މީހެކެވެ. އެމީހެއްގެ މަންމައަށް އެއްޗެހި ކިޔައިފި މީހަކީ ލައުނަތް ލިބިގެންވާ މީހެކެވެ. މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް ކުއްތަންވުމުގެ ގޮތުން ގުރުބާނެއް ކޮށްފި މީހަކީ ލައުނަތް ލިބިގެންވާ މީހެކެވެ. ބިމެއްގެ އިންތައް އަދި މަގުހިނގުމަށް ހުރި ފާހަގަތައް ބަދަލުކޮށްފި، މީހަކީ ލައުނަތް ލިބިގެންވާ މީހެކެވެ. ލޯފަން މީހަކަށް ހިނގާ މަގު އޮޅުވާލައިފި މީހަކީ ލައުނަތް ލިބިގެންވާ މީހެކެވެ. ޖަނަވާރަކާއެކު ޖިންސީ އަމަލެއް ހިންގައިފި މީހަކީ ލައުނަތް ލިބިގެންވާ މީހެކެވެ. ލޫތުގެފާނުގެ ގައުމުގެ މީހުންގެ އަމަލު ގެނެސްގެންފި މީހަކީ ލައުނަތް ލިބިގެންވާ މީހެކެވެ."

އިސްވެދިޔަ ހަދީސް ބަސްފުޅަށް ވިސްނާއިރު ވަރަށް މުހިންމު ދެކަމެއް ފާހަގަކޮށްލެވެ އެވެ. އެއް ކަމަކީ، ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ތުރާވާނެ ކަންކަން ކުރުމަކީ، މައިބަފައިންނަށް އޮތް ހުރުމަތްތެރިކަން ނަގާލުމުގެ ނުބައިކަމާއި، އެއްޖިންސުން ގުޅުން ހިންގުމުގެ ބޮޑު ފާފަ ފަދަ ބޮޑެތި ނުބައިތަކާއި އެއްވަރުކަމެއްގެ ގޮތުގައި މި ހަދީސްގައި ސިފަކުރައްވާފައި އޮންނަ އޮތުމެވެ.

ދެވަނަ ކަމަކީ، ބިމުގެ އިންތަކާއި، މަގުހިނގާ ފާހަތައް ބަދަލުކުރުމަކީ އާންމު ގޮތެއްގައި އެކަމުގެ މައްޗަށް ލައުނަތް ހުރި ކަމެއްގެ ގޮތުގައި ބަޔާންކުރެއްވުމަށްފަހުގައިވެސް، ލޯފަން މީހުންނަށް ހިނގާ މަގު އޮޅުވާލުމުގެ ވާހަކަ ޚާއްޞަ ގޮތުން މިހަދީސްގައި ބަޔާންކުރައްވާފައި އޮތުމެވެ.

ނިކަން ވިސްނަވާށެވެ. އެކަކު އަނެކާއަށް ސަލާން ގޮވުން ގިނަކުރުމާމެދު މާތް ނަބިއްޔާ ހަދީސް ކުރައްވާފައި އޮންނަނީ، ތިޔަބައިމީހުންގެ މެދުގައި ލޯބި އިތުރުކޮށްދޭނޭ ކަމެއް ހަދީސް ކުރައްވަންހޭ؟ އެއްބަޔަކު އަނެއް ބަޔަކަށް ސަލާންކުރުން ފަތުރާށެވެ! މިފަދައިންނެވެ. އެކަމަކު ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނާ ގުޅިގެން ހަދީސް ކުރެއްވި ބަސްފުޅަށް ބައްލަވާށެވެ. "ލޯފަން މީހަކަށް ސަލާން ގޮވާނުލާ ދިޔުމަކީ ހިޔާނާތެކެވެ." އެކަން ސިފަކުރައްވާފައި އެވަނީ ހިޔާނާތެއްގެ ގޮތުގައެވެ.

ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އޯގާތެރިވުމުގެ ހިކުމަތް ބަޔާންކުރައްވައި މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވަނީ، ތިޔަބައިމީހުންނަށް ރިޒްޤުލިބެނީ ވެސް އަދި ނަޞްރު ލިބެނީ ވެސް އެބައިމީހުންގެ ސަބަބުންނެވެ. ކޮންމެއަކަސް އިލާހީ ހިކުމަތެއްގެ ގޮތުގައި މާތް ނަބިއްޔާ އެ އަންގަވަނީ، ނިކަމެތިންނަށް އޯގާތެރިވުމަކީ، ރިޒްގާއި ނަޞްރުގެ ސަބަބެއްކަމުގައެވެ.

މުސްލިމުންގެ ދެވަނަ ހަލީފާ އުމަރު ބުނުލްޚައްޠާބުގެ ހަލީފާކަމުގައި، ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް، ބައިތުލް މާލުން އިނާޔަތެއް ކަނޑައެޅުއްވިއެވެ. އެބައިމީހުންނަކީ ބިމުގައި ނިކަމެތިކަމާއެކު ސަލާންޖެހުމުގައި އުޅެންޖެހޭނެ ބަޔަކަށްވުމުން އެބައިމީހުން ހިމާޔަތްކުރެއްވުމަށެވެ.

ހަލީފާ ވަލީދު ބިން އަބްދުލްމަލިކްގެ ހަލީފާކަމުގައި، ހަމައެކަނި ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ހާއްސަ ހޮސްޕިޓާތައް ބިނާކުރެވުނެވެ. އެބައިމީހުންގެ ތިބުމާއި ކެއުމާއި ބުއިންވެސް އެތަނުގައި ހަމަޖެހިގެންދާނެ އިންތިޒާމުތަކާއެކުގަ އެވެ. އިސްލާމީ ތާރީހުގެ އެކި ސަފުހާތަކަށް ނަޒަރުދިނުމުން މިފަދަ އެތައް މިސާލެއް ރަންއަކުރުން ލިޔެވިފައިވަނިކޮށް ފެނިވަޑައިގަންނަވާނެ އެވެ.

ހާއްސަ އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހުންނާމެދު އިސްލާމްދީން ގެނެސްދިން މި މަތިވެރި އަހުލާގާއި ތަރުބިއްޔަތުގެ ނަތީޖާއަކީ، ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަކީ، އެހެން އާދައިގެ މީހުން ފަދައިން މުޖުތަމައަށް ހިދުމަތްތެރި މީހުންގެ ގޮތުގައި ބަދަލުވެގެންދިއުމުގެ ނަފްސާނީ ދުޅަހެޔޮކަން އެބައިމީހުންނަށް ލިބިގެންދިއުމެވެ.

އިސްވެ އެބޭކަލަކާމެދު ވާހަކަދެކެވުނު މާތް ސަހާބީ އިބްނު އުންމިމަކްތޫމް، ލޯފަން ބޭކަލަކަށްވާތީ ޖިހާދުގެ މައިދާނުގައި އުޒުރުލިބިގެންވީ ނަމަވެސް، ޤާދިސިއްޔަ ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ހިތްވަރު ލިބިގަތީ، އެމަގުންނެވެ. މާތް ސަހާބީ މުޢާޛް ބިން ޖަބަލު ޔަމަން ކަރައިގެ އަމީރެއް އަދި ގާޒީއެއްގެ ގޮތުގައި ކަނޑައަޅުއްވައި މާތް ނަބިއްޔާ ފޮނުއްވިއިރު، އެކަލޭގެފާނަކީ އެއްފައިގައި އައިބުކަމެއް ހުރި ބޭކަލެކެވެ. އެކަމުން އޭނާއަކީ ވެރިއެއްގެ ގޮތުގައި ބަލައިގަތުމަށް ޔަމަން ކަރައިގެ މީހުންގެ ހިތްތަކުގައި އޮތް ތަނަވަސްކަން ގެނެސްދިނީ ދެންނެވުނު އިސްލާމީ ތަރުބަވީ ނިޒާމުގެ ތެރެއިންނެވެ. ތާބިއީންގެ މަޝްހޫރު ޢިލްމުވެރިންގެ ތެރޭގައި ނަންވިދާ، އެބޭކަލެއްގެ ޒަމާނުގައި، ފިޤުހުވެރިން އިމާމެއްކަމުގައި ބެއްލެވި، ޢަޠާއު ބިން އަބީރަބާޙްއަކީ ލޯފަން ބޭކަލަކަށްވުމުގެ އިތުރުން، ދެއަތާއި ދެފަޔާއި ނޭފަތް ވެސް އައިބު ބޭކަލެކެވެ.