Advertisement

ގަތަރުން ކޯޗެއް ހޯދަން ކުރާ މަސައްކަތުގައި ކުއެެރޯޒްގެ ނަން ޝޯޓްލިސްޓުކޮށްފި

6 ޖަނަވަރީ 2023 - 09:38 0

މި ފަހަރުގެ ވޯލްޑް ކަޕްގައި އީރާންގެ މެޗެއްގެ ތެރެއިން ކުއެރޯޒް.


ގަތަރުން ކޯޗެއް ހޯދަން ކުރާ މަސައްކަތުގައި ކުއެެރޯޒްގެ ނަން ޝޯޓްލިސްޓުކޮށްފި

6 ޖަނަވަރީ 2023 - 09:38 0

ދޯހާ، ގަތަރު (ޖެނުއަރީ 6) - އާ ކޯޗެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ގަތަރު ފުޓްބޯލް އެސޯސިއޭޝަނުން އެ ގައުމުގެ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އީރާނާ ހަވާލުވެހުރި، ޕޯޗުގީސް ކޯޗު، ކާލޯސް ކުއެރޯޒް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ތިރީހަށް ވުރެ ގިނަ އަހަރު ދުވަހުގެ ކޯޗިން ތަޖުރިބާހުރި، ކުއެރޯޒް، 69، ދެ ވަނަ ފަހަރަށް އިރާންގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ތިން މަހެއްހާ ދުވަހުގެ ތައްޔާރީ އަށް ފަހު އިރާން ގޮވައިގެން ވޯލްޑް ކަޕްގައި ކުއެރޯޒް ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ.

އިރާނަށް 2014 އާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ކޯޗުކޮށްދިން ކުއެރޯޒް، އެ ޓީމާ އެކު މި ވަގުތު ކޮންޓްރެކްޓްގައި ހުރި މުއްދަތެއް ރަސްމީކޮށް އިރާނުން ހާމައެއް ނުކުރެ އެވެ. އެކަމަކު، ރިޕޯޓްތައް ބުނާގޮތުން ކުއެރޯޒް މި ވަގުތު އިރާނާ އެކު ހުރީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

ގަތަރުން ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމުގެ ދަށް ރެކޯޑާ އެކު، ބަދަލުތަކެއް ގެންނަން ނިންމައިފަ އެވެ. އެ ގޮތުން، ތަޖުރިބާކާރު ކޯޗަކާ ޓީމު ހަވާލުކުރުމުގެ ގޮތުން، ގަތަރު ގޮވައިގެން މި ފަހަރުގެ ވޯލްޑް ކަޕްގައި ނުކުތް ސްޕެއިންގެ ކޯޗު، ފީލިކްސް ސަންޗޭޒްގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމައި، އޭނާ ދޫކޮށްލައިފަ އެވެ.

ރެއާލް މެޑްރިޑްގެ ކޯޗުކަމާއި މެންޗެސްޓާ ޔުނައިޓެޑްގެ އެސިސްޓަންޓް ކޯޗުކަން ކޮށްފައިވާ ކުއެރޯޒަކީ ގައުމީ ޓީމުތަކުގެ ބެންޗުން ވެސް ފަރިތަ ނަމެކެވެ.

ކުއެރޯޒް، މި ފަހަރުގެ ވޯލްޑް ކަޕްގެ ކުރިން އިރާނާ ހަވާލުވާން ފުރުސަތު ލިބުނީ މާޗް، މަހު ވޯލްޑް ކަޕް ކޮލިފައިންގެ އެފްރިކާގެ ޕްލޭއޮފްގައި ކުއެރޯޒް އޭރު ކޯޗަކަށް ހުރި މިސްރަށް ލިބުނު ނާކާމިޔާބީއާ އެކު އެވެ. މިސްރަށް މި ފަހަރުގެ ވޯލްޑް ކަޕުން ޖާގަ ނުލިބުމާ އެކު ކުއެރޯޒް އެ ޓީމުން ވަކިކުރީ އޭޕްރީލް މަހު އެވެ.

މީގެ ކުރިން ކުއެރޯޒް ވަނީ ޕޯޗުގަލް އާއި ދެކުނު އެފްރިކާ އަދި ކޮލަމްބިއާގެ ކޯޗަކަށް ވެސް މަސައްކަތް ކޮށްފަ އެވެ. ކުއެރޯޒް ވަނީ ކޯޗިން ކެރިއަރުގައި ދެ ފަހަރެއްގެ މަތިން ދެ ގައުމަކަށް ކޯޗުކޮށްދީފަ އެވެ. އެއީ ޕޯޗުގަލްގެ އިތުރުން އިރާނަށެވެ.

ގަތަރުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ވަރަށް އަވަހަށް ގަތަރުގެ ކޯޗުކަން ކުއެރޯޒަށް ރަސްމީކޮށް ހުށަހަޅާނެ އެވެ.