Advertisement

އެއްވެގެން ދެ ހަފުތާ ތެރޭ 70 އަށް ވުރެ ގިނަ ހައްޔަރު، އެކަމަކު ފަޒްނާ ވިދާޅުވަނީ މިނިވަންކަން އޮތް ކަމަށް

5 ޖަނަވަރީ 2023 - 13:20 3

ހަސަން މުހައްމަދު

ހަސަން މުހައްމަދު

"އެމްޑީޕީ ކުރިއަށް"ގެ ނަމުގައި ކެމްޕޭނު ލޯންޗުކުރަން ރޭ އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ޖަލްސާގައި ފަޒްނާ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އެއްވެގެން ދެ ހަފުތާ ތެރޭ 70 އަށް ވުރެ ގިނަ ހައްޔަރު، އެކަމަކު ފަޒްނާ ވިދާޅުވަނީ މިނިވަންކަން އޮތް ކަމަށް

5 ޖަނަވަރީ 2023 - 13:20 3

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ މާލެއަށް އެއްވެގެން ވެއެތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ފުލުހުން 70 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައި އޮއްވައި، ރޭގެ އިދިކޮޅުން މާލޭގައި ބޭއްވި ޖަލްސާއިން މީހަކު ހައްޔަރު ނުކުރުމުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރު ހާމަވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާއެއް ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މައި ހަރުގޭގައި ކުރިއަށްދިޔައިރު ފުލުހުންގެ ހުއްދަ ނަގައިގެން އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ވެސް ހަރުގޭ ކުރިމަތިން އާޓީފިޝަލް ބީޗުގައި ޖަލްސާއެއް ބޭއްވި އެވެ.

"4 ޖެނުއަރީ 2023. ތާރީހީ ރެއެއް. ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އާއި އޮޕޮޒިޝަން މައި ޕާޓީ ޕީޕީއެމްގެ ޖަލްސާއެއް، އެއް ތަނެއްގައި ބޭއްވި ރެއެއް. ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރު ފެނިގެންދިޔަ ރެއެއް. ހަމަނުޖެހުމެއް ނުހިނގާ. ބާރުގެ ބޭނުންކޮށް އިދިކޮޅު ޖަލްސާއަށް ހުރަހެއް ނާޅާ، ނުހުއްޓުވާ، މީހަކު ހައްޔަރެއް ނުކުރޭ. މާޝާ ﷲ. ކެތްތެރިކަމުގެ ލާމަސީލު މިސާލެއް،" ފަޒްނާ، އެކަމަނާގެ ފޭސްބުކް އެކައުންޓުގައި ލިޔުއްވާފައިވެ އެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި އޮތް ކަމަށް ފަޒްނާ ވިދާޅުވިއިރު، ޔާމީން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާކޮށްގެން ޔާމީނަށް ހުކުމް ކުރި ދުވަހަށްފަހު ފާއިތުވި ދެ ހަފުތާގެ ތެރޭގައި 70 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ. އޭގެ ތެރޭގައި މާލޭގެ މޭޔަރު މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. ފުލުހުންގެ ހިސާބުތަކުން ދައްކާ ގޮތުގައި އެއްވުންތަކުން ހައްޔަރު ކުރި މީހުންގެ އަދަދު 70 އަށް ވުރެ ވެސް ގިނަ އެވެ.

ރައީސް ޔާމީނުގެ ދައުރުގައި މެެއި ޑޭ، 2015، އަށް ފަހު ފާސް ކުރި އެއްވެ އުޅުނު ހަނި ކުރުމުގެ އިސްލާހު މި ސަރުކާރުން ވެސް ދަނީ ދަމަހައްޓަމުންނެވެ. އެގޮތުން ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގެ ކާނިވާ ސަރަހައްދަށް ނޫނީ އެއްވުމަކީ އަދިވެސް ގާނޫނުން މަނާ ކަމެކެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސް އިން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި،" ޖުލައި، 2020 ގައި ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި އޮތެވެ.

ނަމަވެސް އެއްވެ އުޅުން ހަނިކުރުމުގެ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު، ރައްޔިތުން އެއަށް އަމަލު ކުރަންނުޖެހޭނެ އިސްލާހެއް ކަމަށް، އެ އިސްލާހު ފާސް ކުރި ދުވަހު ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

"އަސާސީ ހައްގުތަކާ ބެހޭ އެއްވެސް މާއްދާއެއް ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން. މިއީ [މަޖިލީހުގެ] އަގުލަބިއްޔަތުން އެކަން ނުކުރެވޭނެ ކަން އަންގަން ލިއެދީފައި އޮތް މާއްދާއެއް. މި މާއްދާގެ ބޭނުމަކީ އަސާސީ ހައްގުތައް ރައްކާތެރިކުރުން،" އެއްވެ އުޅުން ހަނިކުރުމުގެ އިސްލާހާ ދެކޮޅަށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ކުރިން ވިދާޅުވެފައިވެ އެވެ.

މި ޖެނުއަރީ 28، ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ދެކޮޅަށް ވާދާ ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. ދެ ބޭފުޅުންގެ ކެމްޕެއިނު ވެސް ފެށިގެން ކުރިއަށްދާއިރު އިދިކޮޅު ޕީޕީއެމުން މިވަގުތު މަސައްކަތް ކުރަނީ، މަނީ ލޯންޑަރިންނާއި ރިޝްވަތު ނެގުމުގެ ކުށުގައި ޑިސެމްބަރު 25، ގައި 11 އަހަރަށް ޖަލަށްލި އިދިކޮޅުގެ ލީޑަރު ޔާމީން މިނިވަންކުރެވޭތޯ އެވެ.