Advertisement

ދުނިޔޭގެ ރޭންކިންގައި ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ އަށް ބޮޑު ކުރިއެރުމެއް

5 ޖަނަވަރީ 2023 - 10:41 0

ރާއްޖޭގައި ކުރިއަށްދިޔަ އެފްއައިވީބީ ބީޗް ޓުއާ މެޗެއްގެ ތެރެއިން ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ދުނިޔޭގެ ރޭންކިންގައި ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ އަށް ބޮޑު ކުރިއެރުމެއް

5 ޖަނަވަރީ 2023 - 10:41 0

ރާއްޖޭގެ ގައުމީ ބީޗްވޮލީބޯޅަ ޓީމްގެ އެއް ވަނަ ޕެއާ ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)، ދުނިޔޭގެ ބީޗްވޮލީބޯޅަ ރޭންކިންގައި ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.

މިދިޔަ ހަފްތާގައި ބަންގްލަދޭޝްގައި ނިމުނު ކާވާ ސެންޓްރަލް ޒޯން ބޯޗްވޮލީބޯޅަ ޓުއާގެ ރަން މެޑަލް ހޯދި ދެ ކުޅުންތެރިންނަށް އެންމެ ފަހުން ނެރުނު ދުނިޔޭގެ ރޭންކިންގައި ބޮޑު ކުރިއެރުމެއް މި ލިބުނީ މިދިޔަ އަހަރު ބައިވެރިވި މުބާާރާތްތަކުގައި ދެއްކި ކުޅުމަށް ބަލައިފަ އެވެ.

އެންމެ ފަހުން ނެރުނު ރޭންކިންގައި ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ ރޭންކްކޮށްފައި އޮތީ 218 ވަނައިގަ އެވެ. މި ދެ ކުޅުންތެރިންނަށް ވަނީ 744 ޕޮއިންޓް ލިބިފަ އެވެ. ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ އަކީ ސާކް ސަރަހައްދުގެ ގައުމުތަކަށް ބަލާއިރުވެސް ދުނިޔޭގެ ރޭންކިންގައި މި ވަގުތު އެންމެ މަތީގައި އުޅޭ ޕެއާ އެވެ.

ކުޑަކާއްޓޭ އާއި އެޑަމް ދުނިޔޭގެ ރޭންކިންގެ ކުރިއަށް ޖެހިލުމަކީ މި އަހަރު އޮންނަ ބޮޑު މުބާރާތަކުގައި ރަނގަޅު ނަތީޖާއެއް ނެރެން ބަލާއިރު ފައިދާއެއް ކުރާނެ ކަމެކެވެ. އެ ގޮތުން، ސަރަހައްދުގެ މުބާރާތްތަކުގައި އެއް ވަނަ ސީޑު ލިބުމުގެ ފުރުސަތު މި ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އަށް ވަރަށް ބޮޑެވެ.

މިއީ ކުޑަކާއްޓެ އާއި އެޑަމް، ޕެއާއެއްގެ ގޮތުގައި ބީޗްވޮލީބޯޅަ ކުޅެން ފަށައި، ނިންމާލި ފުރަތަމަ އަހަރެވެ. މި ޕެއާ އިން މި އަހަރު ތެރޭ ޖުމްލަ ހަތަރު މުބާރާތެއްގައި ކުޅުނުއިރު، ދެ މެޑަލެއް ހޯދި އެވެ. އެއީ މާޗް މަހު ސްރީ ލަންކާގައި ބޭއްވި ކޮމަންވެލްތު ގޭމްސް ކޮލިފައިން އިން ރިހި މެޑެއްޔާއި މިދިޔަ ހަފްތާގައި ނިމުނު ކާވާ މުބާރާތުން ރަން މެޑަލް އެވެ.

ދިވެހި އެއް ވަނަ ޕެއާގެ ފަހަތުން ސާކް ސަރަހައްދުން ދެން އުޅެނީ އިންޑިއާގެ ނަރޭޝް އާއި ރާޖޫގެ ޕެއާ އެވެ. 13 ދަރަޖައިގެ ވެއްޓުމަކާ އެކު މި ދެ ކުޅުންތެރިން އުޅެނީ ދުނިޔޭގެ ރޭންކިންގެ 447 ވަނަގައިގަ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ ގައުމީ ޓީމްގައި ހިމެނިގެން މުބާރާތްތައް ކުޅުނު އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާ އުޅެނީ 66 ދަރަޖައިގެ ކުރިއެރުމަކާ އެކު ރޭންކިންގެ 458 ވަނައިގަ އެވެ. މި ދެ ކުޅުންތެރިންނަށް ވަނީ 364 ޕޮއިންޓް ލިބިފަ އެވެ.

ދާދި ފަހުން ނިމުނު ކާވާ ސެންޓްރަލް ޒޯން ބޯޗްވޮލީބޯޅަ ޓުއާގައި ވާދަކުރި ރާއްޖޭގެ ޕެއާ ކަމަށްވާ ކޯކޭ އާއި ޝަމާއިލް ހުސައިންގެ ޕެއާ އުޅެނީ 544 ވަނައިގަ އެވެ. އެއީ 290 ޕޮއިންޓާ އެކުގަ އެވެ.

ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އުޅެނީ ނޯވޭގެ ކްރިސްޓިއަން ސޮރަމް އާއި އެންޑާސް މޮލްގެ ޕެއާ އެވެ. މި ދެ ކުޅުންތެރިންވަނީ މިދިޔަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕާއި، ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ އިތުރުން ދުނިޔޭގެ ބީޗްވޮލީބޯޅަ ޓުއާގެ ތިން މުބާރާތެއްގެ ރަން މެޑަލް ހޯދާފަ އެވެ.

ދުނިޔޭގެ ރޭންކިންގެ ގަދަ ދިހައެއްގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖޭގައި ބޭއްވި ދުނިޔޭގެ ބީޗް ޕްރޯ ޓޫއާގެ މޯލްޑިވްސް ޗެލެންޖުގެ ފައިނަލުގައި ވާދަކުރި ދެ ޕެއާ ވެސް ހިމެނެ އެވެ.