Advertisement

ފާޑުކިޔަސް ރައީސަށް ވަރިހަމަ، އެކަމަކު ހަގީގަތް އޮޅުވާނުލަން ނަޝީދު ގާތު އެދިއްޖެ

4 ޖަނަވަރީ 2023 - 23:57 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

"އެމްޑީޕީ ކުރިއަށް"ގެ ނަމުގައި ކެމްޕޭނު ލޯންޗުކުރަން މިރޭ އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު. -ފޮޓޯ: އަބްދުﷲ އިޔާން /އަދަދު


ފާޑުކިޔަސް ރައީސަށް ވަރިހަމަ، އެކަމަކު ހަގީގަތް އޮޅުވާނުލަން ނަޝީދު ގާތު އެދިއްޖެ

4 ޖަނަވަރީ 2023 - 23:57 0

ސަރުކާރަށް ކިތަންމެ ވަރަކަށް ފާޑުކިޔަސް ވަރިހަމަ ކަމަށާއި، ނަމަވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާނުލައްވަން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އެދިވަޑައިގެންފި އެވެ.

މިމަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހު ވާދަކުރައްވާއިރު، އެމަނިކުފާނާ ދެކޮޅަށް ނުކުމެވަޑައިގެން ހުންނެވީ ނަޝީދެވެ.

"ފިކުރެއްގެ ދިރުން"ގެ ނަމުގައި ނަޝީދު ކެމްޕޭނު ފައްޓަވައިގެން ކުރިއަށްދާއިރު، އެމަނިކުފާނު ވަނީ ސަރުކާރަށާއި ރައީސް ސޯލިހަށް ގިނަ ފާޑުކިޔުންތައް އަމާޒު ކުރައްވައިފަ އެވެ.

މިގޮތުން، އެމްޑީޕީގެ ސިޔާސަތުތަކާއި މެނިފެސްޓޯގައި ހިމެނި ވައުދުތައް ތަންފީޒު ނުކުރެވޭ ކަމަށާއި އެއިން އެއްވެސް ކަމަކަށް ރައީސް ސޯލިހު "ރިއެކްޓު" ނުކުރެއްވި ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ.

"އެމްޑީޕީ ކުރިއަށް" ނަމުގައި ރައީސް ސޯލިހުގެ ކެމްޕޭނު ލޯންޗުކުރަން މިރޭ އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި އިދިކޮޅު މީހަކު ނުހުންނާނެ ކަމަށާއި ހުންނެވީ ވާދަވެރިއެއް ކަމަށެވެ.

ތަރައްގީގެ މަޝްރޫއުތަކާއި ހާއްސަކޮށް އިގުތިސޯދީ ހާލަތާ ގުޅޭގޮތުން ނަޝީދު ދެއްކެވި ބައެއް ވާހަކަތަަކަށް "ރިއެކްޓު" ނުކުރިޔަސް، "ރެސްޕޮންޑު" ކޮށް އޭގެ ހަގީގަތް ހާމަކޮށްދޭންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ނަޝީދު މިފަހުން ފުވައްމަލަކަށް ވަޑައިގެން ރާއްޖެ ބަނގުރޫޓުވުމާ ހަމައަށް ގޮސްފައިވާ ކަމަށާއި މި އަހަރު ކޮންމެ މަހަކު 50 މިލިއަން ޑޮލަރު ހަމައެކަނި ދަރަނި އަދާކުރަން ދައްކަންޖެހޭ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވަމުން، ރައީސް ވިދާޅުވީ ނަޝީދުގެ އަދަދުތައް ރަނގަޅު ނޫން ކަމަށާއި މި އަހަރުގެ ކޮންމެ މަހަކަށް ދައްކަންޖެހޭ އަދަދު 30 މިލިއަން ޑޮލަރަށް ވެސް ނާރާ ކަމަށެވެ.

މިގޮތަށް އޮޅުވާލައިގެން، ސިޔާސީ މަންފާއެއް ހޯދަން ދައްކާ ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދިގެން ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ފާޑުކިޔަސް ވަރިހަމަ. ކިތަންމެ ވަރަކަށް ވެސް ފާޑުކިޔަންވީ. އެކަމަކު ރައްޔިތުންނަށް އޮޅުވާނުލައްވަން އަޅުގަނޑު އެދެން،" ރައީސް އިތުރަށް ވިދާޅުވި އެވެ.

ފުވައްމުލަކުގެ ރައްޔިތުން ތާއީދުކޮށް އެމްޑީޕީއަށް ގޮނޑިތައް ހޯދައިދިން މިންވަރާ ގާތަށް ވެސް ސަރުކާރުން އެ ސިޓީއަށް އަޅާނުލާ ކަމަށް ނަޝީދު ދެއްކެވި ވާހަކައަށް ވެސް ރައީސް މިރޭ ރައްދު ދެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ފުވައްމުލަކުގެ ތަރައްގީއަށް 680 މިލިއަން ރުފިޔާ ކަނޑައެޅި، މިހާރު ވެސް 430 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫއު އެ ސިޓީގައި ހިނގަމުންދާ ކަމަށެވެ.

"މަގުތައް ހެދި ނިމެނީ. ގިރާ ސަރަހައްދު ހިމާޔަތްވަނީ. އޭގެ ބޭރުން ބޮޑުމަގެއް ތަރައްގީވަނީ. ކްލާސްރޫމާއި މަލްޓި ޕާޕަސް އެޅެނީ. އާ އިންޖީނުގެ ހެދެނީ،" ރައީސް ވިދާޅުވި އެވެ.

މިހުރިހާ ކަމެއް ހިންގާފައި ނޫނީ ހިނގަމުންދާއިރު، ފުވައްމުލަކުގައި ހުންނަވައިގެން ނަޝީދު އެހެން ވިދާޅުވުމަކީ ބޮޑު "ޖޯކެއް"ގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.

މިރޭގެ ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވާ ގިނަ ވަޒީރުންނާއި، މަޖިލީހުގެ ގިނަ މެމްބަރުންނާއި ޕާޓީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.