Advertisement

މި އަހަރަކީ އިގުތިސާދީ ގޮތުން ބުރަ އަހަރަކަށް ވާނެ: އައިއެމްއެފް

2 ޖަނަވަރީ 2023 - 14:50 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއޭވާ. -- ފޮޓޯ: އޭއޭ


މި އަހަރަކީ އިގުތިސާދީ ގޮތުން ބުރަ އަހަރަކަށް ވާނެ: އައިއެމްއެފް

2 ޖަނަވަރީ 2023 - 14:50 0

މި ފެށި 2023 ވަނަ އަހަރަކީ ނިމުނު 2022 ވަނަ އަހަރަށް ވުރެ އިގުތިސާދީ ގޮތުން ބުރަ އަހަރަކަށް ވާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ވެރިޔާ އިންޒާރު ދެއްވައިފި އެވެ.

އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއޭވާ ވިދާޅުވީ 2023 ވާނީ "ބުރަ އަހަރަކަށް" ކަމަށާއި ގައުމުތަކުގެ ތިންބައި ކޮށްފައި އެއްބައި "ރިސެޝަންގައި" އުޅެން ޖެހޭނެ ކަމަށެވެ.

"އެއީ ކީއްވެގެންތޯ؟ އެއީ އެންމެ ބޮޑު ތިން އިގުތިސާދު، އެމެރިކާ، އީޔޫ އަދި ޗައިނާ، އެއް ފަހަރާ މަަޑުޖެހެމުން ދާތީ،" ސީބީއެސް ޗެނަލްގެ ޕްރޮގްރާމެއްގައި ޖޯޖިއޭވާ ވިދާޅުވި އެވެ.

ދުނިޔޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ކުރިން އަންދާޒާ ކުރީ 2.9 ޕަސެންޓުންނެވެ. އެހެން ނަމަވެސް ޔޫކްރެއިން ހަނގުރާމަ އާއި އިންޓްރެސްޓް ރޭޓް މަތިކުރުން ފަދަ ކަންކަމާ ހެދި މިދިޔަ އޮކްޓޯބަރު މަހު އައިއެމްއެފުން ވަނީ އެ އަންދާޒާ 2.7 ޕަސެންޓަށް ކުޑަކޮށްފަ އެވެ.

ޖޯޖިއޭވާ ވިދާޅުވީ ކޮވިޑް ބަލިމަޑުކަމާ ހެދި ޗައިނާއަށް ކުރަމުންދާ އަސަރުތަކުގެ ސަބަބުން 40 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެ ގައުމުގެ އިގުތިސާދީ ދުވެލި ދުނިޔޭގެ އެވްރެޖް ނިސްބަތަށް ވުރެ ކުޑަވުން އެކަށީގެންވާ ކަމަށެވެ.

"ކުރިއަށް އޮތް ދުވަސްތަކަށް ބަލާއިރު، ޗައިނާގައި ކޮވިޑް ފިޔަވަޅުތަކަށް ލުއިދޭން ފެށުމާ އެކު، މުޅި ޗައިނާގައި ކޭސްތައް ހަލުވިކަމާ އެކު ފެތުރޭނެ،" އޭނާ ވިދާޅުވި އެވެ.

ޖޯޖިއޭވާ ވިދާޅުވީ 2023 ވަނަ އަހަރު ނިމެން ގާތްވާ އިރު ޗައިނާގެ އިގުތިސާދު ރަނގަޅުވުމުގެ ނިޝާންތައް ފެނުމުގެ ފުރުސަތު އޮތް ނަމަވެސް، ދިގު ރާސްތާގައި އިގުތިސާދުގެ މިސްރާބާ މެދު ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.

"ކޮވިޑްގެ ކުރިން ދުނިޔޭގެ އިގުތިސާދީ ކުރިއެރުމުން 34، 35، 40 ޕަސެންޓު އަންނަމުން ދިޔައީ ހަމައެކަނި ޗައިނާއިން. މިހާރު ޗައިނާއިން އެ ކޮންޓްރޮބިއުޝަނެއް ނާދޭ. އެހެންވީމާ އެންމެ ބޮޑު ޕްރެޝަރެއް އޮތީ އޭޝިއާގެ އިގުތިސާދުތަކަށް،" އޭނާ ވިދާޅުވި އެވެ.

އީޔޫގެ ހާލަތާ ގުޅޭ ގޮތުން ޖޯޖިއޭވާ ވިދާޅުވީ ޔޫކްރެއިން ހަނގުރާމައިގެ އަސަރު އީޔޫ ގައުމުތަކަށް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށާއި އީޔޫގެ 50 ޕަސެންޓު މި އަހަރު އޮންނާނީ "ރިސެޝަންގައި" ކަމަށެވެ.

އެހެން ނަމަވެސް އެމެރިކާގެ އިގުތިސާދު އަދިވެސް ފެންނަނީ ވަރުގަދަކޮށް ކަމަށާއި އިގުތިސާދު ކުޑަނުވެ، ކުރިއެރުންތަކެއް މި އަހަރު ފެންނާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އެންމެ ވަރުގަދަކޮށް ފާހަގަވަނީ އެމެރިކާ. އެމެރިކާ ރިސެޝަންއަށް ނުގޮސް ހިފަހައްޓާލެވިދާނެ،" ޖޯޖިއޭވާ ވިދާޅުވި އެވެ.