Advertisement

ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި ޓެކްސް ކުޑަ ކުރާނަން: ނަޝީދު

2 ޖަނަވަރީ 2023 - 08:52 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ޝާބިން / އަދަދު


ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި ޓެކްސް ކުޑަ ކުރާނަން: ނަޝީދު

2 ޖަނަވަރީ 2023 - 08:52 2

ދެން އުފެދޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމެއްގައި ޓެކްސް ކުޑަ ކުރާނެ ކަމަށާއި އިގުތިސާދީ ތާއްޓެއްގެ ތެރޭގައި ޓެކްސްއާ ކުޅުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ބޮޑުތިލަދުންމައްޗަށް އެމަނިކުފާނު ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކަށް ވާނީ އިމްޕޯޓް ޑިއުޓީ "ނައްތާލުން" ކަމަށެވެ.

"އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ އިމްޕޯޓު ޑިއުޓީ ގެނެސްފައި އެ ނައްތާލުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ބޭނުމަކީ ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށާއި ވިޔަފާރި ކުރުމުގެ ކުރިން ޓެކުހެއް ނެގުމަކީ އެންމެ ފައިދާ ބޮޑު ގޮތް ނޫން ކަމަށެވެ.

އޭގެ އިތުރުން، ޖީއެސްޓީ ބޮޑު ކުރަން ނިންމި ނިންމުމަށް ފާޑު ވިދާޅުވަމުން ނަޝީދު ވިދާޅުވީ ޖީއެސްޓީ ބޮޑު ކުރުމުން ވިޔަފާރި ފައިދާ ކުޑަވާނެ ކަމަށާއި އެކަމުގެ ސަބަބުން ވިޔަފާރި ފައިދާއިން ދައުލަތަށް ދައްކާ ޓެކްސް މަދުވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޖީއެސްޓީ ބޮޑު ކުރަން ނިންމުމުން ތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމަށާއި އެއީ ސަރުކާރަށް ލިބޭ އާމްދަނީ އިތުރު ކުރަން މި ހާލަތުގައި ކުރުން ވަރަށް ގޯސް ކަމެއް ކަމަށެވެ.

"އަބަދުވެސް ހުރިހާ ޓެކްސްގެ ނިޒާމެއްގެ ބޭނުމަކީ ވިޔަފާރީގެ ފުރުސަތުތައް އިތުރުކޮށްފަ ވިޔަފާރި ފުޅާ ކުރުން. [މިސާލަކަށް] ދެ ބިލިއަން ރުފިޔާ ހޯދަން ޓެކްސް ބޮޑު ކުރުމުގެ ބަދަލުގައި އިގްތިސާދު ކުރި އެރުވި ނަމަ ދެ ބިލިއަނާ ހަމައަށް ގެންދަން،" ސަރުކާރުގެ ނިންމުމަށް ފާޑު ވިދާޅުވަމުން ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ވެސް ޖެހޭނީ ކުޑަ ކުރަން ކަމަށާއި އެ ގޮތަށް އެ ނުބޭއްވޭނެ ކަމަށެވެ.

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް މިއަދުން ފެށިގެން ހަ ޕަސެންޓުން އަށް ޕަސެންޓަށް އިތުރު ކުރުމަށް މިދިޔަ ނޮވެމްބަރު 16، ވަނަ ދުވަހު ރައްޔިތުން މަޖިލީހުން ފާސްކުރުމުގެ ކުރިން ވެސް މަޖިލީހުގައި އެ ބިލާ ދެކޮޅަށް ގިނަ މެންބަރުން ވާހަކަދައްކާފައިވެ އެވެ. އޭގެ ތެރޭގައި ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެންބަރުން ވެސް ހިމެނެ އެވެ.

އެހެންނަމަވެސް އެ ބިލު ފާސްކުރި ގޮތަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ތަސްދީގު ކުރައްވާފަ އެވެ. އަދި ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދެއްވައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ޓެކްސް ރޭޓުތައް ބޮޑުވުމުން ސަރުކާރުގެ މަސައްކަތްތައް ކުރުމަށް އިތުރު ބާރެއް ލިބިގެން ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މިވަގުތު ޓެކްސް ބޮޑު ކުރުން އެއީ އިގްތިސާދަށް ފައިދާވާނެ މަސައްކަތެއް ކަމަށް ވޯލްޑް ބޭންކާއި އައިއެމްއެފުން ވެސް ވަނީ މީގެ ކުރިން ބުނެފަ އެވެ.