Advertisement

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލު ކުރަން ކަރަންޓާއި ކުނީގެ ބިލު އެއްކޮށްލަނީ

31 ޑިސެންބަރު 2022 - 12:52 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ވެމްކޯއަށް ބިލު ދައްކާ އޮންލައިން ޕޯޓަލް އަވަސް ޕޭ: ސަރުކާރުން ބުނީ ކުނީގެ ބިލު ދައްކަނީ އެންމެ 40،000 ގޭބީސީން ކަމަށް -- ފޮޓޯ: ފައިލް


ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލު ކުރަން ކަރަންޓާއި ކުނީގެ ބިލު އެއްކޮށްލަނީ

31 ޑިސެންބަރު 2022 - 12:52 1

މާލޭގެ ގޭބީސީތަކުން ކުނި ނަގަމުންދާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނަށް ފައިސާ ނުދައްކާ މައްސަލަ ހައްލު ކުރަން ކަރަންޓާއި ކުނީގެ ބިލު އެއްކޮށްލަން މަސައްކަތް ކުރަމުންދާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

ވެމްކޯއަށް ބިލު ނުދައްކާ ގިނަ އަދަދެއްގެ ގޭބީސީ މާލޭގައި ހިމެނޭއިރު އެ ގެތަކުން ކުނި ނެރެނީ މަގުމައްޗަށެވެ. މަގުމައްޗަށް ނެރޭ ކުނި ވެސް ވެމްކޯއިން ދިޔައީ އުކަމުންނެވެ. އެކަމާ ގުޅޭ ގޮތުން "އަދަދު" އާ ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ ދެ ބިލު އެއްކޮށްލުމުން މަގުމައްޗަށް ކުނި ނެރުމުގެ މައްސަލަ ހައްލުވާނެ ކަމަށް ލަފާ ކުރައްވާ ކަމަށެވެ.

"އާ ގާނޫނު ތަސްދީގުކުރެއްވުމާ ގުޅިގެން މި ތައްޔާރުވަނީ ކަރަންޓުބިލާ އެކީގައި ކުނީގެ ބިލް ވެސް ކަލެކްޓު ކުރެވޭނެ ގޮތަކަށް. މި މައްސަަލައަށް އެހެންވީމަ ދާއިމީ ހައްލެއް މި އަންނަނީ މިހާރު،" ޝައުނާ ވިދާޅުވި އެވެ.

ވެމްކޯއިން ހިއްސާކުރި ގޮތުގައި މާލޭގައި މީހުން ދިރިއުޅޭ ޖުމްލަ 60،000 ގޭބިސީ ހުރި އިރު އެ ކޯޕަރޭޝަން މެދުވެރިކޮށް ކުނި އުކާލުމުގެ މަސައްކަތް ކުރަމުން އަންނަނީ ގާތްގަނޑަކަށް 40،000 ގޭބިސީއަކުންނެވެ.

މީގެ ކުރިން މާލެ ތެރެ ސާފުކޮށް ބެލެހެއްޓީ ވެސް ވެމްކޯއިންނެވެ. ނަަމަވެސް މިދިޔަ އަންގާރަ ދުވަހުން ފެށިގެން އެ މަސައްކަތް ކުރަނީ މާލެ ސިޓީ ކައުންސިލުންނެވެ. އެކަމަކު އޭގެ ފަހުން ރަށުތެރެއަށް ކުނި ގިނަވާތީ ޝައުނާގެ އެންގެވުމަކަށް އިއްޔެ ވެމްކޯއިން ވަނީ މާލެ ސާފުކޮށްފަ އެވެ.