30 ޑިސެންބަރު 2022 - 11:01 0
30 ޑިސެންބަރު 2022 - 11:01 0
ގަތަރުގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ލި އަރަބި ސަގާފީ ހެދުން، ބިޝްޓް، ގަންނަން އޮމާނުގެ މަޖިލިސް މެމްބަރެއް ކަމަށްވާ އަހުމަދު އަލް ބަރްވާނީ އެއް މިލިއަން ޑޮލަރު ހުށަހަޅައިފި އެވެ.
އަރަބިންނާއި އިސްލާމީ ސަގާފަތާ ވެސް ގުޅޭ ހެދުމެއް ކަމަށްވާ ބިޝްޓް އަކީ މުސްލިމުންގެ ފަރާތުން ހާއްސަ މެހެމާނުންނަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ވެސް ދީ އުޅޭ ހަދިޔާ އެކެވެ. އެ ގޮތުން ވޯލްޑް ކަޕް ކާމިޔާބު ކުރުމާ އެކު މެސީ އަށް މި ހަދިޔާ ދެއްވީ ގަތަރުގެ ޝާހީ އާއިލާގެ ފަރާތުން، ގަތަރުގެ އަމީރު ތަމީމް ބިން ހާމިދު އަލް ތާނީ އެވެ.
ގަތަރު ވޯލްޑް ކަޕް ނިންމުމުގެ ރަސްމިއްޔާތުގައި މެސީ އަށް ބިޝްޓް އެއް ހަދިޔާކޮށް، މެސީ ވޯލްޑް ކަޕް ޓްރޮފީ އުފުލާލިިއިރު، ބިޝްޓް އެއް ލައިގެން ހުރުމުން ހުޅަނގު މީޑިއާ އިން ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ. މީޑިއާތަކުން ބުނަމުން ދިޔައީ، މެސީގެ ކެރިއަރުގެ އެންމެ ހާއްސަ ވަގުތުގައި އަރަބިން ވަނީ އަމިއްލަ އެޖެންޑާ އެއް ފަތުރާފައި ކަމަށެވެ.
އެކަމަކު، އެ ކަންކަން ބަދަލުވަމުން އައީ އަރަބިންގެ މެދުގައި، މެސީ، ބިޝްޓް ލައިގެން ހުރި އެ ވަގުތުތަކުގެ ފޮޓޯތަކަށް ލިބެމުންދިޔަ ތަރުހީބުތަކުގެ ސަބަބުންނެވެ.
އަރަބިންގެ މެދުގައި މެސީ ބިޝްޓް ލައިގެން އެ ހުރި ވަގުުތުގެ ކަންކަން ވައިގައި ހިފި އެވެ. އެ ގޮތުން، އޮމާންގެ މަޖިލިސް މެމްބަރު ބަރްވާނީ ވަނީ މެސީ ލައިގެން ހުރި ބިޝްޓް ގަންނަން އެއް މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.
"މެސީ، އެ ބިޝްޓް ލައިގެން ޓްރޮފީ އުފުލާލިިއިރު އަހަރެން ދަނޑުގައި ހުރިން. އެ ވަގުތު އަހަންނަށް ވެސް ހާއްސަ އުފަލެއް އިހުސާސް ކުރެވުނު. އެހެންވެ، އަހަރެން އެބަ ބޭނުންވޭ އެ ތާރީހީ ވަގުތު ރަމްޒުކޮށްދޭ ހަނދާނެއް އަހަރެންގެ އަތުގައި އޮންނަން، އެއީ އަސްލު މި ބިޝްޓް އަށް އަހަރެން އޮފާއެއް މި ކުރާ ސަބަބަކީ،" އޮމާންގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ބަރްވާނީ ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާގޮތުން މެސީ ލި ބިޝްޓް ގަންނަން ގިނަ ހުށަހެޅުންތަކެއް ވަނީ ލިބިފަ އެވެ. އާޖެންޓީނާގެ ކުޅިވަރު މީޑިއާ ޓައިކް ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި ބިޝްޓް ނީލަން ކިއުމުގެ ބަދަލުގައި މެސީގެ ޓީމުން ނިންމާފައިވަނީ އެ ރައްކާކޮށްފައި ބޭއްވުމަށެވެ. އެ ގޮތުން، ބިޝްޓް ބަހައްޓަން ނިންމާފައިވަނީ މެސީގެ އުފަން ސަރަހައްދު، އާޖެންޓީނާގެ ރޮސާރިއޯގައި ހުންނަ މެސީގެ މިއުޒިއަމްގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment