Advertisement

މަލިން މުޙައްމަދު ދީދީގެ "ރައިވެރިބެއާއި، ރުކާ"- އެންތުރޮޕޮމޯފިޒަމްގެ ނަމޫނާއެއް

30 ޑިސެންބަރު 2022 - 08:02 3

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


މަލިން މުޙައްމަދު ދީދީގެ "ރައިވެރިބެއާއި، ރުކާ"- އެންތުރޮޕޮމޯފިޒަމްގެ ނަމޫނާއެއް

30 ޑިސެންބަރު 2022 - 08:02 3

އެންތްރޮޕޮމޯފިޒަމަކީ ތޯއެވެ؟ އަޅުގަނޑުމެންނާ ރަޙުމަތްތެރި މިސާލަކުން ފައްޓަމާ ބަހީއެވެ. ދާދި މިދާކަށް ދުވަހު ނިމިދިޔަ ވަރލްޑްކަޕްގެ މެސްކޮޓް ލަޢީބް ހަނދާނަށް ގެންނަމާ ހިނގާށެވެ. ބޮލުގައި އަޅާ ފޮށަޔަކާއި ކުރީގެ ކުޑަކުދިންގެ ކާޓޫނު ކެސްޕަރ ގައި އުޅޭ "ރަޙުމަތްތެރި" ޖިންނި އެއްކޮށްލައިގެން، އެ ތަކެއްޗަށް "މޮޅު ފުޓުބޯޅަކުޅުންތެރިއެއްގެ" ސިފަތައް ދީގެން ހަދާފައިވާ ޝަޚުޞިއްޔަތެކެވެ. އަދަބިއްޔާތުން މިސާލެއް ދައްކާ ނަމަ، އަޅުގަނޑުމެންގެ ދަރިން އެ ބަލާ ކާޓޫނުތަކުގައި އެ އުޅޭ ހެދުން އަޅައިގެން ތިބޭ ގަސްގަހާގެއްސާއި، ވާހަކަދައްކާ ވަޑާންކުރާ ސާމާނާއި، އުފަލާއި ހިތާމަ ފަދަ އިންސާނީ އިހުސާސްތައް ދަންނަ ދޫނިސޫތްޕާ ސޫފި އަދި ގަސްގަހާގެހި މިއީ ހައްތަހާވެސް އެންތުރޮޕޮމޯފިޒަމުގެ މިސާލެވެ. ދިވެހި އަދަބިއްޔާތުން މިސާލު ނަގާނަމަ، އަނބޮއްފުޅާއި ދަނބޮށްފުޅު، މާކަނާކަލޯ، ވާތުރު، މިއީ ހައްތަހާވެސް އެ ފަދަ ޝަޚުޞިއްޔަތުތަކެވެ.

ޓެކްސްޓް ފޮތުގައި ބުނާ ގޮތުން، އިންސާނުން ނޫން އެހެން ތަކެއްޗަށް (ދިރޭތަކެއްޗާއި އެ ނޫން ތަކެތިވެސް ހިމެނޭގޮތަށް) އިންސާނުންގެ ސިފަތަކާއި އިހުސާސްތައް ދިނުމަކީ އެންތްރޮޕޮމޯފިޒަމެވެ. މިޔާ ވަރަށް ވައްތަރު އެހެން އެއްޗެއްވެސް އޮންނާނެއެވެ. އެއީ ޕަރސަނިފިކޭޝަނެވެ. ތަފާތަކީ، އެންތްރޮޕޮމޯފިޒަމުގައި އެ ތަކެއްޗަށް އިންސާނީ ސިފަތައް ދޭނީ ސީދާ ގޮތެއްގައެވެ، ޕަރސަނިފިކޭޝަންގައި އިންސާނުން ނޫންތަކެއްޗާ ނިސްބަތްކޮށް އިންސާނީ ސިފަތައް ބޭނުންކުރާނީ މަޖާޒީ ސިފައެއްގައެވެ. މިސާލަކަށް، ރަށްކޮޅު މާމެލިދައިތަ ވާހަކައިގައި އެ ދައިތަ އާ ދިމާވާ ކޮންމެ ކާއެއްޗަކަށް ވާހަކަދެއްކެއެވެ. އެތަކެތީގެ އިހުސާސްތައް ކިޔައިދެއެވެ. އިޖުތިމާޢީ ގުޅުންތައް ގެންގުޅެއެވެ. އެހިސާބުން އެއީ އެންތްރޮޕޮމޯފިޒަމެވެ. މިއާ ޚިލާފަށް "ދެކޭށޭ ހަނދާ ރީތި ތަރިތައް، ޔަޤީނޭ މިތަން ހޯދަނީއޭ" ބުނުމުން، އަހަރެމެން "ހޯދުން" މި އިންސާނީ ސިފަ ހަނދާ ތަރިތަކަށް ނިސްބަތްމިކުރަނީ މަޖާޒީ ގޮތަކުންނެވެ.

އެންތްރޮޕޮމޯފިޒަމަކީ ދިވެހިން ވަރަށް ކުރީއްސުރެ ގެންގުޅެމުން އައި އުކުޅެކެވެ. މީގެ އެންމެ ރީތި އެއް މިސާލަކީ، މަލިން މުޙައްމަދު ދީދީ ލިޔުއްވާފައިވާ "ރައިވެރިބެއާއި، ރުކާ" މި ލިޔުމެވެ. މަލިން މުޙައްމަދު ދީދީއަކީ އެމަނިކުފާނުގެ ޒަމާނުގައި ޢާންމުކޮށް ނުގެންގުޅޭ ވައްޓަފާޅިއެއް، ލިޔުންތެރިކަމުގައި ޚިޔާރުކުރެއްވި ބޭފުޅެކެވެ. މަލިން މުޙައްމަދު ދީދީގެ ލިޔުއްވުންތެރިކަމާމެދު ބުނެފައިވެއެވެ.

"ދިވެހި އަދީބުންގެ ތެރެއިން މަލިން މުޙައްމަދު ދީދީއަކީ ވަރަށްބޮޑަށް ފާހަގަކުރެވޭ ބޭފުޅެކެވެ. ލިޔުއްވުންތަކުގައި އޭނާ ގެންގުޅުއްވި ގިނަބަޔަކަށް ކަމުދާ އަމިއްލަ "ބައްޓަން" ތަފާތުކަމުންނެވެ. އަދި ހުރިހާ ފެންވަރެއްގެ މީހުންނަށް، އޮޅުވާލުމެއް ނެތި، ވިދާޅުވާ އެއްޗެއް ސާފުކޮށް އޮޅުންފިލާގޮތަށް ލިޔުއްވުމަށް ދެއްވި ސަމާލުކަން ބޮޑުކަމުންނެވެ. އަދި ޚާއްޞަކޮށް ގެންގުޅުއްވި ސަމާސާ އަދަބުގެ ފުރިހަމަކަމުންނެވެ."

މަލިން މުޙައްމަދު ދީދީ ވިދާޅުވާ އެއްޗެއްގައި އޮޅުވާލުމެއް ނެތް މިންވަރާ، އެމަނިކުފާނު ސިފަކުރައްވާ މަންޒަރުތަކާއި އިހުސާސްތަކުގެ މޮޅުކަން، ކިޔުންތެރިންގެ ތެރެއިން މަލިން މުޙައްމަދު ދީދީގެ ލިޔުންތެރިކަމަށް އާ ބޭފުޅުންނަށް ތަޢާރަފުކޮށްދިނުމަށް އެންމެ ޖުމުލައެއްވެސް ފުދެއެވެ. އަޅުގަނޑާއެކު ރައިވެރިބޭގެ ދުވަހީ ދިރިއުޅުމަށް ހިންގަވާށެވެ.

"އާދެ! ތުބުން ރަނގަޅަށް ތުޅާ ނުނަގާ އެގޮވާލީ "ހިޔަލާ ދުފަންގެނޭ" ހިޔަލަވަރަށް އަވަހަށް ބޮލުގައި އަޅާރުމާ ކޮޑަށް އެއްލައިގެން ފީފޯއްކިބައަކާއި، ކުޑަދުންފަތްކޮޅަކާ ގެނެސްދިނީމާ، އަތުގައި އޮތް ވަޅިން، ކޮށާލާ، އަގަޔަށް އަޅާފައި، އުގުގައިއޮތް ހުނިބަޑިއަކުން ހުނިކޮޅެއްލައި، ފެންގުޅިދޮށުގައި އޮތް ކިހާކުއުބުގަޑަކުން އެތިކޮޅެއް އަގަޔަށްއަޅައި ދުންފަތްކޮޅު، ތުންފަތާ ދަތްޕިލަޔާ ދޭތެރެއަށް ކޮށްޕާލައިގެން ދުފަމުން، ރާދަޑިގަޑުނަގާ ކޮޑުގައި އެޅުވިއިރު ބަދިތައްހުރީ އަޅުވާފައެވެ."

ލެޕްޓޮޕްދޮށުގައި ޓައިޕްކުރަން އިންއިރުވެސް ހީވަނީ ރައިވެރިބޭގެ ދުފުންގަނޑާއި އޭނާގެ ގޭތެރެ ސްކްރީނުން ފެންނަހެންނެވެ.

ކޮންމެޔަކަސް ޒަމާނަކީ، ރައިވެރިކަން ކުރުމަށްވުރެ ރުށްރުށް ކާށިކުރުން މޮޅުވާނެކަމަށް ބަހުސްކުރެވެމުންދިޔަ ޒަމާނެވެ. ރައިވެރިން ކުރާ މަސައްކަތް އެއްބަޔަކަށް ފެނުނީ "ކަންނެތް" މަސައްކަތެއްގެ ގޮތުގައެވެ. އަނެއް ބަޔަކު ބުނަނީ އެއީ އާމްދަނީ ހޯދުމަށްކުރާ މަސައްކަތަށްވުރެ ބޮޑަށް، މުނިފޫހިފިލުވުމަކަށް ކުރާ މަސައްކަތެއް ކަމަށެވެ. އޭރުގެ ޒަމާނީ ރައިވެރިކަން އެ ކުރާ ގޮތުން، ރުއްރުކުން ލިބޭ ފައިދާ މަދުވެ، ޤުދުރަތީ ވަޞީލަތެއް އިސްރާފުކުރެވެނީ ކަމަށެވެ.

މި ލިޔުމުގައި މަލިން މުޙައްމަދު ދީދީ އެންތްރޮޕޮމޯފިޒަމް ބޭނުންކުރައްވަނީ މި ބަހުސްކުރެއްވުމަށެވެ. ރައިވެރިބޭ ސިފަކުރައްވާފައިވަނީ ނައްސި ނަޒަރަކުންނެވެ. އޭނާގެ އުޅުންގުޅުންތަކުގައްޔާއި މުއާމަލާތްތަކުގައި ހަރުދަނާކަމެއް ނެތެވެ. އެހެންނަމަވެސް އޭނާ ރާކުރަން އަރާ ރުކަށް ދީފައިވަނީ ފައްސި އިންސާނީ ސިފަތަކެވެ. ހެޔޮބުއްދި އާއި، ޢިލްމުވެރިކަމާއި ޙިކުމަތްތެރިކަމެވެ. ރައިވެރިބޭ ކިބައިގައި އެންމެ ފުރިހަމަ ގޮތުގައި ނެތް ސިފަތަކެކެވެ. ރައިވެރިބޭ އެދުވަހު ރުއްއަރަން ގޮސް އަރައި ރުކާއި އޭނާއާ ދެމެދު ހޫނު ބަހުސެއް ކުރެއެވެ. މި ބަހުސްގެ ފެށެނީ ރައިވެރިބޭ އެތްތަޅަން ފެށުމުން ރުކުން އިއްވާލާ ޝަކުވާއަކާ އެކުގައެވެ. "ރައިވެރިބެއާ! މިއަދުވެސް ތިޔަ މަށަށް އަނިޔާކުރަން ފެށީތާ"އޭ ބުނުމާއެކު ބަހުސްފެށުނީއެވެ.

މިއީ ރުކެއް ނުހިމަނައި، ދެމީހަކަށްވެސް ކުރެވިދާނޭ ބަހުސެކެވެ. އެހެންނަމަވެސް އެ ބަހުސްގައި ރައިވެރިކަމާ ދެކޮޅަށް ވަކާލާތުކުރާ ވަކީލަކީ ޚުދު ރުކެއް ކަމުގައި ވުމުން އެތައް ފައިދާތަކެއް އެބަ ހާސިލުކުރެވެ އެވެ. މިއިން އެއްކަމަކީ، މީހުން ކިޔަން ގަޔާނުވާ ފަދަ މަޢުލޫމާތުތަކެއް މި ފަދަ ސިފައެއްގައި ކިޔައިދިނުމުން ކުޑަކުދިންނަށްވެސް އެ މަޢުލޫމާތު ނަގައިގަންނަން ފަސޭހަވެ އެވެ. ހުސް މައުލޫމާތުތަކެއް ހުށަހެޅުމުގެ ބަދަލުގައި ރައިވެރިބެއާއި ރުކާ މައުޟޫޢުގެ ދެ ކޮޅަށް އިންސާފުކުރުމުން، ލިޔުންތެރިޔާ ދެއްވަން ބޭނުންވާ މެސެޖު އިތުރަށް ތަފްޞީލުކޮށްދޭނޭ ފުރުޞަތު ލިބެއެވެ.

މި ޑަޔަލޮލުގެ ތެރެއިން ލިޔުންތެރިޔާ ދިވެހި މަސައްކަތްތެރިކަމުގެ އެކި ދާއިރާތަކަށް ތަފްޞީލީ ނަޒަރަކުން ބައްލަވައިލައްވައެވެ. އެގޮތުން މަސްވެރިކަމާއި، މަސްވިއްކާ އަގުތަކާއި ރާވިއްކާ އަގުތަކާ ހުރި ތަފާތު އަޅައިކިޔުމާއި، ބޮލިހިލުމާއި، ބޮލި ހިލައިގެން ހޯދޭނެ އާމްދަނީ އާއި، ރޯނުވެށުމާއި، މި ފަދަ ކަންކަމުގެ ވާހަކަތައް ރުއް ދައްކައެވެ. ރާވެރިކަމަކީ "ކަލޭކަހަލަ ބަރުހެލިއޮޑިމޯލަކަށް ހަރަކާތެއްހުރި އެއްވެސް ފުރާނައެއް" އަތުނުވާތީ ކުރާ މަސައްކަތެއް ކަމަށް ބުނެއެވެ.

މި ލިޔުމުގައި ޢިލްމީ ހަވާލާތައް ދެނީވެސް އިންސާނާއެއް ނޫނެވެ. ރުކެވެ. ރުކާއި ރައިވެރިބޭގެ ވާހަކަތަކުގެ ތެރެއިން މުހިންމު ތަންކޮޅެއް ނަކަލުކޮށްލާނަމެވެ.

”ރާރުއް: ބަލަ އަހަރުމެންނަކީވެސް ތަދުވެ ބިރުގެން އަދި މިނޫންވެސް މިބާވަތުގެ ކަންތައް އެނގޭ ބަޔަކީމުއެވެ. އިންޑިޔާގެ މަޝްހޫރު ޑޮކްޓަރު ޗަންޑްރާބޯސް އަހަރުމެން ގަސްގަހާގެއްސާ މެދު ލިޔުއްވާފައިވާ ވާހަކަތައް މީހަކު ބުނާތީވެސް ނާހަމުދޯ؟

ރައިވެރިބޭ: އާނ! އަހަރުންނަކު ތިޔަކަހަލަ ޣައިރުދީންގެ ބޯހެއް، ޗޯހެއް ދައްކާ ވާހަކައެއް ނުއަހާނަމެވެ. އަދި މިހާރު މިއުޅޭ ކުދިންގަނޑުގެ ވާހަކައެއްވެސް ނުއަހާނަމެވެ. އިއްޔެމިދާކު މާލޭ ރުވާފުއްދޮލަގެއްތޯ ރުވާޤުއްޠަލަބާ އެއްގައި ހުރެފައިއައި ފިކުރީއެއްތޯ ކެކުރިއެއްވެސް ތިޔަބާވަތުގެ ވާހަކަދައްކައެވެ. އަހަރެންގާތު މިރަށު މުސްކުޅި ކާސިންކަލޭގެ ބުނެފައިވަނީ މިދުނިޔޭގައި ލައްވާފައިވާހައި ތަކެއްޗަކީ އަހަރެމެންނަށްޓަކައި ހައްދަވާފައިވާ ތަކެއްޗެވެ. އޭނާއަކީ ދުނިޔެ ހެއްދެވި ވާހަކައަންނަ މައުލޫދުވެސް ކިޔަވައިގެންހުރި މީހެކެވެ. މިހެންވީމާ ތިޔަކަހަލަ މީހަކު ގޮވާ ގޯހެއް މައަހާނެހޭ؟"

މީގައި މި ހަވާލާދޭ ޑރ. ޗަންދްރަބޯސްއަކީ ޚިޔާލީ މީހެއް ނޫނެވެ. އެއީ މަޝްހޫރު ދިރާސާވެރިއެއްކަމުގައިވާ ޑރ. ޖަގަދީޝް ޗަންދްރަބޯސްއެވެ. އޭނާގެ އެންމެ ނަންމަޝްހޫރު އެއް ދިރާސީ މަސައްކަތަކީ، ޖަނަވާރުންނެކޭ އެއްފަދައިން ގަސްގަހާގެހީގައިވެސް ނަރވަސް ސިސްޓަރމެއް ވާކަމަށް ދެއްކުމަށް ކުރި ދިރާސާއާއި އެ ދިރާސާއާ ގުޅުންހުރި ތަޙުލީލުތަކެވެ. އޭނާގެ މި ދައުވާކުރުމަށް އޭނާ ބޭނުންކުރި "ކްރެސްކޮގްރާފް"އޭ ކިޔާ އުފެއްދުމެކެވެ. ކޮންމެޔަކަސް ދަންނަވަން މި އުޅޭ ވާހަކައަކީ، މި ހަވާލާއިން އެކަނިވެސް، ރުއް ދައްކާ ވާހަކަ، ރައިވެރިބޭ ދައްކާ ވާހަކައަށްވުރެ ހަރުދަނާކަމަށް ލިޔުންތެރިކާ ދައްކަން ބޭނުންވާކަން ސާބިތުވެއެވެ.

ރައިވެރިކަމުން މަންފާއެއް ނުލިބޭ ކަން ބަޔާންކޮށްދެމުން، އެއީ އެކްސްޕޯޓުކުރެވޭ މުދަލެއް ނޫންކަމާއި، އެއިން ލިބޭ ފައިސާ ދައުރުވަނީ ހަމައެކަނި ދިވެހިންގެ ޖީބުތަކުން ކަން އަންގައިދެމުން އެކްސްޕޯޓު ވިޔަފާރިއަށް އޭރު ދެމުން އައި އަހައްމިއްޔަތު ސިފަކޮށްދެއެވެ. އެންމެ ފަހުން ރުއް ދެކެ އައި ރުޅިން ރައިވެރިބޭ، އެތާ ކައިރި ރުކެއްގާ އޮތް އެހެން ރައިވެރިބެޔަކާ ހަމައަށް އެރުކުގެ ޝަކުވާވެސް އުފުލައެވެ.

"މިރުކަށް އެރިތަނާ ދަންނަކަން ބުނަންފެށީއެވެ. މިއީ ހަތްމަރު ކިޔަވައިގެން ހުރި ދަންނަ ބޭކަލެކެވެ."

މަލާމާތުގެ ޒާތަކަށް ރައިވެރިބޭ މި ބުނާ ވާހަކައަކީ ޢިލްމީ އާ ޚިޔާލުތަކަށް އަބަދުވެސް ކިޔާ މަރުޙަބާގެ ވާހަކައެވެ. ރުއް މި ކުރާ ބަހުސްގައި މި ބުނަނީ ދިވެހި ރުކުން، ރައިވެރިކަމުގެ ބޭރުން ކުރެވޭނޭ އެތައް ބޭނުމެއް އޮތް ވާހަކައެވެ. އަދި ރައިވެރިކަމުގެ ބަދަލުގައި ރުއް ކާށިކުރުމުން އެ ވަޞީލަތް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނޭ ވާހަކައެވެ.

އިޤްތިޞާދީ އަދި ޘަޤާފީ ނަޒަރަކުން ވިސްނާނަމަ، މިއަދު ރުކުގެ މި ދައުވާއަށް އިންކާރުކޮށް، އެއާ ދެކޮޅަށް ދައްކާނޭ ދަލީލުތައް ހުރުން އެކަށީގެންވެއެވެ. އެހެންނަމަވެސް މި ދައްކަނީ މާ ކުރީ ޒަމާނެއްގެ ވާހަކައެވެ. 1900ގެ ވެސް ކުރީކޮޅުގެ ވާހަކައެވެ.

އެންތްރޮޕޮމޯފިޒަމްގެ އެހީގައި ލިޔުންތެރިޔާގެ ޚިޔާލު ހުށަހަޅުއްވާފައިވަނީ ވަރަށް ފުރިހަމަ ސިފައެއްގައެވެ. އެހެންނަމަވެސް ދިރާސީ ނުވަތަ އެކަޑަމިކް ލިޔުންތަކުގައި މި އުކުޅު ބޭނުންނުކުރުމަށް ބުނެވެއެވެ. އެއީ ލިޔުމަށް ބަރޯސާވެވޭ މިންވަރު އިތުރުކުރުމަށެވެ. އެހެންނަމަވެސް އަދަބިއްޔާތުގައި މި އުކުޅު ބޭނުންކުރުމުން ފައިދާތަކެއް ވެއެވެ. ކަމަކަށް ނުވަތަ ފިކުރަކަށް ނުވަތަ ގަސްގަހާގެއްސާއި ޖަނަވާރަށް އިންސާނުންގެ ސިފަ ދީގެން އަދަބިއްޔާތުގައި ގިނަ މަޤްޞަދުތަކެއް ހާސިލުކުރެވިދާނެއެވެ. އެއް މަޤްޞަދަކީ "ދައްކަން ނުވާ" ވާހަކަތައް ދެއްކުމެވެ. މާކަނާ ޝޯވ ގައި އެ ވާހަކަތައް ދައްކާ ބީދައިންނެވެ. އަނެއް މަޤްޞަދަކީ ހޭލުންތެރިކުރުވުމުގައި މީހުންގެ ޝައުޤުވެރިކަން އަތުލައިގަތުމެވެ.

"ރައިވެރިބެއާއި، ރުކާ" މިއީ މިފަދަ ލިޔުންތައް ބައްޓަންކުރަން ބޭނުންވާ ދަރިވަރުންނަށް ނަމޫނާއެކެވެ. ހަމައެކަނި އެންތްރޮޕޮމޯފިޒަމެއް ނޫނެވެ. އިންސާނުން ނޫން ތަކެއްޗަށް އިންސާނީ ބަހުރުވަޔާއި އިހުސާސްތަކާއި ސިފަތައް ދިނުމުގައި އެ ގެންގުޅޭ ބަސްކޮށާރުގެވެސް ސަބަބުންނެވެ. މިއީ ކޮންމެ ލިޔުންތެރިއަކުވެސް ހަވާލާއަކަށް ކިޔާލަން މުހިއްމު ލިޔުމެކެވެ.