Advertisement

ނަރީޝް ދޮގު ހެކިބަސް ދިން މައްސަލަ ތަހުގީގުކުރުމަށް ދިރާސާކުރަނީ!

27 ޑިސެންބަރު 2022 - 12:50 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް؛ ނަރީޝް ދޮގުހެކިބަސް ދިން ކަމަށް ބުނާ މައްސަލަ ބަލަން ފަށައިފި


ނަރީޝް ދޮގު ހެކިބަސް ދިން މައްސަލަ ތަހުގީގުކުރުމަށް ދިރާސާކުރަނީ!

27 ޑިސެންބަރު 2022 - 12:50 0

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް އެއް މިލިއަން ޑޮލަރު ދިނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ތެރެއިން ކަމަށް ބުނެ، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު، އަހުމަދު ނަރީޝް، ޝަރީއަތަށް ދޮގު ހެކިބަސް ދިން ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކޮރަޕްޝަންގެ މައްސަލައިގައި ޔާމީންގެ މައްޗަށް ހިންގި ޝަރީއަތުގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ހެކިބަސް ދެއްވި އިރު "ހެކިވެރިޔާ ހެކިބަސް ދީފައިވަނީ ނުހިނގާ ކަމެއް ހިނގި ކަމަށް ބުނެ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުވެގެން" ކަމަށް ޝަރީއަތުގެ ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ.

އެ މައްސަލަ ފުލުހުން ބަލަމުންދާކަން އެ އިދާރާއިން ކަށަވަރުކޮށްދެ އެވެ. މައްސަލަ ބެލުމަށްޓަކައި، ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް މިހާރު ދަނީ ދިރާސާ ކުރަމުންނެވެ.

"ހުކުމް ދިރާސާކުރަމުން ދަނީ، އޭގައި ޖިނާއީ މައްސަލައެއްގެ ތަހުގީގު ފުލުހުން ކުރަން ޖެހޭ ކަމަށް އޮތް ކަމަށް ބެލެވިއްޖެ ނަމަ، އެ މައްސަލައެއް ފުލުހުން ބަލަމުންދާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު" ނޫހަށް ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ނަރީޝްއާ ސުވާލު ކުރުމުން އޭނާ "އަދަދު" ނޫހަށް ވިދާޅުވީ އެ ހުކުމް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފައިވާތީ، ޝަރީއަތުގެ މަރުހަލާތައް ނިމެންދެން ޝަރީއަތާއި ޝަރީއަތަށް ދިން ހެކިބަހާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި, އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ހިފިކަމާއި އެ ޑޮލަރުތައް ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ދިފާއު ބިނާކުރީ ދޮގު މުއާމަލާތަކަށް: ޝަރީއަތުގެ ރިޕޯޓް

އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމުގެ މައްޗަށް އުފުލީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ.

އެ ދައުވާތަކުން ދިފާއުވުމަށް އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ގޮތުގައި ސާބިތުކޮށްދިނުމަށް ހެކިތަކެއް ހުށަހެޅި ނަމަވެސް އެކަން ޝަރީއަތުގައި ސާބިތުކޮށްދެވިފައެއް ނުވެ އެވެ. ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއްކަން ސާބިތުކޮށްދިނުމަށް ޔޫސުފް ނައީމްގެ ފަރާތުން ލިޔުމުން ހެކި ހުށަހެޅި ފޯމުގައި އެއީ ކޮން ތާރީހެއްގައި ހިނގި މުއާމަލާތެއްކަން ބަޔާންކޮށްފައިނުވާ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެ އެވެ.

ހަމަ އެހެންމެ، ދިފާއީ ހެކިންގެ ހެކި ބަހުންނާއި ހުށަހަޅާފައިވާ ލިޔެކިޔުމުން އެއީ ކޮން އިރެއްގައި ހިނގާފައިވާ ކަމެއްކަން އެނގެން ނެތް ކަމަށް ވެސް ހުކުމުގައި ބަޔާންކޮށްފައި ވެ އެވެ.