27 ޑިސެންބަރު 2022 - 10:37 0
އައިޝަތު ނުޒުހާ
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް؛ އެމްޑީޕީ ދަފްތަރު ސާފުކުރިއިރު އެހެން ޕާޓީތަކުގެ ގިނަ އަދަދެއްގެ މެންބަރުން ތިބި ކަމަށް ވިދާޅުވި---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
27 ޑިސެންބަރު 2022 - 10:37 0
އެމްޑީޕީގެ މެންބަރުންގެ ތެރެއިން 40،000 މެންބަރުންނަށް އެންގުމަކާ ނުލާ ޕާޓީގެ ދަފްތަރުން ވަކިކޮށްފައިވާ ކަމަށް ވިދާޅުވެ، ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅިން ދައްކަމުން އަންނަ ވާހަކަތަކަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ރޭ ރައްދުދެއްވައިފި އެވެ.
ރޭ ކުރިއަށް ދިޔަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވެސް ނަޝީދު ފެކްޝަންގެ މެންބަރުން ވަނީ އެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"އަޅުގަނޑުމެން މި އިންތިހާބާ މި ކުރިމަތި ލަނީ ޕާޓީގެ ދެ ބައިކޮށްފައި އެއްބައި ގާތްގަނޑަކަށް މެންބަރުން މަދުކޮށް، ދުނިޔޭގައި އަޅުގަނޑަކަށް ނޭނގޭ ތަނެއްގައި އަމިއްލައަށް ޕާޓީން އެދިގެން ވަކިވާން ދޫކޮށްލި ބައެއް މި ނޫނިއްޔާ،" އެމްޑީޕީގެ ހެންވެއިރު ހުޅަނގު ދާއިރާގެ ރައީސް މުހައްމަދު ސައިފް ފާތިހު ވިދާޅުވި އެވެ.
ނަޝީދަށް ތާއީދު ކުރައްވާ ސައިފްގެ ވާހަކައަށް ފަހު ވަރަށް ހިތްހަމަނުޖެހިވަޑައިގެން ފައްޔާޒް ވަނީ މީގެ ކުރިން ވެސް ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި އުފެދިފައި އޮތް އެންމެ ކަންބޮޑުވުމަކީ އެހެން ޕާޓީތަކުގެ މެންބަރުން ވޯޓު ލުން ކަމަށެވެ.
މިހާރު އެ ފުރުސަތު ބަންދުވެފައިވާ ކަން ފާހަގަކުރައްވައި ފައްޔާޒު ވަނީ ދަފްތަރު ސާފުކުރުމުގެ ކުރިން އެމްޑީޕީ ދަފްތަރުގައި ތިބި 39911 މެންބަރުންނަކީ އީސީގެ ދަފްތަރުގައި ނެތް މީހުން ކަމަށެވެ. އަދި އޭގެ ތެރެއިން އެމްޑީޕީއަށް އަނބުރާ ގެނެވުނީ 5325 މެންބަރުން ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ދަފްތަރުން އުނި ކުރެވުނު 11114 މީހުންނަކީ އެއްވެސް ޕާޓީއަކަށް ރެޖިސްޓްރީ ވެފައިވާ ބައެއް ނޫން ކަމަށެވެ.
"އަޅުގަނޑު ވެސް ގަބޫލުކުރަން ބައިވަރު އެމްޑީޕީއަށް ކުރިއްސުރެ ނިސްބަތްވެފައި ތިބި މެންބަރުން ތަކަކަށް މިއަދު މި ވޯޓު ލުމުގެ ފުރުސަތު ގެއްލިގެން މިއޮތީ ގޮސްފައި، އެހެންނަމަވެސް އެއީ އަޅުގަނޑުމެންގެ އަސާސީ ގަވައިދާއި ސިޔާސީ ޕާޓީތަކުގެ ގަވައިދާއި މި ގައުމީ މަޖިލީހުން ނިންމި ނިންމުމަމަކާ ދެވުނު ތިން މަސް ދުވަހުގެ މުއްދަތަކާ މިއަދާ ހަމައަށް އައިރު އަށް މަސް ދުވަސް ވެފައި،" ފައްޔާޒް ވިދާޅުވި އެވެ.
އެހެން ޕާޓީތަކަށް ނިސްބަތްނުވާ މެންބަރުންނަށް ޕްރައިމަރީގައި ވޯޓު ލެވޭނެ ގޮތެއް ހަމަޖެއްސޭތޯ އަދިވެސް ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Comment