Advertisement

އިންތިހާބީ ކޮމިޓީ ނެގުމުގައި ވެސް ދެ ފެކްޝަނުގެ އަރައިރުން ބޮޑުވެއްޖެ

26 ޑިސެންބަރު 2022 - 22:11 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މިރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން؛ ދެ ފެކްޝަނުގެ ކޯޅުން ވަނީ ބޮޑުވެފައި-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އިންތިހާބީ ކޮމިޓީ ނެގުމުގައި ވެސް ދެ ފެކްޝަނުގެ އަރައިރުން ބޮޑުވެއްޖެ

26 ޑިސެންބަރު 2022 - 22:11 0

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބީ ކޮމިޓީއަށް މެންބަރުން ނެގުމަށް ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާގައި ވެސް ދެ ފެކްޝަނުގެ ކޯޅުން ބޮޑުވެއްޖެ އެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. ކެންޑިޑޭޓުންގެ ނަން މިހާތަނަށް ރަސްމީކޮށް ހާމަނުކުރި ނަމަވެސް ޕާޓީގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއެކު ފެންނަނީ ވަރަށް ވާދަވެރިކޮށެވެ.

އެގޮތުން، މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އިންތިހާބު ކޮމިޓީ ނެގުމުގައި ވެސް ދެ ފެކްޝަނުގެ މެދުގައި ވަނީ ބަހުގެ ހަމަލާތައް ރައްދުކޮށްފަ އެވެ. އަދި، ރައީސް ސޯލިހުގެ ތާއީދާ އެކު ޗެއާޕާސަން ކަމަށް ހޮވިވަޑައިގެންނެވި ފައްޔާޒު އިސްމާއިލްއަށް ނަޝީދު ފެކްޝަންގެ ނުރުހުން އަމާޒުވި އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައި އޮންނަނީ އިންތިހާބީ ކޮމިޓީއަށް ފަސް ނަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ނަޝީދު ފެކްޝަނުން ބޭނުންވީ އެ ފަސް ބޭފުޅުން ހޮވުމުގައި ކޮންމެ ކެންޑިޑޭޓަކު ދެ ނަން އަދި ދެ ކެންޑިޑޭޓުން އެއްބަސްވާ އެއް ބޭފުޅަކު ހޮވުމަށެވެ.

"ކޮބައިތޯ [އެގޮތަށް ނަން ހުށަހެޅުމުގައި] މައްސަލައަކީ، އެއިރުންނެއް ނޫންތޯ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު މިކަން ނިންމޭނީ، އެހެންނޫނީ މި ޕާޓީގެ ކަންކަމެއް ނުހިނގާނެ، މި ޕާޓީގެ ކަންކަން މަޝްވަރާ ކޮށްގެން ނޫނިއްޔާ ނުކުރެވޭނެ،" އެކަމާ މެދު ހިތްހަމަނުޖެހިވަޑައިގެން މެދުހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވަމުން ރިޔާސަތުގައި އިންނެވި ފައްޔާޒް ވިދާޅުވީ އިލެކްޝަން ކޮމިޝަނަކީ ވެސް ޕާޓީތަކުން ބޭނުންވާ މެންބަރުން ލައިގެން ހިންގާ ތަނެއް ނޫން ކަމަށެވެ.

"އެހެންވީމާ އެ އިތުބާރު ތި ބޭފުޅުން ބާއްވަން ވާނެ، އިތުބާރު ނެތް ކަމަށް ވަންޏާ ދެން ވަރަށް ދެރަ،" ފަސް ނަމާއެކު ހުށަހެޅުމަށް އެދި ފައްޔާޒް ވިދާޅުވި އެވެ.

ނަޝީދު ފެކްޝަންގެ މެންބަރުންނަށް ނަމަކާ މެދު މަޝްވަރާ ކުރުމަށް 10 މިނެޓުގެ ފުރުސަތެއް ދިންނަމަވެސް އޭގެ ފަހުން ވެސް ޖަލްސާ ފެނިގެން ދިޔައީ ވަރަށް ހޫނުކޮށެވެ. އަދި އެ މެންބަރުން ތިއްބެވީ ގޮތް ދޫކުރައްވާ ގޮތަކަށް ވެސް ނޫނެވެ.

އެހެންނަމަވެސް ރިޔާސަތުގައި އިންނެވި ފައްޔާޒް ވިދާޅުވީ މެންބަރުންނަަށް ފުރުސަތު ލިބޭނީ ނަން ހުށަހެޅުމަށް އެކަނި ކަމަށެވެ. އަދި އެ ފުރުސަތު ނުދެއްވުމުން ނަޝީދު ފެކްޝަނުން ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި އެވެ.

"ޕާޓީގެ ޗެއާގެ ހައްދަވަން ތިއުޅުއްވަނީ ޒުވާބަކަށްތޯ ޗެއާ، އެހެން ނަހައްދަވާ، މަގާމުގެ ގަދަރާއި ހައިސިއްޔަތު ހިފަހައްޓައިދެއްވާ،" ވަރަށް ބޮޑަށް ހިތްހަމަނުޖެހިވަޑައިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވި އެވެ.

ޖަލްސާ ހޫނުވާން ފެށުމާއެކު ރިޔާސަތުން އަނެއްކާ ވެސް ވަނީ ހުށަހަޅާނެ ފަސް ނަމަކާމެދު މަޝްވަރާ ކުރުމަށް 15 މިނެޓުގެ ވަގުތެއް ދެއްވާފަ އެވެ.