26 ޑިސެންބަރު 2022 - 12:55 0
އަހުމަދު އާއިދު
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސް ސޯލިހުގެ ދެކަބަލުންނަށް ކޮޅުފުށިން މަރުހަބާ ދަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
26 ޑިސެންބަރު 2022 - 12:55 0
މީގެ 18 އަހަރު ކުރިން, 2004 ވަނަ އަހަރުގެ ކުރިމަތިވި ސުނާމީ ކާރިސާއަށްފަހު މ. ކޮޅުފުށްޓައް އެންމެ ބޮޑު މަސައްކަތެއް ކޮށްދީ އެންމެ އަގުބޮޑު ހިދުމަތެއް ކޮށްދިނީ މި ސަރުކާރުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް އިމްރާނުގެ އަމިއްލަ ރަށް ކަމަށްވާ ކޮޅުފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ސުނާމީގެ ކުރިން ކޮޅުފުށްޓަކީ އެތައް ގޮތަކުން ބެލި ނަމަވެސް އެ އަތޮޅުގައި އެންމެ ކުރީގައި ގުނާލެވޭނެ ރަށް ކަމަށެވެ. ނަމަވެސް ސުނާމީއާ އެކު އެންމެ ނިކަމެތި ހާލަތެއް ވެއްޓިގެންދިޔަ ރަށަކީ ކޮޅުފުށްޓޭ ބުނުމަކީ ކުޑައިމިސް ބަހަކަށް ނުވާނެ ކަމަށް ވިދާޅުވި އެވެ.
ސުނާމީއަށްފަހު އެ ހާލަތުން އަރައިގަތުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިކަން އިމްރާން ވިދާޅުވި އެވެ. އަދި އެ ހާލަތަށް ރިއާޔަތްކޮށް ބައްދަލުކުރުމަށް ސަރުކާރުތަކުން ނުކުޅެދުނު ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
"އެފަދަ ނިކަމެތި ހާލަތަކަށް ވެއްޓުމުން މިފަދަ ރަށެއްގައި ތިބޭނެ ނިކަމެތި ރައްޔިތުން، އެ ހާލަތުން އަރައިގަތުމަށް ނުވަތަ އެރުވުމަށް ސަރުކާރުތަކުން އަޅާލަންޖެހޭ އެންމެ މަތީ މިންވަރަށް އަޅާނުލެވުމޭ ބުނުމަކީ އަޅުގަނޑު ހިތުން ކުޑައިމިސް ބަހެއްގެ ގޮތުގައި ނުދެކެން," އިމްރާން ވިދާޅުވި އެވެ.
އިމްރާން އިތުރަށް ވިދާޅުވީ އެހެން ދެންނެވި ނަމަވެސް ވޭތުވެދިޔަ ސަރުކާރުތަކުން ކޮޅުފުށީގެ ހާލަތު ރަނގަޅު ކުރުމަށް އެކި މަސައްކަތްތައް ކޮށްދިންކަން ގަބޫލުކުރައްވާ ކަމަށެވެ. އެހެންވެ އެ ސަރުކާރުތަކަށް ޝުކުރު އަދާކުރެއްވި އެވެ.
އެއަށްފަހު އިމްރާން ވިދާޅުވީ އެ ހުރިހާ ސަރުކާރުން ކުރި މަސައްކަތަށްވުރެ ރައީސް ސޯލިހުގެ ސަރުކާރުން ކޮޅުފުއްޓަށް ކޮށްދިން މަސައްކަތުގެ އަގު ބޮޑު ކަމަށާއި ރައްޔިތުންނަށް ލިބުނު ހިތްހަމަ ޖެހުން އިތުރުވި ކަމަށެވެ. އަދި އިމްރާން ވަނީ ރައީސްގެ އަރިހުން ކޮޅުފުށި ކުރިން އޮތް ހާލަތަށް ގެނެސްދިނުމަށް އިލްތިމާސްކުރަށްވާފަ އެވެ.
Comment