Advertisement

ރާއްޖޭގެ ބައެއް ރަށްތައް ބޭރުގެ ކުށްވެރިންނަށް ދޭން އުޅޭ ކަމަށް އިމްރާން ވިދާޅުވެއްޖެ

29 އޮކްޓޯބަރު 2025 - 19:29 4

ކުރީގެ ހޯމް މިނިސްޓަރު އިމްރާން: ވިދާޅުވީ ބައެއް ރަށްތައް މާފިއާ މީހުންނަށް ދޭން އުޅޭ ކަމަށް -- ފޮޓޯ: އަދަދު ފައިލް


ރާއްޖޭގެ ބައެއް ރަށްތައް ބޭރުގެ ކުށްވެރިންނަށް ދޭން އުޅޭ ކަމަށް އިމްރާން ވިދާޅުވެއްޖެ

29 އޮކްޓޯބަރު 2025 - 19:29 4

ރާއްޖޭގެ ބައެއް ރަށްރަށާއި ފަޅުތައް ބޭރުގެ ކުށްވެރިންނަށް ދޫކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބުނެފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ "އަމިއްލަ ފައިދާއަށް" ރާއްޖޭގެ ބިންތައް ބޭރުގެ ކުށްވެރިންނަށް "ބަހާލަން" ރާވަމުންދާ ކަމަށެވެ. އެކަމަކު އެ ފުރުސަތު ދިވެހިން ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް މުއިއްޒުގެ އަމިއްލަ ފައިދާއަށް މިގައުމުގެ ބިންތައް ބޭރުމީހުނަށް ބަހާލަން ރާވަމުންދާއިރު އެކަމަށް ދިވެހިން ފުރުސަތު ދީފާނެ ކަމަށް ހީފުޅުކުރެއްވުމަކީ ވަރަށް ބޮޑު ގޯހެއް،" އިމްރާން ވިދާޅުވެފައިވެ އެވެ.

އެސްއީޒެޑުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން މަސައްކަތް ކުރަނީ ވެސް ކުށްވެރިންނަށް ރާއްޖޭގެ ރަށްތައް ދިނުމަށް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"ބޭނުންފުޅު ކޮންމެ ރަށެއް، ފަޅެއް، ފިނޮޅެއް އެއީ ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް ހަދައި، ބޮޑެތި ކުށްތަކުގައި ހިމެނޭ ބޭރުގެ މާފިޔާތަކުން ބިލިއަނުން ފައިސާ ނަގައި އަމިއްލަ ޖީބު ފުރާލާއިރު ވާނުވާ ނޭނގޭ ވަރަށް ދިވެހިން ގާމާރުކަމަށް ހީފުޅުނުކުރައްވާ،" އިމްރާން ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން އިމްރާން ވިދާޅުވީ، މުއިއްޒަކީ ދީނާއި ގައުމަށް ހުރުމަތްތެރިކޮށް ހިތާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ކުށްވެރިންނަށް ގައުމުގެ ބައެއް ތަންތަން ދޭން އުޅުމުން މުއިއްޒުގެ "ހަމައެއް ލަމައެއް" ނެތްކަން ސާބިތުވާ ކަމަށެވެ.

"ސްޕެޝަލް އިކޮނިމިކް ޒޯންގެ ގާނޫނަށް ބަދަލުގެނައުމަށް ސަރުކާރުން މަޖިލީހަށް ފޮނުވާފައި އެ އޮތް ބިލުން އެކަނި ވެސް ހާމަވަނީ ފައިސާއާ ޖެހުނީމަ ރައީސް މުއިއްޒުގެ ކުރިފުޅުމަތީގައި ދީނާއި ގައުމާމެދު އެއްވެސް ހުރުމަތެއް ނެތްކަން. އަދި ކުރިން ހީކުރެވުނު ގޮތާ ހިލާފަށް އެމަނިކުފާނުގެ ކިބައިގައި އެއްވެސް ހަމައެއް ލަމައެއް މިފަދަ ކަންކަމުގައި ނެތްކަން،" އޭނާ ވިދާޅުވި އެވެ.