25 ޑިސެންބަރު 2022 - 09:29 0
ނާޒިމް ހަސަން
ޑެޕިއުޓީ މިނިސްޓަރު ޝިމާޒު: އޭނާގެ ވަޒީފާއަށް ވަނީ ބަދަލު ގެނެސްފައި
25 ޑިސެންބަރު 2022 - 09:29 0
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ އެ މިނިސްޓްރީން ވަކިކޮށް, ޔޫތު މިނިސްޓްރީއަށް ބަދަލުކޮށްފި އެވެ.
ޑެޕިއުޓީ މިނިސްޓްރީގެ މަގާމަށް މި ބަދަލު ގެނެސްފައިވާކަން ރައީސް އޮފީހުން މި ނޫހަށް ކަށަވަރުކޮށްދިނެވެ. ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ބަދަލު ގެެނެސްފައިވަނީ ވަކި ހާއްސަ ސަބަބެއް އޮވެގެނެއް ނޫނެވެ.
ނަމަވެސް, މިއަދުން ފެށިގެން ޔޫތު މިނިސްޓްރީއަށް ނުކުންނަވަން ފެއްޓެވި ޝިމާޒާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ދެމެދު މި ފަހުން މައްސަލަ ހޫނުވި އެވެ. ބެލެވޭ ގޮތުގައި މިއީ އެކަމާ ގުޅުވައި ސަރުކާރުން ގެނައި ބަދަލެކެވެ.
އެމްއާރްއެމްގެ ސްލޮޓެއްގައި ހުންނެވި ޝިމާޒަށް މިދިޔަ މަހުގެ ތެރޭ މަގުމަތިން ބަޔަކު ހަމަލާދޭން މަސައްކަތް ކޮށްފައިވެ އެވެ. އެ ހަމަލާ ދިނުމުގެ ތުހުމަތު މިނިސްޓަރު ނަހުލާއާ ދިމާއަށް ދިޔައިރު އޭނާ އެކަން ދޮގުކުރެއްވި އެވެ. އެކަމަކު, ވިދާޅުވެފައިވަނީ މިނިސްޓްރީ ތެރޭ ކޮރަޕްޝަން ހިންގުމަށް އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށެވެ.
ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ވެހިކަލް ރަޖިސްޓްރީކޮށްދިނުމުގެ ކޮރަޕްޝަން މައްސަލަތަކެއް ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭން މިފަހުން ފެންމަތިވެގެން ދިޔައިރު, އެ މައްސަލާގައި ޝިމާޒަށް ފިޔަވަޅު އަޅައިދިނުމަށް އެދިވަޑައިގެން, މިނިސްޓަރު ނަހުލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ވެސް ފޮނުއްވި އެވެ.
އެ ސިޓީއަށްފަހު ދެ ބޭފުޅުންގެ ދެމެދު ބަހުގެ ހަމަލާތައް ރައްދު ކުރައްވާފައިވާއިރު, އޭގެ ކުރިން ނަހުލާ އާއި ޝިމާޒު ބެލެވިފައި އޮތީ ގާތް ދެ ބޭފުޅުންގެ ގޮތުގަ އެވެ. އެގޮތުން, އެއްގަމު އުޅަނދުތަކުގައި މެޝިން ރީޑެބްލް ނަމްބަރު ބޯޑަށް ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަސާޖިއޯ ކުންފުންޏަށް ދިން މައްސަލާގައި ފެންމަތިވި ކޮރަޕްޝަންގެ ތުހުމަތުތަކުގައި ނަހުލާ, ޝިމާޒު ދިފާއު ކުރެއްވި އެވެ.
އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގު ކުރުމަށްފަހު, ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގެ ހަ މެމްބަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މިދިޔަ އަހަރު ފޮނުވި އެވެ. އޭގެ ތެރޭ ޝިމާޒު ވެސް ހިމެނެ އެވެ.
އެކަމަކު, އެ މައްސަލާގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް މިދިޔަ އަހަރުގެ ތެރޭ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމި އެވެ. އެ މައްސަލާގައި އަމާޒުވި ކޮރަޕްޝަންގެ ތުހުމަތައް ވެސް ޝިމާޒު ދޮގު ކުރައްވަ އެވެ.
ޝިމާޒުގެ މައްޗަށް ދެ ފަހަރެއްގެ މަތިން ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމާޒުވެ ފެންމަތިވެގެން ދިޔައިރު, އޭނާ ނިސްބަތްވާ ޕާޓީން ބުނެފައިވަނީ އޭނާއާ މެދު ފިޔަވަޅެއް އެޅިޔަސް އަޅާނީ އޮންނަ އުސޫލުތަކުގެ ތެރޭން ޖަވާބުދާރީކުރުވުމަށްފަހު އެވެ.
Comment