Advertisement

ދާންދޫގެ މަޝްރޫތައް އަވަސްކުރުމަށް ކައުންސިލުން އެދިއްޖެ

24 ޑިސެންބަރު 2022 - 11:57 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރައީސް ދާންދޫ ކައުންސިލާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސްއޮފީސް


ދާންދޫގެ މަޝްރޫތައް އަވަސްކުރުމަށް ކައުންސިލުން އެދިއްޖެ

24 ޑިސެންބަރު 2022 - 11:57 0

ގއ. ދާންދޫގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫތައް އަވަސްކޮށްދިނުމަށް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިއްޖެ އެވެ.

ދާންދޫ ކައުންސިލުން ރައީސް ސޯލިހްގެ އަރިހުގައި އެދުނު ކަންކަމުގެ ތެރޭގައި، ދާންދޫގައި ކުރިން ހިއްކާފައިވާ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ފެށުމަށާއި، ނަރުދަމާ ގާއިމްކުރުމަށް ބޭނުންވާ ކަމަށާއި، ކައިރީގައި އޮތް ވޮޑުމުލާ ރިސޯޓް ތަރައްގީކުރުން އަވަސްކޮށްދިނުމަށް އަދި އަލަށް ހިއްކި ސަރަހައްދުގައި މޫދަށް އެރޭނެ ވަކި ސަރަހައްދެއް ކަނޑައަޅައި އެތަން ތަރައްގީކުރުން ހިމެނެ އެވެ.

ދާންދޫއާ ދާދި ކައިރީގައި އޮންނަ ދޮރެގަލާ ނަމަކަށް ކިޔާ ފަޅުރަށް ދާންދޫގެ އިހްތިސާސްގައި ހިމެނުމުގެ އިތުރުން، ރަށުގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތާއި، މަގުހެދުމާއިި ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތައް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފަ އެވެ.

ކައުންސިލް މެންބަރުން ވަނީ ސްކޫލްގެ ތައުލީމީ މަންހަޖަށް ކޮމްޕިއުޓަރު ސްޓަޑީސް އާ އައިސީޓީ އިތުރުކޮށްދެެއްވުމަށްވެސް އެދިފަ އެވެ.

ދާންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީންވެސް ވަނީ ރަށުގެ ކުރިއެރުމާ ގުޅޭ މުހިންމު ކަންތައްތަކެއް ކޮށްދިނުމަށް އެދިފަ އެވެ. އެގޮތުން އެރަށުގައި އެމްއެންޔޫ ކެމްޕަހެއް ގާއިމްކޮށްދިނުމާއި، ޑިޓޮކްސް ސެންޓަރެއް ގާއިމްކުރުމުގެ އިތުރުން އިންޑޯ ޖިމް އަށް ބޭނުންވާ ސާމާނު ލިބޭނެ ގޮތެއް ފަހިކޮށްދިނުމަށް ވަނީ އެދިފަ އެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދާންދޫގެ ތަރައްގީއާ ގުޅޭ މަޝްރޫތަކުގެ ފަހުގެ މައުލޫމާތުތައް ކައުންސިލާ ހިއްސާ ކުރައްވާފަ އެވެ. އަދި، ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ފާހަގަކުރި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާ އެދެވޭ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ދާންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުން އަދި އިދާރާތަކާއި ބައްދަލުކުރައްވާފައިވާއިރު މިއީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ރައީސަކު އެރަށަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ. އެ ބައްދަލުކުރެއްވުމުގައި، ދާންދޫ ކައުންސިލުން ވަނީ މިސަރުކާރުން ދާންދޫގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު ދަންނަވާފަ އެވެ.