Advertisement

ޢިއްޒާ މި ކުރައްވަނީ މުހިއްމު ސުވާލެއް!

23 ޑިސެންބަރު 2022 - 10:03 5

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

ޅެންވެރިޔާ ޢިއްޒާ އަޙުމަދު ނިޒާރު - އާޓްވޯކް: މުހައްމަދު އިސާމް/އަދަދު


ޢިއްޒާ މި ކުރައްވަނީ މުހިއްމު ސުވާލެއް!

23 ޑިސެންބަރު 2022 - 10:03 5

ދުވަހަކީ 17 ޑިސެމްބަރު 2022 އެވެ. ފޯނު ހިފައިގެން އެކައްޗަށް ފަހު އަނެކައްޗަށް ބަލަމުން ދިޔައީ މާ ބޮޑު މިސްރާބެއް އޮވެގެނެއް ނޫނެވެ. ޅެންވެރިންގެ ބަހާރު ވައިބަރ ޕޭޖުން މެސެޖް އެލަރޓެއް އައުމުން އެ މެސެޖު ހުޅުވާލީވެސް އިޚުތިޔާރަކު ނޫނެވެ. ޑިޖިޓަލް ދުނިޔެއަށް އަހުލުވެރިވެފައިވާ އިނގިލިތަކުން އަހަރެންގެ އިޒުނައާ ނުލައި އެ އެލަރޓަށް ދިން ޖަވާބުގެ ގޮތުގައެވެ. އޮޓޯއިން ހަރަކާތްކުރަމުން އައި އިނގިލީގެ މަސައްކަތަށް ހުއްޓާލަން މަޖުބޫރު ކުރީ ޢިއްޒާ އަޙުމަދު ނިޒާރު ހިއްސާކުރައްވާފައިވާ ޅެމުގެ ސުރުޚީ ފެނިފައެވެ. ކުރައްވާފައިވަނީ ސުވާލެކެވެ. "ކާކުހޭ ކުށްވެރިޔަކީ؟" މި ސުވާލު ފެނި ޅެމުން ޖަވާބު ލިބޭނެކަމުގެ އުއްމީދުގައި ޅެން ކިޔާލީމެވެ.

ފުރަތަމަވެސް ކުރައްވާފައިވަނީ ތުހުމަތެކެވެ. ޖުމުލަކޮށް މިއަދުގެ މުޅި ޖީލަށެވެ.

"ޢަރުޝިއެއް އަދި ކުރުސިއެއް ނޭނގޭ ޒުވާން މި ޅަ ޖީލަކީ

ކަރުނަތައް ވަޠަނުގެ ލޮލުން ދެން އޮހޮރުވާނޭ ސަބަބަކީ"

އެ ވިދާޅުވަނީ މިއަދުގެ ޒުވާން ޖީލަކީ ތަންދޮރު ނުދަންނަ ބަޔެކޭތޯއެވެ؟ އެ ބައެއްގެ ޖާހިލުކަމުގެ ސަބަބުން މުޅި ވަޠަން ކަރުނައަޅަންޖެހޭ ފަދަ ހިތާމަ ގެނުވާނޭ ސަބަބަކީ އެއީ ކަމުގައިތޯއެވެ؟ ނުވަތަ ދީނީ ހޭލުންތެރިކަން ކުޑަ ބަޔެކޭތޯއެވެ؟ ނުވަތަ ތަންދޮރު ދެނެތިބެ، ހެޔޮ މަގު ދޫކޮށްލަން ފަސްނުޖެހޭ ބައެކޭ ތޯއެވެ؟

ޒުވާން ޖީލުގެ ނޭއްގާނީކަމާމެދު މުޅި ޤައުމު ހިތާމަކުރާކަމުގެ ވާހަކައަކީ އައު ޝިޢާރެއް ނޫނެވެ. ކޮންމެ ޖީލެއްވެސް ތަކުރާރުކުރާ ޝިޢާރެކެވެ. ގޯހީ ތިމަންނާމެން، އެބަހީ މުސްކުޅިވަމުންދާ އާބާދީތޯ، ނުވަތަ ގޯހީ ޒުވާންވަމުންދާ އާބާދީތޯ ކޮންމެ ޖީލަކުންވެސް ސުވާލުކުރެއެވެ. ތަންކޮޅެއް ކުރީން، ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދީދީ ލިޔުއްވާފައިވެއެވެ.

"ކުޑަވެސް ޝައްކެއްނެތެވެ. ދިވެހިރާއްޖޭގެ ކޮންމެ ދަރިއަކީ، ދިވެހި ޤައުމު ހެޔޮގޮތުގެ މަތީން ކުރިއަށްދާން އެދޭނޭ ދަރިއެކެވެ. ރަށްވެހިކަމާއި، ތަޢުލީމުގެ ރޯޝަނީ ދަންމަރުތަކުން މުޅިރާއްޖެ އުޖާލާވެފައިވަނިކޮށް ދުށުމުގެ މަތިވެރި އެދުން ހިތުގައި ހިނގާފައިވާނޭ ދަރިއެކެވެ... އެކަމަކު، މި އެދެވޭ ނަތީޖާ ނެރޭނޭ ގޮތާމެދު، އެ ހުވަފެނީ ރަންޒަމާން ޙަޤީޤީ ޒަމާނަކަށް ހެދުމުގައި ކޮންމެ ދިވެހި ދަރިއެއް އަދާކުރަން ޖެހޭނޭ ގިނަގުނަވެގެންވާ ވަޒީފާތަކާމެދު އަޅުގަޑުމެންގެ ތެރެއިން ކިތަށް މީހުން ޚިޔާލު ހިންގާ ބާވައޭ، އަޅުގަޑުގެ ހިތަށް އަރައެވެ. ޤައުމުގެ މިހާރުގައްޔާއި މުސްތަޤުބަލުގައި އަޅުގަޑުމެންގެ ކޮނޑުގައި އެޅުން ވާޖިބުވެގެންވާ މަސްއޫލިއްޔަތުތަކުގެ މައްޗަށް، އަޅުގަޑުމެން ކިތައް އަޚުންނާއި އުޚްތުން ވިސްނުމުގެ ނަޒަރެއް ހިންގާ ބާވައޭ އަޅުގަޑު ހިތަށް އަރައެވެ."

މިދިޔަ އަހަރު ޒުވާނުންގެ އެވޯޑު ޢައްޒާ އަށް ވަނީ ލިބިފައި. -- ފޮޓޯ: ރައީސް އޮފީސް


ޤައުމު ދެކެ ލޯބިވާ ކޮންމެ ރައްޔިތަކުވެސް، ޒުވާން ޖީލުގެ ޒިންމާދާރުކަމާމެދު ވިސްނާނެއެވެ. އެހެންނަމަވެސް އަމީން ދީދީގެ ލިޔުއްވުމުގައި އެވާ އުއްމީދުގެ ކުޑަވެސް މިންވަރެއް ޢިއްޒާގެ ޅެމުން ފެންނާކަށް ނެތެވެ. ލިޔުއްވާފައިވެއެވެ.

"އިއްޔެއަށް ނުބަލާ އަދާ އަދި މާދަމާ ބަނަކޮށްލުމޭ

އައްޔަކުން އައްޔެއްނުވާ މުސްތަޤުބަލަށް އޮތް ރިހުމަކީ

ކުޑަކުދީންކޮޅު ބޮޑުވެގޮސް ނޫކަށިފުރާ މުސްކުޅިވިޔަސް

ކުޑަމިނުން ރައްބެއް ރަސޫލެއް ވަކިނުވުން ޙައިރާނަކީ"

މުސްތަޤުބަލު އެ ސިފަ ކުރައްވަނީ "އައްޔަކުން އައްޔެއްނުވާ" ޒަމާނެއްގެ ގޮތުގައެވެ. ޢިލްމުގެ އަލިކަމެއް، ތަރައްޤީ އާއި ތަމައްދުންގެ ދަންމަރެއްވެސް އެ ސިފަކުރައްވާ އަނދިރި މުސްތަޤުބަލަކުން ނުފެނެއެވެ. އެ ބަނަ މުސްތަޤުބަލު އުފައްދާނޭކަން އަދުގެ ޖީލުގެ އުޅުން ގުޅުންތަކުން އެނގެން އޮތަތީ، އެ މަޢުލޫމާތުވެސް ވަނީ މުސްތަޤުބަލަށް އޮތް ރިހުމަކަށެވެ.

މިހާރުގެ ކުޑަކުދިން ބޮޑުވެ، ޒުވާންވެ، މުސްކުޅިވެ ދާއިރުވެސް، ނުވަތަ އެހެން ގޮތަކުން ދަންނަވާނަމަ، ޢުމުރު ހުސްވެ ދާއިރުވެސް، އެ ޖީލަށް "ރައްބެއް ރަސޫލެއް" ވަކި ނުވެޔޭ ވިދާޅުވުމަށްފަހު، އެކަމުން ޙައިރާންކަން ލިބޭކަން ހާމަކުރައްވާފައި އެވަނީ ހާދަހާ ފުން މާނައެއްގައެވެ. ވިސްނަވާލައްވާށެވެ. މިއީ މަޢުލޫމާތުގެ ރަންޒަމާނެވެ. މީހެއްގެ ޙަޔާތުގެ އެ ސިފަކުރައްވާ ހަތަރު ދަންފަޅި ފާއިތުވެދާއިރުވެސް، ރައްބެއް، ރަސޫލެއް ވަކި ނުވާ މިންވަރަށް ޖާހިލުކަންމަތީ ހުރެއްޖެނަމަ، އެއީ ހަމަ ހައިރާންވާން ޖެހޭވަރުގެ ކަމެކެވެ. މިއޮއްފަދަ ޒަމާނުގައި ތިމާ ނުބައި މަގަށް ކައްސާލީ ތަންދޮރު ނުފިލައިގެންނޭ ބުނެ ބަހަނާ ދައްކާނޭ މީހަކު މަދުވާނެއެވެ. ފަންނިއްޔާތުގެ އެކި މަންސަތަކާއި ވަޞީލަތްތަކުގެ އެހީގައި ކުރިން އަރުޝީފުތަކަށާއި ކުތުބުޚާނާތަކަށް ޚާއްޞަކުރެވިފައިވާ ޢިލްމާއި މަޢުލޫމާތު އަދި މި ވަނީ ކޮންމެ މީހެއްގެވެސް އިނގިލިތަކާ ހަމައަށް ވާޞިލުވެފައެވެ. އެހެންކަމަށް ވާނަމަ، ތަންދޮރު ނުދަތުން އެއީ ބަހަނާއަކަށް ހެދެން އެބައޮތްތޯ ހިތާ ހިތާ ސުވާލުކުރެވެއެވެ.

ޅެމުގެ މިހާ ހިސާބުން ޢިއްޒާގެ ފާޑުކިޔުން އަމާޒުކުރައްވަނީ ދިވެހިންގެ ޝަޚްޞިއްޔަތު ސިފަކުރަމުން އައި ގޮތަށެވެ. ފަޚުރުވެރިކަމާއެކު އަޅުގަނޑުމެން ބުނެ އުޅެމުއެވެ. އަޅުގަނޑުމެންނީ އެއް ނަޞްލެއްގެ، އެއް ދީނެއްގެ، އެއް ބަހަކުން ވާހަކަ ދައްކާ ބަޔަކީމުއެވެ. އެހެންނަވެސް ޢިއްޒާ ފާޅުކުރައްވަނީ ފަރުދާގެ ފުރަގަހެވެ. ބޭޒާރުކުރައްވަނީ ބިތުފަންގި ނެގީމައި ފެންނާން އޮންނަ ޙާލަތެވެ. އެއްބަޔެކޭ އެއް ނަޞްލެކޭ އެއް އުއްމަތެކޭ ކިޔައި އެއްބައިވަންތަކަމުގެ ދަޢުވާކުރިއެއްކަމަކު، ޢަދުލު އިންސާފުގެ ކުރިމަތީގައި އެންމެނަށް ބަލަކީ އެއް ހަމައަކުން ނޫނެވެ. އެންމެނަށް އެއް އުޞޫލެއް ނުހިގަނއެވެ. އަދަބު ނުދެވޭ ކުށްތައް ގިނަވެއްޖެއެވެ. ޢިއްޒާ މިކަމުގެ އިލްޒާމު އަޅުވަނީ ހަމަ އަޅުގަނޑުމެން ދިވެހިންގެ ބޮލުގައެވެ. "ޚުދު ތިމާމެން އުފުލި ޚަންޖަރަކުން ޢަދުލު ކުދިކޮށް ކޮށާ" އޭ ވިދާޅުވުމުން، އަޅުގަނޑުމެން އެ އުފުލި ޚަންޖަރަކީ އެއް އިރެއްގައި ހެޔޮ ބަދަލަކަށް އުއްމީދުކޮށް ގެނައި އިންޤިލާބު ބާވައޭ ސުވާލުކުރެވެއެވެ. ތަރައްޤީ އާއި ތަމަންދުންގެ އުއްމީދުގައި އިހު އޮތްވަރަށް ވުރެ ދެރަވަރު ނިޒާމަކަށް މަރުޙަބާ ކިޔުނީތޯއެވެ. ޖޯޖް އޯވެލްގެ މަޝްހޫރު ވާހަކަ "އެނިމަލް ފާމް"ގައި ވާ ފަދައިން، އިންޤިލާބީ ހުވަފެނުގައި އަޅުގަނޑުމެން ރުހިގެން ގެނައި ބަދަލެއްގެ ހިތިރަހަ ޚުދު އަޅުގަނޑުމެންގެ އަރުތެރޭ ލަނީ ބާވައެވެ؟

ޅެންވެރިޔާ ޅެން ނިންމަވާލައްވަމުން ސިފަކުރައްވާ ސިފަތަކުން މަންޒަރު ސާފުވެގެންދެއެވެ.

"މަލަމަތިން އަޚުވަންތަ މާތް ސިފަތައް އިރެއްގައި ސިފަވިޔަސް

ކުލަތަކަށް އަޅުވެތިވުމޭ، މުޅި ޤައުމު ބިކަކުރި އަސްލަކީ

ރިވެތި ޚުލްޤުގެ ރީތި ސިފަތައް އައި ޒަމާނަށް ކަމުނުގޮސް

މި ވެށި ސުންނާފަތިކުރާ "ތަހުޒީބު" ހުރިހާ ނުބަޔަކީ

އުނި އެތައް ސިފައެއް މި ދީބަށް ފުނިޖެހުނު ގޮތަކާ ސަބަބު

ބުނެދެވޭނަމަ، ބުނަލަދޭށޭ! ކާކުހޭ ކުށްވެރިޔަކީ؟"

އަޚުވަންތަކަން ފެންނަނީ ހަމައެކަނި "މަލަމަތީންނޭ" ވިދާޅުވަމުން އެއީވެސް "އިރެއްގައި" ވީކަމެއްކަމަށް ސިފަކުރެއްވުމުން އެ ވިދާޅުވަނީ ހާދަހާ ބޮޑު ވާހަކައެކެވެ. އިރެއްގައ އަޚުވަންތަކަން ފެނުނު ނަމަވެސް އެއީވެސް ހަމައެކަނި މަލަމަތިން ފެނުނު އަޚުވަންތަކަމެއް ކަމުގައިވާނަމަ، މިއަދު އެ އުޚުއްވަތްތެރިކަން މަލަމަތީންވެސް ފެންނާން ނެތީތާއެވެ. އެއަށްފަހު ޢިއްޒާ ވިދާޅުވަނީ މުޅި ޤައުމު ބިކަވެގެން ދިޔުމުގެ އަޞްލަކީ "ކުލަތަކަށް އަޅުވެތިވުން"ކަމުގައެވެ. ކުރީން ރިވެތި ޚުލްޤުގެ ގޮތުގައި ސިފަކުރެވެނު ކަންކަން ޒަމާނީ "ތަހުޒީބަށް" ޙަޖަމު ނުކުރެވި، އެ ތަހުޒީބަކީ މި ޤައުމުގެ ހަލާކު ކަމުގައި ވެގެން ހިނގައްޖެކަމުގައި ވިދާޅުވެއެވެ.

ޅެމުގެ މި ހިސާބަށް ދިޔައިރު ޅެންވެރިޔާ މިވަނީ މި ޒުވާން ޖީލުގެ ހަލާކުކަމުގައިވީ ސަބަބުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އަހަރެމެން އަމިއްލަ އަށް ގެނައި ތަރައްޤީ އާއި ތަހުޒީބުން ނެތިކޮށްލި ރިވެތި އަޚުލާޤުގެ އާދަކާދަތަކާއި، ޢަދުލު އިންސާފެވެ. ކުލަތަކަށް އަޅުވެތިވެގެންނޭ ވިދާޅުވެ އެ ސިފަކުރައްވަނީ ޒަމާނީ ޑިމޮކްރަސީގެ މަލްޓިޕާޓީ ސިޔާސީ ނިޒާމު ނޫންތޯއެވެ. ރިވެތި ޚުލްޤު ނެތިކޮށްލި ތަހުޒީބުގެ ގޮތުގައި އެ ސިފަކުރައްވަނީ ނޭއްގާނީ ހުރިހާ ކަމަކަށް ބާރުދޭ ހުޅަނގުގެ "ޙައްޤުތައް" ބާވައެވެ.

މިހާ ހިސާބުން ހުރިހާ ސުވާލެއްގެ ޖަވާބު ލިބުނިއްޔޭ ހީވެފައި އޮއްވާ ޅެންވެރިޔާއަށްވެސް މިހުރިހާ ކަމެއްގެ ޙަޤީޤީ ސަބަބު އެނގިނުލައްވާކަން ސާފުވަނީ ޅެން ނިންމަވާލައްވަމުން ކުރައްވާފައިވާ ސުވާލުންނެވެ. އުނިއެތައް ސިފައެއް މި ޤައުމަށް ފުނިޖެހުނު ސަބަބު ބުނެދީ، ކުށްވެރިޔަކީ ކާކުކަން އަންގައިދިނުމަށް ކުރައްވާފައިވާ އިލްތިމާހުންނެވެ.