Advertisement

ޕްރައިމަރީގެ ބޮޑު ގަޑުބަޑު: ދަފުތަރު ގޯސްވާންވީ މިއަދުތަ؟

20 ޑިސެންބަރު 2022 - 11:50 3

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ސޯލިހު އަދި ރައީސް މުހައްމަދު ނަޝީދު. ޕްރައިމަރީގައި ދެ ބޭފުޅުން ވެސް ވާދަކުރައްވާނެ ---


ޕްރައިމަރީގެ ބޮޑު ގަޑުބަޑު: ދަފުތަރު ގޯސްވާންވީ މިއަދުތަ؟

20 ޑިސެންބަރު 2022 - 11:50 3

އެމްޑީޕީގެ ޕްރައިމަރީގެ ވާދަވެރިކަން ފެށުނުއިރު, އެކި ދިމަދިމާލުން އެ ވާދައިގެ ހޫނުކަމުގެ އަސަރުތައް މިހާރު ވަނީ ފެންނަން ފަށާފަ އެވެ. ގަޑުބަޑާއި ނުފޫޒާއި ބޭއިންސާފުގެ ތުހުމަތުތަކުން ޕްރައިމަރީއާ ހަމައަށްދާއިރު, ހޫނުކަމުގެ މި އަސަރުތައް އަގުރު އަލިފާނަށްވާނެ ކަމުގެ ކޮޅުމަތި މިހާރު އެބަ ފެނެ އެވެ.

ވެރިކަމުގައި އޮތް ޕާޓީއަށް އެތައް ޒަމާނެއް ފަހުން އަންނަ ފުރަތަމަ ވާދަވެރި ޕްރައިމަރީގައި އެއްކޮޅުން ވާދަ ކުރައްވަނީ މީގެކުރިން 2012 އަދި 2018 ވަނަ ބޭއްވި އިންތިހާބުގައި ގިރިކަންޏާ ވާދަކުރައްވައި ކާމިޔާބު ކުރެއްވި ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. އަނެއްކޮޅުގައި ހުންނެވީ 2018 ވަނަ އަހަރު ކޮންގްރެސްއިން ނިންމި ހާއްސަ ނިންމުމެއްގައި ޕާޓީގެ ޓިކެޓްގައި ވެރިކަމަށް ވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޕްރައިމަރީގެ ހޫނުގަނޑު ފެށެނުއިރު ފެންނަން އޮތް މަންޒަރަކީ, އެމްޑީޕީގެ 17 އަހަރުވީ ދިގު ތާރީހުގައި ނަޝީދުގެ އަތްޕުޅުން ޕާޓީގެ އެތެރޭގެ ހިންގުމުގެ ބާރުތައް ދޫވީ މަދު ފަހަރަކު ކަމެވެ. ޕްރައިމަރީއާ ހަމައަށް އެމްޑީޕީގެ ކަންކަން ތަރުތީބުވަމުން އައި ގޮތަށް ބަލާއިރު ނަޝީދަށް އޮތް ތާއީދު ފުރޮޅި ޕާޓީގެ އިސް ފަނޑީގައި މިހާރު ތިއްބެވީ ރައީސް ސޯލިހުގެ އަރިސް ބޭފުޅުންނެވެ.

ރައްޔިތުންގެ މަޖިލީހާއި ގައުމީ މަޖިލީހުގެ ބޮޑު ތާއިދެއް ސޯލިހު ކޮންޓްރޯލް ކުރައްވާއިރު, އެ މަންޒަރު ބޮޑު ތަނުން ރޭގައި ދައްކާލައި, ނަޝީދަށް "ހަގީގީ މަންޒަރު" ވެސް ކުރައްސަވައިދެއްވި އެވެ. އެކަމަކު ނަޝީދުގެ ހަތިޔާރަކީ "ޕާޓީގެ ގްރާސްރޫޓް ސަޕޯޓަރުން" އެވެ. ފުރަތަމަ ދުވަހުން ފެށިގެން އެއްވެސް ބިރެއް, ނުފޫޒެއް ނެތި އެމްޑީޕީއަށް ވަދެ ތިބި, އެ ޕާޓީގެ އިހްލާސްތެރިންގެ ތާއިދެވެ.

ދެ ބޭފުޅުންގެ މެދުގައި މި ފަށަލައިގެ މެދުގައި ހުންނެވީ ޕާޓީގެ އެންމެ އާދައިގެ ސަޕޯޓަރުންނާއި ލީޑަޝިޕާއި އެހެން ގުނަންތަކާ ގުޅުވައިދޭ މަގާމުގައި ހުންނެވި, ޕާޓީގެ އިދާރީ އެންމެ އިސް ފަރާތް, ޗެއާޕާސަން ފައްޔާޒު އިސްމާއިލެވެ. ފައްޔާޒަކީ ރައީސް ސޯލިހުގެ ކެބިނެޓްގައި ހުންނެވި އެންމެ ބާރުގަދަ ވަޒީރެވެ. އޭނާ ޗެއާޕާސަން ކަމަށް ވަޑައިގަތީ, ރައީސް ސޯލިހުގެ ތާއިދާ އެކު, ނަޝީދުގެ ކެންޑިޑޭޓް އިމްތިޔާޒު ފަހުމީ ބަލިކުރުމަށްފަހު އެވެ.

އެ ދެ ބޭފުޅުންގެ ޗެއާޕާސަން ކަމުގެ އިންތިހާބުގެ ކެމްޕޭނުގައި ވެސް އެއް ކަމެއް ފާހަގަކުރެވުނެވެ. އެއީ، މެމްބަރުންގެ ދަފްތަރު ސާފުކުރުމާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކެވެ. ޕާޓީގެ ދަފްތަރާއި އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރާ އެއްގޮތް ކުރާނެ ކަމުގެ ވާހަކަތަކެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަވެރި ޕާޓީތަކުން މެމްބަރުންނަށް ވޯޓުލުމުގެ ފުރުސަތު އޮންނާތީ އެކަމުގެ ކަންބޮޑުވުމެވެ. އިދިކޮޅުގެ މުޒާހަރާގައި ބައިވެރިވުމަށް ފަހު ރީނދޫ ޓީޝާޓު ލައިގެން އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާ ކަމުގެ ޝަކުވާ އެވެ. މިއީ އެ ޕާޓީގެ "ހާޑްކޯ" ސަޕޯޓަރުން ވެސް ނުރުހުންވުމާ އެކު އަބަދުވެސް ތަކުރާރުކުރާ ކަންބޮޑުވުމެކެވެ.

މެމްބަރުންގެ ދަފްތަރާ މެދު އޮތް ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމުގެ ގޮތުން އެ ޕާޓީގެ ގައުމީ މަޖިލީހުން އޮތީ ގަރާރެއް ފާސްކޮށްފަ އެވެ. އެއީ، މެއި، 29 ގައި ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާގައި ނިންމާފައި އޮތީ އީސީގައި ބަލަހައްޓަމުން ގެންދާ ދަފްތަރަކީ އެމްޑީޕީގެ ރަސްމީ ދަފްތަރުގެ ގޮތުގައި ބަލައިގަތުމަށެވެ. އެ ހުށަހެޅުން ފާސްކުރީ އެ ޖަލްސާގައި ބައިވެރިވި 90 މެމްބަރުންގެ ތެރެއިން 70 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.

"އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ވެސް ގޮފިތަކުގެ ރައީސުންގެ ގޮތުގައި ތިބި، އެހެން ނަމަވެސް އާ އުސޫލުން މެމްބަޝިޕް ގެއްލިފައިވާ ފަރާތްތައް ވެސް ޖެހުނީ އަލުން ފޯމް ފުރަން. ގައުމީ މަޖިލީހުގެ ގަރާރު ފާސްކުރުމަށް ފަހު ރަސްމީ ގޮތެއްގައި އެއްވެސް ފަރާތުން، އަދި ރައީސް ނަޝީދުގެ ފަރާތުން ވެސް ޝަކުވާއެއް ލިބިފައެއްނެ ކުރިންނެއް،" އެ ގަރާރު ގައުމީ މަޖިލީހަށް ހުށަހެޅުއްވި ފައްޔާޒުގެ ނައިބު އިބްރާހިމް ވަހީދު "އަދަދު" އަށް މައުލޫމާތު ދެމުން ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރުންގެ އަދަދު 92،000 އިން 54،000 އަށް ތިރިވި އެވެ. އެ ނިންމުމާ އެކު އެމްޑީޕީގެ ދަފްތަރުން އުނިވާ 39،911 މެމްބަރުންނަށް މެމްބަރުކަން ސައްހަކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނެވެ. އަދި، ޕާޓީގެ މަގާމެއްގައި ހުރި ނަމަ އެއް މަސް ދުވަހުގެ މުހުލަތެއް ދިނެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ މީހަކަށް ވެސް އެއްވަގުތެއްގައި ހުރެވޭނީ އެންމެ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގަ އެވެ.

އެއަށްފަހު ޕާޓީގެ ކޮންގްރެސް އާއި އެތެރޭގެ ބައެއް އިންތިހާބުތައް ވެސް ބާއްވައިފި އެވެ. މެމްބަރުންގެ ދަފްތަރާ ގުޅޭ ވާހަކައެއް، ޝަކުވާއެއް އަދި ކަންބޮޑުވުމެއްގެ އަޑެ ނީވެ އެވެ.

އެކަމަކު އެއީ ރިޔާސީ ޕްރައިމަރީއާ ޖެހެންދެނެވެ. ނަޝީދުގެ ކޭމްޕުން 16 އަހަރު ބެލެހެއްޓި އެމްޑީޕީގެ ދަފްތަރަށް ގައުމީ މަޖިލީހުގެ މެޖޯރިޓީއާ އެކު ގެނައި ބަދަލުތައް މިހާރު އެ ކޭމްޕަކަށް ކަމަކު ނުދެ އެވެ. އެކަން ހާމަކުރެއްވީ ވެސް އާންމު ސިޓީއެއް މެދުވެރިކޮށް ނަޝީދު އެވެ.

"މި ޕާޓީއަށް ހިތުން ރުހުމުން ގުޅިފައިވާ މެންބަރުންގެ ތެރެއިން 40 ޕަސެންޓު މެންބަރުންގެ ހައްގާއި ބައިވެރިވުން ގެއްލުވާލާ ބާއްވާ އިންތިހާބަކީ 2023 ގެ ރިޔާސީ އިންތިހާބުގައި މި ޕާޓީއަށް އިންތިހާއަށް ނޭދެވޭ އަސަރުކުރާނެ ކަމެއް،" ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދު ގަބޫލުފުޅު ކުރައްވާ ގޮތުން ނަމަ ގައުމީ މަޖިލީހުގެ ގަރާރަކުން ގެނައި ބަދަލާ އެކު ދަފްތަރުން އުނިވި މެމްބަރުންނާ ނުލައި ބާއްވާ ޕްރައިމަރީއެއް "މިނިވަން އަދި އިންސާފުވެރި" ޕްރައިމަރީއަކަށް ނުވާނެ އެވެ.

"އެމްޑީޕީގެ މެމްބަޝިޕް ރަނގަޅުކުރުމުގެ، ސައްހަ ކުރުމުގެ ގަރާރު ފާސްކުރީ ރައީސް ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި. އެ ބޭފުޅުން ވެސް ހިޔާލާއެކު. އެ ޖަލްސާގައި ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގެން ހިޔާލު ވެސް ދެއްވި،" ނަޝީދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު "އަދަދު" އަށް ވިދާޅުވި އެވެ.

"މެމްބަރުކަން ދަމަހައްޓަން ބޭނުންވާ ނަމަ، ނުވަތަ އެގޮތަށް އެފަދަ މީހުން ލައްވާ މަސައްކަތް ކުރުވަން [ރައީސް ނަޝީދުގެ ފަރާތްޕުޅުން ބޭނުންފުޅުވި ނަމަ] މެމްބަރުން ތިބޭނީ ވަދެ،"

ނަޝީދުގެ ސިޓީގައި އެމަނިކުފާނު އެދިވަޑައިގެންފައި ވަނީ ޕާޓީގެ ދަފްތަރުގައި ހުރި މައްސަލަތައް އިންތިހާބުގެ ކުރިން ހައްލުކޮށްދެއްވުމަށެވެ. އެ ދަފްތަރަކީ އެމަނިކުފާނުގެ ކޭމްޕުން 16 އަހަރު ބެލެހެއްޓި ދަފްތަރެކެވެ. ފައްޔާޒުގެ ކުރިން އިދާރީ ހިންގުމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެވެ.

އޭނާގެ ޗެއާޕާސަން ކަމުގައި ވެސް މެމްބަރުންގެ ދަފްތަރު ސާފުކުރާނެ ކަމުގެ ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް، ފައްޔާޒާ ހަމައަށް ވެސް އެކަން އޮތީ ނުވެފަ އެވެ. މެމްބަރުން ގިނަ ކުރުމުގެ ވާދާގައި އެމްޑީޕީން ކުރި ހޯދި ނަމަވެސް އޭގެ ތެރެއިން އެ ޕާޓީއަށް ކުރިމަތިވި ގޮންޖެހުންތައް މާ ބޮޑެވެ. ގެއްލުންތައް މާ ގިނަ އެވެ. ޕީޕީއެމުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ބައެއް ދާއިރާތަކުގެ ވޯޓު ކޮންޓްރޯލް ކުރާކަން އެ ޕާޓީގެ ގިނަ މެމްބަރުން ވެސް ގަބޫލުކުރެ އެވެ.

"ޕާޓީން ބަލަހައްޓަމުންދިޔަ ދަފްތަރު އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އެ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށާއި ވޯޓުގަޑުބަޑުކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށް،" އެމްޑީޕީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިވަގުތު އިލެކްޝަންސް ކޮމިޝަން ގެ ދަފުތަރު ދައްކާގޮތުން އެމްޑީޕީގެ ދަފުތަރުގައި 58،000 މެމްބަރުން އެބަ ތިއްބެވެ. އެ ހުރިހާ މެމްބަރުންނަށް ވެސް ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެހެންކަމުން، ދަފްތަރު އޮޅިފައި އޮތީ މިހާރުތޯ ނުވަތަ މީގެކުރީ އެތެރޭގެ އިންތިހާބުތަކުގައިތޯ ވިސްނާލި ކޮންމެ މީހަކަށް ވެސް ސާފެވެ.