ަފައިސަލް: ނިޝާމާގެ މަރުގެ ތުހުމަތުވާ މީހާ ވަނީ މިއަދު މަރުވެފައި
ހދ. ނޮޅިވަރަމްގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތު ކުރެވޭ އަބޫބަކުރު ފައިސަލް މަރުވެއްޖެ އެވެ. އޭނާ މަރުވެފައިވަނީ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ހާލު ގޯސްވެ, ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދިން ގޮތުގައި މިދިޔަ އަންގާރަ ދުވަހު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ގޮޅީގައި އަމިއްލައަށް މަރުވާން ދަންޖެހެން މަސައްކަތްކުރި ފައިސަލަށް ފަރުވާދެމުން ދަނިކޮށް އޭނާ މަރުވެފައިވާކަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފުލުހުންނަށް އެންގީ މިއަދު 8:28 ހާއިރު އެވެ.
ފައިސަލަށް ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގައި އައިސީޔޫގަ އެވެ.
އޭނާ ފުލުހުންގެ ބަންދު ގޮޅީގައި ދަންޖެހެން މަސައްކަތް ކުރީ އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓަ އެވެ. ދެމީހުން ދިރިއުޅޭ ކޮޓަރީގައި އަނބިމީހާ މަރުވެފައި އޮތްއިރު, ފައިސަލް ފުލުހާ ހަވާލުވެފައިވަނީ ވެސް އަމިއްލައަށެވެ.
ފައިސަލްގެ އަނބިމީހާ, ނޮޅިވަރަމް, ހިތަށްފިނިވާގޭ ނިޝާމާ މުހައްމަދު 28އ، މަރުވެފައި އޮތްވާ ފެނިފައިވަނީ މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު އެވެ. ގެވެށި އަނިޔާކޮށް ނިޝާމާ މަރާލީ ކަމުގެ ފައިސަލްގެ މައްޗަށް ކުރެވޭއިރު މަސްތުވާތަކެތީގެ ތުހުމަތުތައް ވެސް އޭނާގެ މައްޗަށް ކުރެވެ އެވެ. އދ. ފެންފުއްޓަށް އުފަން ފައިސަލް އަދި ނިޝާމާގެ ހަތް އަހަރުން ދަށުގެ ތިން ދަރިން ތިބެ އެވެ.
ނިޝާމާގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު, އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމާފަ އެވެ. ނަމަވެސް, މިހާތަނަށް އެކަން ކުރުމަށް ހަށިގަނޑު ބޭރަށް ފޮނުވާފައެއް ނުވެ އެވެ.
މި ހާދިސާއަށްފަހު ފައިސަލްގެ އަނިޔާގެ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން އޭނާއާ ގުޅޭ ގޮތުން 2015 ވަނަ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބެ އެވެ. އަދި, އޭނާގެ އެންމެ ފުރަތަމަ އަނބިމީހާ ވެސް ވަނީ އެތައް އަނިޔާއެއް ފައިސަލްގެ ފަރާތުން ލިބުނު ކަމަށް ބުނެ, މި ނޫހާ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ.
Comment