Advertisement

ގުޅީފަޅު އަލިފާނުގައި ގެއްލުން މީހާ ހޯދަމުން ދަނިކޮށް އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެ

18 ޑިސެންބަރު 2022 - 18:10 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ގުޅީފަޅު އަލިފާނުގައި ގެއްލުން މީހާ ހޯދަމުން ދަނިކޮށް އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެ

18 ޑިސެންބަރު 2022 - 18:10 1

ތިލަމާލޭ ބްރިޖު އެޅުމުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ތިބުމަށް ގުޅީފަޅުގައި ހަދާފައިވާ އެކަމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެތަނުގައި ދިރިއުޅެމުން އައި އެކަކު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަލިފާނުގެ ހާދިސާ ހިނގި އިމާރާތަކީ އެފްކޮންސްގެ 457 މުވައްޒަފުން ދިރިއުޅެމުން ދިޔަ އިމާރާތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. އޭގެތެރެއިން ފެނިފައި ހަބަރެއް ނުވަނީ އެންމެ މީހެއްގެ ކަމަށާއި އެ ހާދިސާއަށް ފަހު އޭނާ ފެނިފައި ނުވާ ކަމުގެ ރިޕޯޓު ފުލުހުންނަށާއި އެމްއެންޑީއެފްއަށް ކޮށްފައިވާ ކަމަށް އެފްކޮންސް އިން ބުނެ އެވެ.

އެ ރިޕޯޓާ ގުޅިގެން އެމްއެންޑީއެފުން އަލިފާނުގެ ހާދިސާ ހިނގި އިމާރާތް ބަލައި ފާސްކުރުމަށް ފަހު އެ އިމާރާތުން އެއްވެސް މީހެއްގެ ހަށިގަނޑު ފެނިފައި ނުވާކަން އެ ކުންފުންޏަށް ކަށަވަރު ކޮށްދީފައިވާ ކަމަށް ވެސް އެފްކޮންސް އިން ބުންޏެވެ.

އެހެން ނަމަވެސް މިއަދު ފުލުހުން ބުނި ގޮތުގައި އެ މީހާ ހޯދުމަށް ކުރި މަސައްކަތުން، މިއަދު އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި، އެއީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްތޯ އާއި އަދި އެއީ ގެއްލިގެން ހޯދަމުންދާ މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރު ކުރުމަށް ކުރަން ޖެހޭ ތަހުލީލުތައް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ގުޅީފަޅުގައި ހިނގި އަލިފާނުގެ އެ ހާދިސާގައި އެކިވަރުގެ އަނިޔާވެގެން 78 މީހަކު ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާދީފައިވެ އެވެ. އޭގެތެރެއިން، 32 މީހަކު ފަރުވާ ދިނުމަށް އެނދުމަތި ކުރެވުނުއިރު، ކުދި އަނިޔާވި 24 މީހަކަށް ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފަ އެވެ.

މީގެ ކުރިން އެފްކޮންސްއިން އެ ހާދިސާއާ ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ އެތަނުގައި ދިރިއުޅެމުން އައި ހުރިހާ އެންމެން ސަލާމަތް ކުރެވުނު ކަމަށް ބުނެފަ އެވެ. ނަމަވެސް އަލުން އެތަނުގައި ދިރިއުޅެމުން އައި މީހުންގެ އަދަދު ބެލުމުން އެކަކު މަދުކަން ފާހަގަ ކުރެވިގެން ފުލުހުންނަށާއި ސިފައިންނަށް ރިޕޯޓު ކުރިކަން ހާމަކުރީ އިއްޔެ އެވެ.