15 ޑިސެންބަރު 2022 - 20:01 0
ކުއީންސް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
15 ޑިސެންބަރު 2022 - 20:01 0
ސްރީ ލަންކާގެ ބްލޫސް ބާސްކެޓްބޯޅަ ކުލަބު ބަލިކޮށް މިހާރު ކުރިއަށްދާ ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކުއީންސް ބާސްކެޓްބޯލް ކްލަބުން ހޯދައިފި އެވެ.
އަލަށް މިއަހަރުު ބޭއްވި ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގެ އަންހެން ބައިގައި ވާދަކޮށްފައިވަނީ ދާދި ފަހުން ނިމުނު އެމްބީއޭ ޗެމްޕިއަންޝިޕްގެ އަންހެން ބައިގެ ގަދަ ދެ ޓީމާއި ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ދައުވަތަށް މުބާރާތަށް އައި ސްރީ ލަންކާގެ ބްލޫސް ބާސްކެޓްބޯޅަ ކުލަބެވެ. ތިން ޓީމް ލީގު އުސޫލުން ވާދަކޮށް ފައިނަލުން ޖާގަ ހޯދީ ކުއީންސް އާއި ބްލޫސް އެވެ. ދެން ވާދަކުރީ ސައިކްލޯންސް ބާސްކެޓްބޯޅަ ކުލަބެވެ.
މިއަދު ކުޅުނު ފައިނަލު މެޗު ކުއީންސް އިން ކާމިޔާބުކުރީ 56-47 ޕޮއިންޓުންނެވެ. މެޗުގެ ފުރަތަމަ ކުއާޓާ ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ދެ ޓީމުންވެސް ސްކޯކުރަން ލިބުނު ގިނަ ފުރުސަތުތައް ގެއްލުވާލިއިރު، ގޭމްގެ ތެރެއަށް ރަނގަޅަށް ވަދެވި ދެ ޓީމަށްވެސް ކުޅެގަނެވުނީ ދެ ވަނަ ކުއާޓާ އިން ފެށިގެންނެވެ.
އެންމެ ތަފާތު ބޮޑު ކުއާޓާގެ ގޮތުގައި ފެނުނު މި ކުއާޓާގައި ކުއީންސް ޓީމުން މުހިންމު ދަނޑިވަޅުތަކުގައި ރަނގަޅު ސްކޯތަކެއްކޮށް ނުވަ ޕޮއިންޓުގެ ލީޑެއް ނެގި އެވެ. ތިން ވަނަ ކުއާޓާގައި 12 ޕޮއިންޓަށް ލީޑު ފުޅާކުރި އެވެ. ފަހު ކުއާޓާގައި ބްލޫސް އިން ތަފާތު ކުޑަކުރަން މަސައްކަތްކުރި ނަމަވެސް ކުއީންސްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ފާތިމަތު ރިޝްމާ ރަނގަޅު ފޯމެއްގައި ކުޅެލި އެވެ.
މެޗުގެ ބޮޑު ބައި ހަތަރު ފައުލް ހަމަވެ ފައުލް އައުޓްވުމުގެ ބިރާ އެކު ކުޅުނު ނަމަވެސް ރިޝްމާ ވަނީ އެކަނިމާއެކަނި 15 ރީބައުންޑް ނަގައި ތިން އެސިސްޓްކޮށް 23 ޕޮއިންޓް ސްކޯކޮށްފަ އެވެ. މީގެ އިތުރުން އާމިނަތު އިސްރާއު އަބްދުއްޝުކޫރު (އިއްކޮ) ވަނީ ހަތަރު ރީބައުންޑާއި ހަތަރު އެސިސްޓްކޮށް 17 ޕޮއިންޓް ސްކޯކޮށްދިނެވެ.
ބްލޫސް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ހަތް ރީބައުންޑް ނަގައި ތިން އެސިސްްޓްސްކޮށް 20 ޕޮއިންޓް ސްކޯކޮށްދިން އިމޭޝާ ތަތްސަރާނީ އެވެ. މީގެ އިތުރުން ޑިލުމީ ގޫނެވަރްދެނަ 10 ޕޮއިންޓް ސްކޯކޮށްދިނެވެ.
އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުއީންސްގެ ރިޝްމާ އެވެ.
މުބާރާތުގެ ފިރިހެން ބައިގެ ފައިނަލް މެޗު މިރޭ ކުޅޭނެ އެވެ. ފައިނަލުގައި ވާދަކުރަނީ ރާއްޖޭގެ ޓީރެކްސް ބީސީ އާއި ރެޑްވިންގްސް ބީސީ އެވެ. ދެން ފިރިހެން ބައިގައި ވާދަކުރީ އެމްބީއޭ ޗެމްޕިއަންޝިޕްގެ ތަށި ހޯދީ ކިންގްސް ބީސީ އާއި ސްރީލަންކާގެ ބްލޫސް ބާސްކެޓްބޯޅަ ކުލަބެވެ.
Comment