13 ޑިސެންބަރު 2022 - 12:29 0
ޓީރެކްސް އާއި ބްލޫސް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
13 ޑިސެންބަރު 2022 - 12:29 0
މިހާރު ކުރިއަށްދާ ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުން ކިންގްސް ބާސްކެޓްބޯލް ކްލަބް ކެޓިއިރު، ރެޑްވިންސް އާއި ޓީރެކްސް ފައިނަލުން ޖާގަ ހޯދައިފި އެވެ.
ސްރީ ލަންކާގެ ބްލޫސް ބާސްކެޓްބޯޅަ ކުލަބާއި އެމްބީއޭ ޗެމްޕިއަންޝިޕްގެ ގަދަ ތިން ޓީމު ހިމަނައިގެން ކުޅެމުން އަންނަ މުބާރާތުގެ ފައިނަލުން ރެޑްވިންގްސް ޖާގަ ހޯދީ ލީގު ބުރުގައި ޓީރެކްސް އާއި ކިންސް ވެސް ބަލިކޮށްގެންނެވެ. އެ ޓީމަށް ބާކީ ބްލޫސް އާ ދެކޮޅަށް ކުޅޭ މެޗު އެބައޮތެވެ. ރެޑްވިންގްސް އަތުން ބަލިވިޔަސް ޓީރެކްސް އިން ވަނީ ކިންގްސް އާއި ބްލޫސް ބަލިކޮށްފަ އެވެ.
ފުރަތަމަ މެޗުގައި ބްލޫސް އަތުން މޮޅުވި ނަމަވެސް ފަހު ދެ މެޗުގައި އެމްބީއޭ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ކިންގްސް ވަނީ ބަލިވެފަ އެވެ. ރެޑްވިންގްސް އަތުން ބަލިވީ 82-61 ޕޮއިންޓުންނެވެ.
މި މެޗުގެ އެއްވެސް ކުއާޓާ އެއްގައި ކިންގްސް އަށް ރެޑްވިންގްސް މައްޗަށް ލީޑު ނުނެގެ އެވެ. ކޮންމެ ކުއާޓާއެއްގައިވެސް ރެޑްވިންގްސް އިން ކިންގްސް އަށް ވުރެ މަދުވެގެން ހަތަރު ޕޮއިންޓް އިތުރަށް ސްކޯ ކުރި އެވެ.
މި މެޗުގައި ރެޑްވިންގްސްގެ ކެޕްޓަން މުހައްމަދު އަޝްމަލް އަހުމަދު 25 ޕޮއިންޓް ސްކޯ ކޮށްދިންއިރު، އަހުމަދު ލައިލް ޝިފާން 17 ޕޮއިންޓް ސްކޯކޮށްދިނެވެ. މުހައްމަދު ޒީދާން ޒައީމް އާއި ޝިރުފާން އަހުމަދު ވެސް މި މެޗުގައި ރަނގަޅަށް ކުޅުނެވެ.
ކިންގްސް އަށް ބަލާއިރު، އެޓީމްގެ ގިނަ ކުޅުންތެރިން ފެނުނީ ވަރުބަލިކޮށެވެ. އެންމެ މުހިންމު ކުޅުންތެރިޔާ އަބްދުﷲ އަމްޒަރު މުހައްމަދު އަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ. މުހައްމަދު ސަބީހު ތައުފީގު 16 ޕޮއިންޓް ސްކޯކޮށްދިންއިރު، އަހުމަދު ހުޝާމް 17 ޕޮއިންޓް ސްކޯކޮށްދިނެވެ.
ޓީރެކްސް ފައިނަލުން ޖާގަ ހޯދީ ބްލޫސް ބީސީ އަށް ޕޮއިންޓްގެ ތަފާތުން ބަލިކޮށްގެންނެވެ. ވާދަވެރި އަދި ފޯރިގަދަ މެޗު ޓީރެކްސް އިން ގެންދިޔައީ 70-62 ޕޮއިންޓުންނެވެ.
މި މެޗުގައި ޓީރެކްސްގެ މުހައްމަދު ހުވެއިލިދު އަލީ 22 ޕޮއިންޓް ސްކޯކޮށްދިނެވެ. މީގެ އިތުރުން އަހުމަދު ޒަބީރު އާއި އަހުމަދު ފިރާޝް ކޮންމެ ކުޅުންތެރިއަކު 13 ޕޮއިންޓް ސްކުރި އެވެ.
ބްލޫސް ޓީމަށް ބަލާއިރު އެންމެ ރަނގަޅަށް ކުޅުނީ ޑިމިޓްރީ ގްރީބީ އެވެ. އޭނާ ވަނީ 18 ޕޮއިންޓް ސްކޯކޮށްދީފަ އެވެ. މީގެ އިތުރުން ޑެނީލޯ މަސުއިކް 16 ޕޮއިންޓް ސްކޯކޮށްދިނެވެ.
ފައިނަލް މެޗުގެ ކުރިން ލީގު ބުރުގެ ފަހު މެޗުގައި ބްލޫސް ބީސީ އާއި ރެޑްވިންގްސް މިރޭ ވާދަކުރާނެ އެވެ. ޓީރެކްސް އާއި ރެޑްވިންގްސް ކުޅޭ ފައިނަލް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
Comment