Advertisement

ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕް: ޓީރެކްސް އަތުން ކިންގްސް ބަލިވެއްޖެ

12 ޑިސެންބަރު 2022 - 14:40 0

ކިންގްސްގެ ސަބީހު (ވ) ޓީރެކްސްގެ ހުވެއިލިދު ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕް: ޓީރެކްސް އަތުން ކިންގްސް ބަލިވެއްޖެ

12 ޑިސެންބަރު 2022 - 14:40 0

ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގައި ކިންގްސް ބާސްކެޓްބޯލް ކްލަބް އަތުން ޓީރެކްސް ބާސްކެޓްބޯލް ކްލަބް މޮޅުވިއިރު، އަންހެން ބައިގައި ސައިކްލޯން އަތުން ކުއީންސް ވަނީ މޮޅުވެއްޖެ އެވެ.

ރާއްޖޭގެ ކުޅިވަރުގެ ބައްޕަގެ ގޮތުގައި ފާހަގަވެފައިވާ މަރުހޫމް ޒާހިރު ނަސީރުގެ ހަނދާނުގައި މުޅިން އަލަށް ފެށި މުބާރާތުގައި މި އަހަރު ވާދަކުރަނީ ފިރިހެން ޑިވިޝަންގެ ހަތަރު ޓީމާއި އަންހެން ޑިވިޝަންގައި ތިން ޓީމެވެ. ކޮންމެ ޑިވިޝަނެއްގައި ވެސް ސްރީ ލަންކާގެ ބްލޫސް ބާސްކެޓްބޯޅަ ކުލަބުގެ ޓީމެއް ވާދަކުރެ އެވެ.

މުބާރާތުގައި އިއްޔެ ފިރިހެން ޑިވިޝަންގައި ކުޅުނު މެޗު ޓީރެކްސް އިން ކާމިޔާބުކުރީ 67-59 ޕޮއިންޓުންނެވެ. މި މެޗުގެ އެންމެ ބޮޑު ތަފާތެއްގެ ގޮތުގައި ފެނުނީ ފުރަތަމަ ކުއާޓާ އިން ޓީރެކްސް އިން ނެގި ބޮޑު ލީޑެވެ. ފުރަތަމަ ކުއާޓަރު ނިންމާލިއިރު 13 ޕޮއިންޓްގެ ލީޑަކާއި އެކު އޮތްއިރު، ދެ ވަނަ ކުއާޓާ އާއި ތިން ވަނަ ކުއާޓާގައި ކިންގްސް އިން ގޭމުގެ ތެރެއަށް އަންނަން މަސައްކަތްކުރި އެވެ. ހަތަރު ކުއާޓާ ފެށިއިރު ސްކޯ އޮތީ 50-49 ގަ އެވެ. ނަމަވެސް ފަހު ކުއާޓާގައި އަނެއްކާ ވެސް ޓީރެކްސް އިން ރަނގަޅު ކުޅުމެއް ދައްކައި މެޗު ކާމިޔާބުކުރި އެވެ.

ފުރަތަމަ މެޗުގައި ރެޑްވިންގްސް އަތުން ޓީރެކްސް ބަލިވިއިރު، އެ މެޗުގައި ނުކުޅެވުނު އިސްމާއިލް ވިލްދާން މި މެޗުގައި ކުޅުނެވެ. އަނެއްކޮޅުން، އަނިޔާއިން ރަނގަޅުވެ ހުސައިން ހަލީމް (ޗިކަނޭ) ވެސް މި މެޗުގައި ހުރީ ރަނގަޅު ފޯމެއްގަ އެވެ. މި މެޗުގައި ޓީރެކްސްގެ ކެޕްޓަން ޗިކަނޭ 16 ޕޮއިންޓް ސްކޯކޮށްދިންއިރު، އަހުމަދު ޒަބީރު އާއި މުހައްމަދު ހުވެއިލިދު އަލީ ވެސް ރަނގަޅު ކުޅުމެއް ދައްކި އެވެ.

ކިންގްސް އަށް ބަލާއިރު، އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ އިބްރާހިމް ނަސީމް އެވެ. މި މުބާރާތަށް ކިންގްސްއާ ގުޅުނު ނަސީ ވަނީ 19 ޕޮއިންޓް ސްކޯކޮށްދީފަ އެވެ. މީގެ އިތުރުން އަމްޒަރު މުހައްމަދު އާއި މުހައްމަދު ސަބީހު ތައުފީގްވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ.

މުބާރާތުގައި އިއްޔެ ކުޅުނު އަނެއް މެޗުގައި ކުއީންސް އިން ވަނީ ސައިކްލޯންގެ މައްޗަށް ކުރި ހޯދާފަ އެވެ. މި މެޗުން ބަލިވެ ސައިކްލޯން އަށް ފައިނަލުގެ ފުރުސަތު ގެއްލުނުއިރު، ފައިނަލުގައި ވާދަކުރާނީ ލީގު ބުރުގެ ފަހު މެޗުގައިވެސް ކުޅޭ ކުއީންސް އާއި ބްލޫސް އެވެ.

ސައިކްލޯން އަތުން 75-42 އިން މޮޅުވި ކުއީންސް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ފާތިމަތު ރިޝްމާ، އާމިނަތު އިސްރާއު އަދި އާމިނަތު ޝިއުރާ އެވެ. ރިޝްމާ 20 ޕޮއިންޓް ސްކޯކުރިއިރު، އިސްރާއު 22 އަދި ޝިއުރާ 14 ޕޮއިންޓް ސްކޯކޮށްދިނެވެ.

މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅޭނެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ކިންގްސް ނުކުންނާނީ ރެޑްވިންގްސް އާ ދެކޮޅަށެވެ. މިރޭ ޓީރެކްސް ނުކުންނާނީ ލަންކާގެ ބްލޫސް އާ ދެކޮޅަށެވެ.

ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕް އަންހެން ބައި އަދި ފިރިހެން ބައިގެ ފައިނަލް މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.