Advertisement

ރިލްވާންގެ މަރު ފުލުހުންނަށް ހުއްޓުވުނީސް: މަރު ކޮމިޝަން

15 ޑިސެންބަރު 2022 - 20:12 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކޮމިޝަންގެ މެންބަރު މިސްބާހު: ރިލްވާންގެ މަރު ފުލުހުންނަށް ހުއްޓުވުނީސް ކަމަށް ވިދާޅުވި


ރިލްވާންގެ މަރު ފުލުހުންނަށް ހުއްޓުވުނީސް: މަރު ކޮމިޝަން

15 ޑިސެންބަރު 2022 - 20:12 1

މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިލްވާން މަރާލުމުގެ ހަތަރު މަހެއްހާ ދުވަސް ކުރިން ފެށިގެން ފުލުހުން އޭނާގެ ފޯނު ކޯލުތައް އަޑޫއަހަމުންދިޔަ ކަމަށާއި، ރިލްވާނަށް އެކި ފަރާތްތަކުން ދެމުންދިޔަ އިންޒާރުތަކާ ބެހޭ މައުލޫމާތު ފުލުހުންނަށް އެނގި ތިބެ އެކަންކަން ހުއްޓުވަން ފުލުހުންގެ ފަރާތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް މަރު ކޮމިޝަނުން ބުނެފި އެވެ.

ރިލްވާނުގެ މަރުގެ މައްސަލައާ ގުޅޭގޮތުން އެ ކޮމިޝަނުން ކުރި ތަހުގީގީ ރިޕޯޓު ރައީސުލް ޖުމްހޫރިއްޔާއަށް އެރުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މަރު ކޮމިޝަނުގެ މެންބަރު، މިސްބާހު އައްބާސް ވިދާޅުވީ ރިލްވާން މަރާލާފައި ވަނީ ވަރަށް ދުރާލާ ރާވައިގެން ކަމަށާއި އޭރު ސޯޝަލް މީޑިއާގައި ހަރުކަށި ފިކުރުގެ މީހުންނާއި އެ މީހުންނާ ހިޔާލު ތަފާތު މީހުންނާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވެމުންދިޔަ ކަމަށެވެ.

އެ ވާހަކަތަކުގެ ތެރެއިން މައްސަލަ ހޫނުވެ، މާލެ ތެރެއިން ބައެއް މީހުން ހުއްޓުވައި އެމީހުންނަށް ތަފާތު އިންޒާރުތައް ދީ ބިރު ދައްކައިގެން ސޯޝަލް މީޑިއާގައި އެމީހުން ގެންގުޅެމުންދިޔަ އެކައުންޓުތަކުގެ މައުލޫމާތު ވެސް ހަރުކަށި ފިކުރުގެ މީހުން ހޯދި ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އަމަލުތަކުގައި އެންމެ އިސް ދައުރެއް އަދާކޮށްފައި ވަނީ، އަހުމަދު އިސްމާއިލް (ބުރު އަހަނދު) އާއި އަހުމަދު މުއާޒް (ގަޓު މުއާ)، އެމީހުންގެ ޓާގެޓަކަށް އަހުމަދު ރިލްވާންވެފައި އޮތް ކަމަށް ތަހުގީގަށް ފާހަގަ ކުރެވޭ، އަދި މި ކަންކަން ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް އައިސްފައި އޮތް ކަން ވެސް ފާހަގަ ކުރެވޭ،" އޭނާ ވިދާޅުވި އެވެ.

މިސްބާހް ވިދާޅުވީ ރިލްވާން މަރާލުމުގެ ކުރިން އޭނާއަށް ނުރައްކަލެއް އޮތް ކަން ފުލުހުންނަށް އެނގިގެން ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު އަޑު އަހަމުންދިޔަ ކަމަށެވެ. އޭގެއިތުރުން ސޯޝަލް މީޑިއާގައި އޭރު ހިނގަމުންދިޔަ ބަހުސްތަކުގެ މައްޗަށް ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓުމަންޓުން ރިޕޯޓުތަކެއް ވެސް ތައްޔާރުކޮށްފައި ހުރި ކަމަށެވެ. އޭގެތެރެއިން އެއް ލިޔުމުގައި ފުލުހުންގެ ސީރިއަސް އެންޑު އޮގަނައިޒްޑު ކުރައިމް އިން މުއާޒުއާ ސުވާލު ކުރުމަށް ފަހު ކުރައިމް ކޮމާންދުގެ އޭރުގެ ވެރިޔާ، ހަސަން ހަބީބުއަށް އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލުމަށް އެދި ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ކަމަކީ އެހިސާބަށް ކަންތައްތައް އައިސް، އަހުމަދު ރިލްވާން އަބްދުﷲ މަރާލުމާ ހަމައަށް ދިޔައިރު، ދިވެހި ފުލުހުންނަށް އެކަން އެނގި ތިބި ކަމާ، އަދި މިކަމަކީ ހުއްޓުވެން އޮތް ކަމެއް ކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭކަން،" މިސްބާހު ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވި ފަރާތްތަކަށް ބިރުދައްކާ އިންޒާރު ދެމުންދިޔައިރު، އެ ހުރިހާ އެންމެންނަށް ވެސް މަރާލުމަށް ފަހު ކަނޑު ފައްތާނެކަމަށް ބުނެ އިންޒާރު ދީފައިވާ ކަން އެ ކޮމިޝަނުގެ ތަހުގީގަށް އެނގިފައިވެ އެވެ. އަދި ރިލްވާނު މަރާލުމަށް ފަހު ވެސް ހަމަ އެ ފަރާތްތަކަށް ރިލްވާނަށް ހަދާލި ގޮތް ހަދާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަރު ކޮމިޝަނުން މިއަދު އާންމު ކުރި މައުލޫމާތު ތަކުގެ ތެރޭގައި ރިލްވާނުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ ބައެއް ފަރާތްތަކުގެ މައްސަލަ އޮއްބާލައި ހަގީގަތް ފޮރުވުމަށް އޭރުގެ ސަރުކާރުގެ އިސްވެރިން މަސައްކަތްތަކެއް ކުރި ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ރިލްވާންގެ މަރުގެ މައްސަލައިގެ ތަހުގީގަށް އޭރު ފުލުހުން ހައްޔަރު ކުރި ބައެއް ފަރާތްތައް ބަންދުން ދޫކުރުމަށް އޭރުގެ ސަރުކާރުގެ ބައެއް އިސްވެރިން މަސައްކަތް ކޮށްފައިވާ ކަން އެ ކޮމިޝަނުގެ ތަހުގީގަށް އެނގިފައިވާ ކަމަށް މަރު ކޮމިޝަނުގެ މެންބަރު މިސްބާހު ވިދާޅުވި އެވެ.

މިނިވަން ނޫހުގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. ރިލްވާން މަރާލާފައިވަނީ ހުޅުމާލެއިން ރަތްކުލައިގެ ކާރަކަށް ގަދަކަމުން އަރުވައިގެން ގެންގޮސް، ޑިންގީއަކަށް އަރުވައި، އޭގައި އޭނާ ގެންގޮސް މަސް ދޯންޏަކަށް އެރުވި ކަމަށާއި، އޭނާ މަރާލާފައި ވަނީ އެ ދޯނީގައި ގެންގޮސް ކަރުބުރި ކޮށްލައިގެން ކަމަށް އެ ކޮމިޝަނުން މިއަދު ބުންޏެވެ. ރިލްވާން މަރާލުމަށް ފަހު ވަނީ ކަނޑު ފައްތާފައި ކަމަށް މަރު ކޮމިޝަނުން ބުނެފައިވެ އެވެ.