Advertisement

އިރާނުގައި ބެލްޖިއަމް މީހަކު 28 އަހަރަށް ޖަލަށް ހުކުމްކޮށްފި

15 ޑިސެންބަރު 2022 - 07:38 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުގައި ބަންދުކޮށްފައި ހުރި އޮލިވިއާ ވެންޑެކެސްޓީލް. -- ފޮޓޯ: އޮލިވިއާ ވެންޑެކެސްޓީލް/ ޓްވިޓާ


އިރާނުގައި ބެލްޖިއަމް މީހަކު 28 އަހަރަށް ޖަލަށް ހުކުމްކޮށްފި

15 ޑިސެންބަރު 2022 - 07:38 0

ބްރަސެލްސް، ބެލްޖިއަމް (ޑިސެމްބަރު 14) - އިރާނުގައި ބަންދުކޮށްފައި ހުރި ބެލްޖިއަމްގެ މީހަކު 28 އަހަރަށް ޖަލަށް ހުކުމްކޮށްފި އެވެ.

އެހީދޭ ޖަމިއްޔާއެއްގެ ވަޒީފާގައި އުޅުނު އުމުރުން 41 އަހަރުގެ އޮލިވިއާ ވެންޑެކެސްޓީލްގެ މައްޗަށް ހުކުމް ކުރިކަން އިއުލާން ކުރީ އޭނާގެ އާއިލާއިންނެވެ.

ޖާސޫސް ކުރުމުގެ ތުހުމަތުގައި ވެންޑެކެސްޓީލް ހައްޔަރު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ. އޭނާގެ އާއިލާ އާއި ބެލްޖިއަމް ސަރުކާރުން ވެސް ބުނަނީ އެއީ ދޮގު ތުހުމަތެއް ކަމަށެވެ.

ވެންޑެކެސްޓީލް ހައްޔަރު ކުރީ ރަހީނެއްގެ ގޮތުގައި ކަމަށާއި ބޭނުމަކީ ބެލްޖިއަމްގައި ޓެރަރިޒަމްގެ ކުށް ސާބިތުވި އިރާނުގެ އޭޖެންޓަކު މިނިވަން ކުރުމަށް މަޖުބޫރު ކުރުން ކަމަށް އެ މީހުން ތުހުމަތުކުރެ އެވެ.

"އާއިލާއަށް ވަނީ ގޮތް ހުސްވެފައި،" ހުކުމް ކުރި ހަބަރު ބެލްޖިއަމް ސަރުކާރުން އެންގުމުން، އާއިލާގެ ތަރުޖަމާނު އޮލިވިއޭ ވޭން ސްޓެއިރްޓެގެމް ވިދާޅުވި އެވެ.

"ހައްލެއް ނުހޯދިއްޖެ ނަމަ 2050 އާ ހަމައަށް އޭނާ ޖަލުގައި ހުންނަން ޖެހިދާނެ. އޭނާގެ އުމުރުން ހުންނާނީ 70 އަހަރު ވާން ގާތްވެފައި،" ގައިދީން ބަދަލު ކުރުމުގެ އެއްބަސްވުމެއް އަލުން އިއާދަކުރުމަށް ބެލްޖިއަމްގެ ސަރުކާރަށް ގޮވާލަމުން އޭނާ ސްޓެއިރްޓެގެމް ވިދާޅުވި އެވެ.

ބެލްޖިއަމްގެ ބޮޑު ވަޒީރު އެލެގްޒެންޑާ ޑެ ކްރޫ ވެސް މީގެ ކުރިން ވިދާޅުވީ ދެ ގައުމުގެ މެދުގައި ގައިދީން ބަދަލުކުރެވޭނެ ހަމައެކަނި ގޮތަކީ އެކަމާ ބެހޭ އެއްބަސްވުން އިއާދަކުރުން ކަމަށެވެ.

ހިޔާލު ތަފާތުވުން ބޮޑު އެ އެއްބަސްވުން ސަސްޕެންޑް ކުރަން ބެލްޖިއަމްގެ ކޯޓުން ނިންމީ މިދިޔަ ހަފުތާގަ އެވެ. ކޯޓުން ބުނީ އެއްބަސްވުމުގެ ގާނޫނީ ސައްހަކަން ކަށަވަރު ކުރަަން ތިން މަސް ހޭދަކުރާނެ ކަމަށެވެ.

އެއްބަސްވުމާ ދެކޮޅަށް އަޑު އުފުލަނީ އިރާން ސަރުކާރާ ދެކޮޅު މީހުންނެވެ. އެ މީހުން ބުނާ ގޮތުގައި އެއީ މިދިޔަ އަހަރު ބެލްޖިއަމްގައި 20 އަހަރަށް ޖަލަށް ހުކުމް ކުރި އިރާނުގެ ޑިޕްލޮމެޓް އަސަދުﷲ އަސަދީ މިނިވަން ކުރުމަށް "ފެހި" އެއްބަސްވުމެކެވެ.

އަސަދީގެ މައްޗަށް ސާބިތުވީ ބެލްޖިއަމްގައި ދެމަފިރިއަކަށް ގޮވާ ތަކެތި ފޯރުކޮށްދިން ކަމަށެވެ. އެ ދެމަފިރިންގެ އަމާޒަކީ ޕެރިހަށް ދަތުރުކޮށް، އިރާނުން އަރުވާލެވިގެން އުޅޭ އިދިކޮޅު މީހުންނާ ބައްދަލުކުރުމެވެ.