Advertisement

ގާޒީ ސްކޫލް ކޮރަޕްޝަން އިންތިހާއަށް ދިއުމުން ޓީޗަރުން މުޒާހަރާކޮށްފި

14 ޑިސެންބަރު 2022 - 16:09 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ޓީޗަރުން ވަނީ ޑެޕިއުޓީ ޕްރިންސިޕަލަށް އަދި އިތުރު މުވައްޒަފުންތަކަކަށްވެސް އެތައް ތުހުމަތުތަކެއް ކޮށްފައި


ގާޒީ ސްކޫލް ކޮރަޕްޝަން އިންތިހާއަށް ދިއުމުން ޓީޗަރުން މުޒާހަރާކޮށްފި

14 ޑިސެންބަރު 2022 - 16:09 1

ހުޅުމާލޭގައި ހުންނަ ގާޒީ ސްކޫލުގައި ކޮރަޕްޝަނުގެ މައްސަލަތައް އިންތިހާއަށް ގޮސްފައިވާ ކަމަށް ތުހުމަތުކޮށް އެ ސްކޫލްގެ ޓީޗަރުން ނުކުމެ މުޒާހަރާކޮށްފި އެވެ.

ގާޒީ ސްކޫލްގައި އެ ސްކޫލްގައި މަސައްކަތް ކުރަމުން އަންނަ ޓީޗަރުން ނުކުމެ އިހްތިޖާޖުކޮށްފައި ވަނީ މިއަދު މެންދުރު 12:00 ހާއިރު އެވެ.

މިކަމާ ގުޅިގެން "އަދަދު"އަށް މައުލޫމާތު ދިން ގާޒީ ސްކޫލްގެ ޓީޗަރަކު ބުނީ މުޒާހަރާކޮށްފައި ވަނީ އެ ސްކޫލްގައި ކޮރަޕްޝަނުގެ މައްސަލަތައް އިންތިހާއަށް ގޮސްފައިވާއިރު، އެކަމަށް ހައްލެއް ލިބިފައި ނުވާތީ ކަމަށެވެ.

އޭނާ ތުހުމަތުކުރާ ގޮތުގައި ކޮރަޕްޝަނުގެ މައްސަލާގައި ހިމެނެނީ އެސްކޫލްގެ އިދާރީ އިސް މުވައްޒަކާއެކު ޖުމްލަ ތިން މީހެކެވެ. އޭގެ ތެރެއިން ދެ މީހުންނަކީ ކުރިން އެ ސްކޫލްގައި މަސައްކަތް ކުރި ބައެއް ކަމަށް އޭނާ ކިޔައިދިނެވެ.

"ސްކޫލުގެ ޕީޓީއޭގެ ފަންޑަށްވެސް ވާއެއް ނުވާއެއް ނޭނގޭ. ކޮންޓްރެކްޓް އުސޫލުން ދޫކުރާ ސްކޫލްގެ ސެކިއުރިޓީ ވެސް ނުހައްގުން ދިނީ ބަޔަކަށް" އޭނާ ބުންޏެވެ.

މީގެ އިތުރުން ސްކޫލްގެ މީމިސް ހެކްކޮށްފައިވާތީވެސް އެ މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ސްކޫލްގައި މުވައްޒަފުން ބޭނުންކުރަން ހުންނަ ފާހާނާތަކުގެ ދޮރު ނެތުމާއި، އެ ފާހާނާތަކުގައި މުސްލިމް ޝަވަރު ނެތުމަކީީވެސް އެފަރާތްތަކުގެ ކަންބޮޑުވުމެކެވެ.

މީގެ އިތުރުން އެ ސްކޫލްގައި މަސައްކަތް ކުރި މުވައްޒަފަކަށް ނުހައްގުން ޕްރޮމޯޝަން ދިން މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ.

މި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ގާޒީ ސްކޫލާ ގުޅުވައި އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި ސްކޫލްގެ މުދަލާއި ފައިސާއާ ގުޅޭ ބައެއް މައްސަލަތައް ހުރުމުން އެ މިނިސްޓްރީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމެންޓުން އޮޑިޓެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. އެ އޮޑިޓުންވެސް އެ ކަންކަން ސާބިތުވެފައިވާކަމަށް އެ މިިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި މައްސަލަތަކާ ގުޅިގެން ހިންގި އިދާރީ ތަހުގީގު ނިމި ފިޔަވަޅު އެޅުމުގެ މަރުހަލާގައިވާކަމަށް އެބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

މިގޮތުން އެ ސްކޫލްގެ ދެ މުވައްޒަފަކާ ގުޅޭ ޑޮކިއުމެންޓު ފޯޖުކުރި މައްސަލައަކާއި، ސްކޫލަށް ލިބުނު ޓީވީއެއް މުވައްޒަފެއްގެ ގެއަށް ގެންދިޔަ މައްސަލައެއްވެސް ބަލަމުން އަންނަ ކަމަށް އެމިނިސްޓްރީން ބުންޏެވެ. މި ދެ މައްސަލައަކީ ޖިނާއީ ކުށްތަކުގެ ތެރޭގައި ހިމެނޭ ކަންކަމަށް ވާތީ އެކަންކަން ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.

މީގެ އިތުރުން ސްކޫލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައި ހުރި ފަރާތެއް އެ މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފަކަށް ބަދަލު ގެނައީ އެއީ އެކަމުގެ ސަބަބުން ސްކޫލަށް އިތުރު މައްސަލަތަކެއް ދިމާވެދާނެ ކަމަކަށް ވާތީ ކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. އެއީ އެ މުވައްޒަފަށް ވަޒީފާގެ ކުރިއެރުމެއް ދިނުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށް މިނިސްޓްރީން ބުނެއެވެ.

ސްކޫލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ހިމެނޭ ގޮތަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފައިވާނެ ކަމަށާއި، މިކަމާ ގުޅިގެން އަޅަން ޖެހޭ އިސްލާހީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"މިގޮތަށް މި މިނިސްޓްރީން އަމަލުކުރަމުން ދަނިކޮށް، އަދި މި މިނިސްޓްރީން އަޅަމުންދާ ފިޔަވަޅުތައް ސްކޫލު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ފަރާތާ ހިއްސާކުރަމުން ގެންދަނިކޮށް، އެޑްމިނިސްޓްރޭޓަރަށް ޕްރޮމޯޝަނެއް ދީފި ކަމަށް ބުނެ ސްކޫލުގެ މުވައްޒަފުންތަކެއް އިހްތިޖާޖުކުރި މައްސަލައެއް މިހާރު އަޅުގަނޑުމެން ބަލަން ފަށާފައިވާކަންވެސް މައުލޫމާތަށްޓަކާ ދަންނަވަމެވެ," އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ވަނީ މި މައްސަލަތައް ބަލަމުން ދަނިކޮށް ސްކޫލާއި މިނިސްޓްރީ ބަދުނާމުވާގޮތަށް މީޑިއާތަކަށް ބައެއް ފަރާތްތަކުން މައުލޫމާތު ދެމުން ގެންދާކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ. އަދި މައްސަލަތަކާ ގުޅިގެން ސިވިލް ސާވިސް ގަވައިދާ އެއްގޮތަށް ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.