Advertisement

އެފްއޭއެމްގެ ހިޔާނާތް: އިތުރަށް ތުހުމަތުވާ މީހުންގެ ތަހުގީގު އަވަސްކުރަނީ

24 މާރިޗު 2024 - 12:28 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕީޖީ ހުސައިން ޝަމީމް: އެފްއޭއެމްގެ ކޮރަޕްޝަން މައްސަލާގައި އިތުރަށް ތުހުމަތުވާ މީހުންގެ މައްޗަށް ހިންގާ ތަހުގީގު އަވަސްކުރަން މަޝްވަރާކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އެފްއޭއެމްގެ ހިޔާނާތް: އިތުރަށް ތުހުމަތުވާ މީހުންގެ ތަހުގީގު އަވަސްކުރަނީ

24 މާރިޗު 2024 - 12:28 0

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އެކި ތަންތަނުން ލިބޭ ފައިސާއަށް ހިޔާނާތްތެރިވެ، އެފައިސާ ލިބުނު ބޭނުން ފިޔަވައި އެހެން ބޭނުންތަކަށް ބޭނުންކޮށް، މަނީ ލޯންޑާ ކުރި ކަމަށް ބުނާ މައްސަލާގައި އިތުރު މީހުންގެ މައްޗަށް ހިންގާ ތަހުގީގު އަވަސްކުރަން މަޝްވަރާކޮށްފި އެވެ.

ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ މީޑިއާ ވެބްޕޭޖު "ހަބަރުފީތާ" ގައި މިއަދު ލިޔެފައިވަނީ، އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި ފުލުހުންގެ ހިދުމަތުން ހިންގާ ތަހުގީގުގައި މަސައްކަތްކުރާ އިންވެސްޓިގޭޓަރުންނާ، މިއަދު ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ބައްދަލުކުރައްވާފައިވާ ކަމަށެވެ.

މިހާރު ބާކީ ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައި ކަމާއި، އެ މަސައްކަތްތައް ނިންމާނެ ގޮތުގެ ތާވަލަކާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށް ލިޔެފައިވެ އެވެ. އަދި ހޯދާފައިވާ ހެކިތައް ޕީޖީ އޮފީހަށް ހުށަހަޅައި، ޕްރޮސެކިއުޓަރުން އެ ހެކިތައް ދިރާސާކޮށް، އިތުރަށް ހޯދައި ފުރިހަމަ ކުރަން ޖެހޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށް ލިޔެފައިވެ އެވެ.

"...މި މައްސަލައިގައި އިތުރަށް ތުހުމަތު ކުރެވޭ މީހުންގެ ބައިތަކުގައި ތުހުމަތު އިއްވައި ބަޔާން ނެގުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވިފައިވޭ، މިއަދުގެ ބައްދަލުވުމުގައި އެއްބަސްވެވުނީ، ފުލުހުން މި މައްސަލާގައި ކުރަން ހުރި މަސައްކަތްތައް ނިންމައި، ވީހާ ވެސް އަވަހަކަށް، ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް މި އޮފީހަށް ހުށަހަޅައި ދިނުމަށް،" ޕީޖީ އޮފީހުގެ ވެބްސައިޓުގައި ލިޔެފައިވެ އެވެ.

މިހާތަނަށް ދައުވާ އުފުލާފައިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށެވެ. ދެވަނަ ދައުރެއް މިހާރު ފުރުއްވަމުން ގެންދަވާ، އިތުރު ދައުރަކަށް ވެސް ވާދަކުރައްވަން ނަން ހުށަހަޅުއްވާފައިވާ ބައްސާމްގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.

ޕްރެސް ކޮންފެރެންސެއްގައި ފުލުހުންގެ ހެޑް އޮފް ފައިނޭންޝިއަލް ކްރައިމް އިންވެސްޓިގޭޝަން ޔުނިޓް، ޗީފް އިންސްޕެކްޓަރު، ޔޫސުފް ލޫތު ވިދާޅުވީ އެފްއޭއެމްގެ ދެ މީހެއްގެ މައްޗަށް 10،000 ޑޮލަރު މައްސަލައިގައި ތަހުގީގު ނިންމައި، ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ.

އެއީ ކޮން ފަރާތްތަކެއް ކަމެއް ފުލުހުން އެ ދުވަހު ހާމައެއް ނުކުރި އެވެ. އެނގިފައިވާ ގޮތުގައި އޭގެ ތެރޭގައި ބައްސާމް ހިމެނޭ އިރު ދެން ހިމެނެނީ ބައްސާމްގެ އަނބިކަނބަލުން އައިމިނަތު މައުރީނެވެ.

ފުލުހުން ބަލަމުން އަންނަ އެފްއޭއެމްގެ އެހެން މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެފްއޭއެމަށް ފީފާ އިން ދިން 1.9 މިލިއަން ޑޮލަރުގެ އިންޓަރެސްޓް ފްރީ ލޯނަށް ހިޔާނާތްތެރިވެފައިވާ މައްސަލަ އެކެވެ. މި ފައިސާގެ ތެރެއިން ވެސް ބޮޑުބައެއް އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާކަން އެނގިފައިވެ އެެވެ.

ކޮވިޑް ލޯންގެ މައްސަލައިގައި އެފްއޭއެމްގެ ފަރާތުން ފީފާ އިން ބޭނުންވާ މައުލޫމާތު ވެސް އެއްކޮށް ސާފުވެފައި ނުވެ އެެވެ.