14 ޑިސެންބަރު 2022 - 06:32 0
ފާތިމަތު ސާޔާ އަހުމަދު
ވިއްކާލަން އުޅެނީ އިންޑޮނީޝިއާގެ އިރުމަތީގައިވާ ރަށްތަކެއް. -- ފޮޓޯ: އޭއެފްޕީ
14 ޑިސެންބަރު 2022 - 06:32 0
ޖަކާޓާ، އިންޑޮނީޝިއާ (ޑިސެމްބަރު 13) - އިންޑޮނީޝިއާގެ އިރުމަތީގައި އޮންނަ 100 ރަށް ތަރައްގީ ކުރުމުގެ ރައިޓްސް ވިއްކާލަން އުޅުނު މައްސަލަ ހޫނުވެއްޖެ އެވެ.
ސޮދެބީޒް އޯކްޝަން ކުންފުނިން ބުނީ އެ ރަށްތަކާ ގުޅޭ ބިޑު ޖެނުއަރީއަށް ފަސްކޮށްފައިވާ ކަމަށެވެ. ވިއްކާލަން އުޅެނީ ވިޑީ ރިޒާވްގެ ރަށްތަކެވެ.
އެއީ ކޮރަލް ޓްރޭންގަލްގެ ގޮތުގައި މަގްބޫލު، މުޅި ދުނިޔޭގައި ވެސް އެންމެ ތަފާތު ކަނޑުގެ ދިރުންތައް ފެނިގެންދާ ސަރަހައްދެވެ. އެއީ އިންޑޮނީޝިއާގެ އިތުރުން ފިލިޕީންސް، ޕަޕުއާ ނިއު ގިނީ އަދި ސޮލޮމޮން އައިލެންޑްސް އާއި އިތުރު ދެ ގައުމަށް ފެތުރިފައި އޮންނަ ހިސާބެކެވެ.
ކުރިން ރާވާފައި އޮތީ އިންޑޮނީޝިއާގެ 100 ރަށް ތަރައްގީ ކުރުމުގެ ރައިޓްސް ބިޑަށް ނިއު ޔޯކްގައި ބުރާސްފަތި ދުވަހު ހުޅުވާލުމަަށެވެ.
ސޮދެބީޒްގެ އޭޝިއާ ޕެސިފިކް ނައިބު ރައީސް ޒެކެރީ ވްރައިޓް ވިދާޅުވީ ބިޑް ލަސްކުރީ މީހުންގެ ޝައުގުވެރިކަން ބޮޑުކަމުން، ގަންނަ ބޭނުންވާ މީހުންނަށް ވިސްނުމަށް އިތުރު ވަގުތު ދިނުމަށް ކަމަށެވެ.
އެކަމަކު، މި ދަނޑިވަޅުގައި ތިމާވެށި ގްރޫޕުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ ގްރޫޕްތަކުން ބުނީ ގުދުރަތީ ގޮތުން ރައްކާތެރިކޮށް އޮތް އެ ރަށްތައް ތަރައްގީ ކުރަން ފަަށައިފި ނަމަ ދިރުންތަކަށް ގެއްލުން ލިބޭނެ ކަމަށެވެ.
މިހާރު އެ ރަށްތަކުގެ ވެރި ފަރާތަކީ ބާލީގައި ހުންނަ ޕީޓީ ލީޑާޝިޕް އައިލެންޑްސް އިންޑޮނީޝިއާާ (އެލްއައިއައި) އެވެ. އެ ކުންފުންޏަށް ރަށްތަކުގެ މެނޭޖްމަންޓް ރައިޓްސް އޮތީ 70 އަހަރު ވަންދެންނެވެ.
އެ ކުންފުނިން ބުނީ ބިޑަށް ހުޅުވާލި ނަމަވެސް، ތަރައްގީ ކުރެވޭނީ ރަށްތަކުގެ އެންމެ 0.005 ޕަސެންޓް ކަމަށެވެ. އެ ކުންފުނިން ބިޑް އިޝްތިހާރު ކުރަމުން ދަނީ 17 ރަށުގައި ލަގްޒަރީ ރިސޯޓުތަކާއި ގެތައް އެޅުމުގެ ފުރުސަތު ލިބޭނެ ކަމަށާއި 1000 މީޓަރުގެ އެއާސްޓްރިޕެއް ވެސް އެޅިދާނެ ކަމަށެވެ.
އެހެން ނަމަވެސް އިންޑިނީޝިއާ އިދާރާތަކުން ބުނީ ވިޔަފާރި ތަރައްގީ ކުރުމުގެ ހުއްދައަށް އެ ކުންފުނިން އެދިފައި ނުވާ ކަމަށާއި އެހެން ގައުމުތަކުން މީހުންނަށް އެ ރަަށްތައް ނުގަނެވޭނެ ކަމަށެވެ.
އެލްއައިއައި އިން ބުނީ ވިޔަފާރި ތަރައްގީ ކުރުމުގެ ހުއްދަ މިހާތަނަށް ނުހޯދާ އޮތީ އަދި އެފަދަ އެއްވެސް ހަރަކާތެއް އެ ތަނުގައި ނުހިންގާތީ ކަމަށެވެ.
Comment