Advertisement

ސިހުރު ބާތިލް ކުރަން ކަމަށް ބުނެ ކައުންސިލުގެ ނުރުހުމުގައި ފުލުހުން ނޮޅިވަރަންފަރު މަހާނައެއް ކޮނެފި

13 ޑިސެންބަރު 2022 - 11:28 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އާންމުންގެ ބަޔަކު ވަދެ ނޮޅިވަރަންފަރު ސަހަރާ ކޮނެފައި ވަނީ ފުލުހުންގެ އެހީތެރިކަމާ އެކު -- ފޮޓޯ:


ސިހުރު ބާތިލް ކުރަން ކަމަށް ބުނެ ކައުންސިލުގެ ނުރުހުމުގައި ފުލުހުން ނޮޅިވަރަންފަރު މަހާނައެއް ކޮނެފި

13 ޑިސެންބަރު 2022 - 11:28 1

ރުގްޔާ ހަދަން ކަމަށް ބުނެ ހދ. ނޮޅިވަރަންފަރުގެ ބަޔަކާއެކު ފުލުހުންގެ ޓީމެއް އެ ރަށު ސަހަރާއަށް ރޭ ވަދެ އެތަނުގައި ވަޅުލާފައި އޮތް މީހެއްގެ މަހާނައަކާއި ބައެއް އެހެން ތަންތަން ކޮނެފި އެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ރޭ ފުލުހުންނާއި އާންމުންގެ ބަޔަކު ގޮސް ކޮނުނު ސަހަރާއަކީ ގަވާއިދުން ބަލަހައްޓަމުން އަންނަ ތަނެއް ކަމަށާއި އެތަން ކޮނުން ނުހުއްޓުވުނީ ފުލުހުން ތިބުމުން ކަމަށެވެ.

"ރުގްޔާކުރުމުގެ ނަމުގަ އެކަން ކުރީ. ދެން އަޅުގަނޑަކަށް ނޭނގެ ކޮން ކަމެއް ކަމެއް. ކައުންސިލްގެ އެއްވެސް ހުއްދައެއް ނެތި އެކަން ކޮށްފަ އެއޮތީ،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ބުނީ އެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން "ކައުންސިލުގެ އެހީތެރިކަމާއެކު" ސަހަރާ ބަލައި ފާސްކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ބުނީ ސަހަރާއަށް ވަދެ އުޅުނީ "ކައުންސިލަށް އެ މައުލޫމާތު ހިއްސާ ކުރުމަށްފަހު" ކަމަށެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ރޭ ދަންވަރު ވާން ކައިރިވެފައި އޮއްވާ، ސަހަރާއަށް ވަދެ މަހާނައެއް ކޮނުނުއިރު، އެ އިދާރާއަށް ހުށަހަޅާފައި އޮތީ ކޮން މައްސަލައެއްކަން ބުނަން ފުލުހުން ދެކޮޅު ހެދި އެވެ.

"ނޮޅިވަރަންފަރުގެ އިންޗާޖު އެތަނުގައި އެމީހުންނާއެކު [ރުގްޔާކުރާކަމަށް ބުނެ ސަހަރާ ކޮނުނު މީހުންނާއެކު] އެކަމުގައި ޝާމިލުވެގެން އެކަން ކޮށްދިނީ. އިތުރު ދެ ފުލުހަކު ވެސް ތިބި އެތަނުގައި. އެހެންވީމަ ދެން އަޅުގަނޑަކަށް ނޯންނާނެ އެކަން ހުއްޓުވޭނެ އިތުރު ގޮތެއް ނޮޅިވަރަންފަރަކު،" ކައުންސިލްގެ ރައީސް އިތުރަށް ނަދީމް ވިދާޅުވި އެވެ.

ނޮޅިވަރަންފަރުން މި ނޫހާ ވާހަކަ ދެއްކި މީހަކު ބުނީ ރުގްޔާ ހަދާ މީހަކު އެރަށަށް މިވަގުތު ގޮސްގެން އުޅޭ ކަމަށާއި ރަށުގެ ބައެއް އެހެން ސަރަހައްދުތައް ވެސް އެމީހުން ކޮނެފައިވާ ކަމަށެވެ. އެމީހުން ކޮނުނު ތަންތަނުގެ ތެރޭގައި އެ ރަށުގެ އަތިރިމަތީގައި ހުންނަ ރުއްގަނޑު ސަރަހައްދު ހިމެނޭ ކަމަށް ވެސް އޭނާ ބުންޏެވެ.