Advertisement

"މުއުތަސިމް" ފަދަ ނަންބަރެއް ކޮންމެ ހަފުލާއަކަށް: އޭރަށް 'ފޮނިބައިސާ' ހުއްޓިދާނެ

12 ޑިސެންބަރު 2022 - 12:52 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


"މުއުތަސިމް" ފަދަ ނަންބަރެއް ކޮންމެ ހަފުލާއަކަށް: އޭރަށް 'ފޮނިބައިސާ' ހުއްޓިދާނެ

12 ޑިސެންބަރު 2022 - 12:52 0

މޭޒު މަތީގައި އޮތް ގަނޑެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޯޓު ކުރައްވަމުން ގެންދެވި އެވެ؛

މިއީ ގދ. ފަރެސްމާތޮޑާގައި ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާ ލައިވްކުރިއިރު ފެނުނު މަންޒަރެކެވެ. އެ ޖަލްސާގެ އެންމެ "ހާއްސަ ނަންބަރު" ނޫނަސް އެވަގުތު ޕޯޑިއަމް ކައިރީގައި ހުއްޓި ހުރީ މުހައްމަދު މުއުތަސިމް އެވެ.

މަޝްހޫރު ނަމެއް ނޫނެވެ. ސަރުކާރުގެ އިސް ވެރިއެއް ނޫންވީމަ އެވެ. ފަރަންޖީ ގައުމެއްގެ މަންދޫބެއް ވެސް ނޫނެވެ. ރަސްމީ ހައިސިއްޔަތެއް އަދި ހައިބަތެއް ވެސް ނެތެވެ. ހަމަ އާންމު ރައްޔިތެކެވެ. އާދައިގެ މަސްވެރިއެކެވެ.

މުއުތަސިމުގެ ވާޖިބަކަށްވީ މަސްވެރިންގެ ފަރާތުން ރޭގެ ޖަލްސާގައި ޝުއޫރުފާޅު ކުރުމުގެ ނަންބަރު ފުރިހަމަ ކުރުމެވެ.

"އަޅުގަނޑަކީ މަސްވެރިއެއް، ވަރަށް ގިނަ އުދާސްތައް އެބަހުރި...،"

ސަރުކާރަށާއި ރައީސް ސޯލިހަށް ސަނާކިޔަމުން ތައުރީފު އޮއްސާނެ ކަމަށް ވިސްނައިގެން ބަޔަކު ތިބި ނަމަ، އެ ކުށް ހީ މުއުތަސިމް ދުރުކޮށްދިނެވެ. އެވަރުން ފުއްދައި ނުލައި ވާހަކައިގެ "ޓޯނު" ކުޑަކޮށް "ހައި" ވެދާނެ ކަމުގެ އިންޒާރު ރައީސަށާއި މަސްވެރިކަމާބެހޭ ވަޒީރަށް އޭނާ ދުރާލައި ދިނެވެ.

މުއުތަސިމް ވާހަކަ ފެށީ ވެސް ވަރުގަދަ ސުވާލަކުންނެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ވަނަ ދުވަހު މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކީއްވެތޯ އޭނާ އެހި އެވެ. ނަވާރަސަތޭކަ އަށްޑިހަ އެއް ވަނަ އަހަރުން ފެށިގެން މަސްވެރިންގެ ދުވަސް ފާހަގަކުރަމުން އަންނަ އިރު، މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުނުވާތީ އެވެ. މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރާނެ ވައުދުވާއިރު، އެކަމަށް ކުރިމަގެއް ނުލިބޭތީ އެވެ.

"މިހުރިހާ ކަންބޮޑުވުންތަކެއްގެ ވާހަކަ ދައްކަ ދައްކަ ތިއްބާ، މިއަހަރަށް އައިއިރު، މިއަހަރު ކުރިމަތިވި ގޮންޖެހުންތައް މާބޮޑު،"

އެއާ ވިދިގެން، ހަފްލާގެ އެންމެ ހާއްސަ ނަންބަރު ފުރިހަމަ ކުރައްވަމުން ރައީސް ފާހަގަކުރެއްވި "ފޮންޏަކަށް" ވެސް މުއުތަސިމް ރައްދު ދިނެވެ.

ރޭގެ ޖަލްސާގައި މަސްވެރިންގެ ފަރާތުން މުއުތަސިމް ވާހަކަ ދައްކަނީ. -ފޮޓޯ: ރައީސް އޮފީސް


މުއުތަސިމްގެ ކުރިން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި އަހަރަކީ ސަރުކާރުގެ މަސް ކުންފުނިން ދިވެހި މަސްވެރިންނަށް އެންމެ ގިނަ ފައިސާ ދެވޭ އަހަރަށް ވެގެންދާނެ ކަމަށެވެ.

މިގޮތުން، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 966 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދެވިއްޖެ ކަމަށާއި އަހަރު ނިމިގެން ދާނީ، މިފްކޯއިން ދިވެހި މަސްވެރިންނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދެވިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ އެއް އަހަރުގެ ތެރޭގައި ސަރުކާރުން މަސްވެރިންނަށް އެންމެ ގިނަ ފައިސާ ދޭ އަހަރު،" ފަހުރުވެރިކަމާއެކު ރައީސް ރޭ ވިދާޅުވި އެވެ.

އެކަމަކު މުއުތަސިމް ރޭ ވަނީ އެ ހަގީގަތުގެ އަނެއް ފަރާތް ވެސް ރައްޔިތުންނަށް ހާމަކޮށްދީފަ އެވެ.

"މީގެ ކުރިން މަސްކިރާފަ އެ ދުވަހު ލާރި ނުލިބުނަސް ޖެހިގެން އަންނަ ހަފްތާގަ މަސްވެރިންނަށް ލާރި ލިބޭ. މިހާރު އެބައި ވެސް މިދަނީ މަޑުމަޑުން ފަނޑުވަމުން،"

މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރަން ރައީސް ބޭނުންކުރެއްވި "އަވަސް" މި ލަފުޒު ވެސް މުއުތަސިމަށް ކަމުނުދާ ކަމަށް ބުންޏެވެ. އެ ގޮންޖެހުންތަކާ އެކު މަސްވެރިން އުފުލާ ތަކުލީފު އެނގޭތީ އެވެ. އެކަންކަން ހައްލުކުރަން އިއްޔެ ވެސް މުއުތަސިމަށް މާ ލަސްވެއްޖެ އެވެ.

މަސްވެރިންގެ ހުރި އުދާސްތައް ފުލުފުލުގައި އޭނާ ކިޔައިދެމުންދިޔަ އެވެ. ބަންޑުންކުރަންހުރި ޝުއޫރުތައް ގިނަ ކަމުން ވާހަކަ ތަރުތީބުކުރަން ދަތިވީހެން ވެސް ހީވި އެވެ. އެކަމަކު ހިތްވަރު ކުރި އެވެ. އެހެން ވަޒީފާތަކާ ހިލާފަށް ލޯނާއި ކްރެޑިޓު ސްކީމުތަކުން މަސްވެރިންނަށް ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާ ވެސް އޭނާ އުފުލި އެވެ.

މުއުތަސިމް ދެއްކި ގިނަ ވާހަކަތަކަށް އިޖާބަ ދިނުމުގެ ގޮތުން ރައީސް ބޯޖައްސަލަވައިލި މަންޒަރު ފެނުނެވެ. އެއްބަސްވެވަޑައިގަންނަވާކަމުގެ އިޝާރާތެއް ދެއްވަމުންނެވެ. އަނެއް ބައި ވާހަކަތައް ގަނޑެއްގައި ނޯޓު ކުރައްވަމުން ވެސް ގެންދެވި އެވެ. މަސްވެރިންގެ ކަންބޮޑުވުންތަކުގެ ދިގު ލިސްޓަށް ރޭ އިތުރުވި އާ ޖުމްލަތަކެކެވެ.

މުއުތަސިމް ވެސް ބުނި ގޮތަށް އަންނަ އަހަރުގެ ޑިސެމްބަރު މަހު ވެސް މަސްވެރިންގެ ދުވަސް ފާހަގަކުރާނެ އެވެ. އަނެއްކާވެސް އެއް ކަންބޮޑުވުންތަކެއް ތަކުރާރުކުރާނެ އެވެ. ހައްލުކުރާނެ ކަމުގެ ވައުދާއި އުއްމީދު އާކުރާނެ ކަން ވެސް ޔަގީނެވެ.

ޑިސެމްބަރު 10، 2023 އާ ހަމައަށް މިއީން އެއް ކަމެއް ހައްލުނުވިޔަސް، ހިތަށް އެރި އެއް ކަމެއް އެބައޮތެވެ. ސަރުކާރުން ބާއްވާ މިފަދަ ހުރިހާ ހަފްލާއެއްގައި ޝުއޫރުގެ ނަންބަރެއް ހިމަނަންޖެހޭ ކަމެވެ. އެއިރުން ލައިވްކުރާ ޖަލްސާތަކުގައި ވަގުތުން ވަގުތަށް "އަސްލު މަންޒަރު" ދައްކުވާނެ ކަމުގެ ބިރާ އެކު ތެދަށް ބަރޯސާވުމުގެ ފުރުސަތު ބޮޑުވާނެ އެވެ.