Advertisement

ކުނި އެތެރެކުރުމުގެ ހުއްދަ ލިބޭ ގޮތަށް އޮތް ބިލު ތަސްދީގުނުކުރަން ގޮވާލައިފި

7 ޑިސެންބަރު 2022 - 15:30 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށަކަށް ގިނަ އަދަދެއްގެ ކުނި ޖަމާވެފައި--- ފޮޓޯ: ކެވިންޓިއޯ ބްލޮގްސްޕޮޓް


ކުނި އެތެރެކުރުމުގެ ހުއްދަ ލިބޭ ގޮތަށް އޮތް ބިލު ތަސްދީގުނުކުރަން ގޮވާލައިފި

7 ޑިސެންބަރު 2022 - 15:30 0

އެންވައިރަމެންޓް މިނިސްޓްރީން ހުއްދަ ނަގައިގެން ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތް ހަދައި ކުނި މެނޭޖުކުރުމުގެ ގާނޫނު ފާސްކުރުމުން ތިމާވެއްޓާ ގުޅޭ ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ސޭވް މޯލްޑިވްސް ކެމްޕެއިނުގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނޭހެން 17 ޖަމިއްޔާއަކުން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއީ ސީރިއަސް ގައުމީ މައްސަލަތަކެއް ހިމެނޭ ބިލެއް ނަމަވެސް، ބިލު މަޖިލީހުގައި އޮތް ހަ މަސް ދުވަހުގެ ތެރޭގައި ތިމާވެއްޓާ ގުޅޭ އެއްވެސް ޖަމިއްޔާއެއްގެ ހިޔާލާއި މަޝްވަރާ ހޯދާފައި ނުވާ ކަމަށެވެ.

މި ގާނޫނުގެ ސަބަބުން ކުނި މެނޭޖުކުރުމަށް ރަނގަޅު ނިޒާމެއް ފަހިވެގެން ދިޔަނަމަވެސް، ކޮމިޓީ މަރުހަލާގެ ފަހު ވަގުތުގައި ކުނި އެތެރެ ކުރެވޭ ގޮތަށް ގެނައި އިސްލާހާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅިއިރު އޮތީ ރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުނި އެތެރެނުކުރެވޭ ގޮތަށް ހިމަނާފަ އެވެ. މިއީ ޒީރޯ ވޭސްޓު މޯލްޑިވްސް ޖަމިއްޔާގެ ލަފާގެ މަތިން ބިލުގައި ހިމެނި މާއްދާއެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ސަރުކާރުން މިހާރު ފަށާފައިވާ 'ވޭސްޓު ޓު އެނާޖީ' ޕްރޮގްރާމަކީ ޓެކްނިކަލް ގޮތުން ވެސް އަދި މާލީ ގޮތުން ވެސް ރާއްޖެއަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ މަޝްރޫއެކެވެ.

"މި މައްސަލައިގައި މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާނެ ރާއްޖެއިން ބޭރުގެ އިންސިނެރޭޓަރު އޮޕަރޭޓަކޮށް ރާއްޖެއަށް ކުނި އެތެރެކުރުމަށް ލޫޕްހޯލްތަކެއް ލިބިދާނެ ކަމަށް،" ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންނަމަވެސް، އެކަން އެގޮތަށް ނުހިނގާނެ ކަމުގެ ޔަގީންކަން އެންވައިރަމެންޓް މިނިސްޓްރީން ދީފައިވަނިކޮށް، އެ މަޝްރޫއަށް ބޭނުން ޖެހިދާނެ ކަމަށް ބަލައި ކުނި އެތެރެކުރުމުގެ ހުއްދަ ދިނުމަކީ އެކަން އެގޮތަށް ވާނެ ކަމުގެ ޔަގީން ކަން މިނިސްޓްރީއަށް ވެސް ނެތުން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ކަންބޮޑުވުން ފާޅުކޮށް ޖަމިއްޔާތަކުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތިން ކަމަކަށް ގޮވާލާފަ އެވެ. އެއީ:

  • ކުނި މެނޭޖުކުރުމުގެ ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލުން
  • ޖަމިއްުޔާތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ފުޅާ ދާއިރާއެއްގައި އާންމުންގެ މެދުގައި މަޝްވަރާކޮށް ހައްލެއް ހޯދުމަށް
  • ބޭރުގެ ކޮންޓްރެކްޓަރުންނާއި ކުންފުނިތަކުން ކުނި އުކާލަން ގެންގުޅޭ ތަނަކަށް ރާއްޖެ ނުހެދުމަށް ހަދަން ޖެހޭ ހުރިހާ ގަވައިދެއް ހެދުމަށް

ދިވެހި ޖަމިއްޔާތަކުގެ އިތުރުން ބައިނަލްއަގްވާމީ ބައެއް ޖަމިއްޔާތަކުން ވެސް ވަނީ މަޖިލީހުގެ މި ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކުނި އެތެރެކުރުމުގެ ހުއްދަ ދޭން ނިންމީ ދުނިޔޭގައި ގިނަ ގައުމުތަކަށް ކުންޏަކީ މިހާރު ވެސް ބޭނުންތެރި އެއްޗަކަށް ވެފައި، އޭގެއިން ހަކަތަ އުފެއްދޭނެކަން ވެސް ސާބިތުވާތީ އެވެ.

އަދި، ރާއްޖެއިން ވެސް އެކަމަށް ޕްލޭންތަކެއް ގެންގުޅޭއިރު، ރާއްޖެއިން އެފަދަ ބޭނުމަކަށް ބޭނުންވާ ކުނި ލިބުން ދަތިވެއްޖެ ހާލަތެއްގައި އެ ހުއްދަ އޮތުމަކީ މުހިންމު ކަމެއް ކަމަށް ކޮމިޓީން ދެކޭ ކަމަށް ބުނެފައިވެ އެވެ.

މި ބިލަށް އަމަލު ކުރަން ފަށާނީ ބިލު ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމުންނެވެ. އަދި، ކުނި އެތެރެކުރަން ހުއްދަ ކުރުމުގެ ގަވައިދު އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ހަދައި އާންމު ކުރަން ޖެހޭނެ އެވެ.