Advertisement

ޒުވާނުން މަސްވެރިކަމާ ދުރަށް: ބިދޭސީން ނެތި މަސްދޯންޏަށް ނުފުރޭ!

8 ޑިސެންބަރު 2022 - 10:01 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ދިވެހި މަސްވެރިންތަކެއް އައިނެއްގެ ތެރޭގައި މަސް ބާނަނީ: މަސްވެރިންގެ ނުއުފެދުމާއި ތައުލީމީ ދާއިރާއާ ގުޅުމެއްވާ ކަމަށް ތަޖުރިބާކާރުން ދެކޭ -- ފޮޓޯ: މިފްކޯ


ޒުވާނުން މަސްވެރިކަމާ ދުރަށް: ބިދޭސީން ނެތި މަސްދޯންޏަށް ނުފުރޭ!

8 ޑިސެންބަރު 2022 - 10:01 2

ކަނޑު މަހަކީ މި ޖަޒީރާ ރަށްތަކާއި އެ ރަށްތައް އާބާދުކޮށްފައިވާ ދަރިފަސްކޮޅާ ދުވަހަކު ވެސް ވަކި ކުރެވޭނެ އެއްޗެއް ނޫނެވެ. މަހަކީ ހަމައެކަނި ދިވެހިންގެ ކާނާއެއް ނޫނެވެ. ދިވެހިންނަށް، މަހަކީ ހަމައެކަނި ވިޔަފާރި އާއި އާމްދަނީއެއް ވެސް ނޫނެވެ. އެއީ ވައްޓަފަޅާއި ދިރިއުޅުމެވެ. އަދި އެއްގޮތަށް ވުރެ ގިނަ ގޮތުން މަހަކީ، ދިރިހުރުމެވެ.

ނަމަވެސް އަދުގެ ހަގީގަތް މާދަމާގެ ދަރިންނަށް ހުވަފެނަކަށްވުން ގާތެވެ. ފާއިތުވި 40 އަހަރު ތެރޭގައި ރާއްޖެއާ އެކު މަސްވެރިކަމުގެ ސިނާއަތް ވެސް ތަރައްގީވެ، ރިޔަލު ދޯނީގައި އިންޖީނު އަޅައި، ދުރަށް ދުށްވައި، ގިނައިން މަސް ބާނައި، އޮޑިފަހަރު އިތުރުވި ނަމަވެސް، އެ މަސައްކަތް ކުރާ ދިވެހިންގެ އަދަދު ދިޔައީ ދަށަށެވެ. އަދި އެ އަދަދު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް، ދަށްވަމުންނެވެ.

"މިހާރު ދޯންޏަށް އަރާނެ ދިވެހިންނެއް ނުވޭ. އެރިޔަސް އުޅެނީ މަދު ދުވަސްކޮޅު. ބިދޭސީއަކު ނެތި މިހާރު ގިނަ ދޯނިތަކަކަށް މަހަކަށް ނުފުރޭނެ. ކުރިން ދޯންޏަށް އެރި ޒުވާނުން ވެސް މިހާރު އުޅެނީ އެހެން ވަޒީފާތަކުގައި. މިކަން ކުރާނެ މީހަކު ނުވޭ،" މި ނޫހާ ވާހަކަ ދައްކަވަމުން ފުވައްމުލަކު ފިޝަމޭން ކޯޕަރޭޓިވްގެ ވައިސް ޗެއާމަން އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

އދ. ގެ އޮފީހެއް ކަމަށްވާ ޔުނެސްކޯއިން 1984 ވަނަ އަހަރު ޝާއިއު ކުރި ދިވެހިރާއްޖޭގެ ޒުވާނުންނާ ބެހޭ ސިޔާސަތުގައި ބުނެފައިވާ ގޮތުން، އެއިރު ދިވެހިރާއްޖޭގެ މަސައްކަތްތެރީންގެ އާބާދީގެ 44 ޕަސެންޓަކީ މަސްވެރިން ނުވަތަ މަސްވެރިކަމާ ގުޅޭ މަސައްކަތް ކުރާ މީހުންނެވެ. އަދަދުން ބަލާ ނަމަ އެއީ 29،000 މީހުންނެވެ.

އެކަމަކު މިހާރު މަސްވެރިންނަކީ ރާއްޖޭގެ މަސައްކަތްތެރީންގެ ތެރެއިން އެންމެ އަށް ޕަސެންޓު މީހުންނެވެ. އަދަދުން ބަލާ ނަމަ އެއީ 17،000 މީހުންނެވެ. ނަމަވެސް އަދިވެސް ދިވެހިންގެ މައިގަނޑު އެކްސްޕޯޓަކީ މަހެވެ. މި އިންޑަސްޓްރީގައި ފަައިސާ އެބަ އެނބުރެ އެވެ. ނަމަވެސް ނުވަނީ މަސައްކަތް ކުރާނެ ދިވެހިންނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟

1984 ގެ މަސްވެރިކަމާއި ސިނާއަތުގެ އާބާދީ ދަށްވުން

ޔުނެސްކޯގެ ރިޕޯޓުން އެނގޭ ގޮތުގައި އެއިރު ވެސް މަސްވެރިކަމަށްވުރެ ކުރީގައި އުޅެނީ އަލަށް ކުރިއަރައިގެން އުޅުނު ޓުއަރިޒަމެވެ. ދެން އެންމެ ފާހަގަކޮށްލެވެނީ ޝިޕިން އިންޑަސްޓްރީ އާއި މެނުފެކްޗަރިންނެވެ. އެއިރު ދިވެހިން އުފައްދާ ތަކެތީގެ ތެރޭގައި ހިމެނެނީ އޮޑިފަހަރު ބަނުމާއި އަތްތެރިކަމުގެ މަސައްކަތާއި މުރަކައިން ގެދޮރު ބިނާކުރާ ސާމާނު ހެދުމެވެ. ދަޅު މަސް ބޭރުކުރުން އެއިރު ހަމަ ފަށައިގަތީ އެވެ.

އެކަމަކު ކުރިން ރާއްޖޭގައި ނެތް ކިތަންމެ އިންޑަސްޓްރީއެއް މިއަދު ފުޅާވެ، ބޮޑުވެއްޖެ އެވެ. ކޮންސްޓްރަކްޝަނާއި ސާާވިސް އާއި ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި ޑިފެންސާއި ފުޑް އެންޑް އެކޮމަޑޭޝަން ފަދަ ކިތަންމެ ސިނާއަތެއް އުފެދިއްޖެ އެވެ. އެ ހުރިހާ ސިނާއަތެއްގައި ވެސް މަސްވެރިކަމުގައި އުޅޭވަރަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވެ އެވެ.

ސިނާއަތުގައި މަސައްކަތް ކުރާ މަސްވެރިން މަދުވި ނަމަވެސް މަސްވެރިކަމުން ލިބޭ ނަފާ ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ދިވެހި މަސްވެރިން 1984 ވަނަ އަހަރު 55،000 މެޓްރިކް ޓަނުގެ މަސް ބޭނި އެވެ. ނަމަވެސް ޔުނެސްކޯގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެއިރު މަސްވެރިންނަށް ލިބެނީ "ވަރަށް މަދު" ފައިސާއެކެވެ. އެހެންވެ، މަސްވެރިކަން ކުރުމަށްފަހު ވެސް ބަނޑުފުރުމަށް ދަނޑުހެއްދުން ފަދަ މަސައްކަތް ކުރަންޖެހެ އެވެ.

އެއާ ހިލާފަށް މިދިޔަ އަހަރު އެކަނި ވެސް 88،313 މެޓްރިކު ޓަނުގެ މަސް މަސްވެރިން ވިއްކި އެވެެ. އެއީ ކަންނެއްޔާއި އެހެން ބާވަތްތަކުގެ މަސް އުނިކޮށް، ހަމައެކަނި ކަޅުބިލަމަސް (ކިލޯއެއް 17ރ. އަށް) ކަމުގައި ބެލި ނަމަވެސް، ފައިސާއަށް ބަދަލު ކުރާ ނަމަ އެއީ 1.5 ބިލިއަން ރުފިޔާ އެވެ.

"މިހެން ހުރެފަ ސީދާ އަދަދެއް ބުނާކަށް ނޭނގޭ. އެކަމަކު މަސްވެރިއަކަށް ގާތްގަނޑަކަށް އަހަރަކަށް 500،000ރ. ލިބޭނެ. އެއީ މަހަކަށް ބަލާ ނަމަ 40،000ރ. އެއް ނޫންތޯ؟ މި އިންޑަސްޓްރީގައި ފައިސާ އެނބުރޭ. އެކަމަކު އަޅުގަނޑަށް ވަރަށް ރީއްޗަށް އެބަ ފެނޭ ބިދޭސީންގެ މި އިންޑަސްޓްރީއަށް އަތްގަދަވާ މަންޒަރު،" މި ރިޕޯޓަށް ކުރިން ވާހަކަ ދެއްކި އަހުމަދު އަބްދުﷲ އޮޑިވެރިއެއްގެ ހައިސިއްޔަތުން ވިދާޅުވި އެވެ.

ކުރިން މަސްވެރިކަމަށް ވަން ޒުވާނުން މިހާރު ނިކުންނަކީ ރަށުގައި އުފެދޭ އެހެން ވަޒީފާތަކަށެވެ. ރީޖަނަލް އެއާޕޯޓްސް އާއި ފެނަކަ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ސްޓެލްކޯއަކީ އެގޮތަށް މަސްވެރިން ބަދަލުވާ ބައެއް ކުންފުނިތަކެވެ. އެ ވަޒީފާތަކަށް ދަނީ ލިބޭ އާމްދަނީ މަަދުވި ނަމަވެސް ވަރިހަމަކަމަށެވެ. ނުވަތަ މަސްވެރިކަމުން ލިބެން އޮތް ބޮޑު އާމްދަނީ ނުލިބުނަސް މައްސަލައެއް ނެތް ގޮތަށެވެ. އެކަމަކު މަސްވެރިކަމުގެ ބިޔަ ބޮޑު އިންޑަސްޓްރީ ދެމެހެއްޓުމަށް، ދިވެހި މީހާ ދޫކޮށް ދިޔަ ވަޒީފާއަށް އަންނަނީ ބިދޭސީންނެވެ.

ބިދޭސީން ގަވާއިދަކަށް ފައްތަން މަޖުބޫރުވުން

ސަރުކާރުތަކުން އަބަދުވެސް އާންމު މީހާއަށް ބުނެދެނީ މަސްވެރިކަމަކީ "ދިވެހިންގެ ލޭނާރު" ކަމަށެވެ. އެހެންވެ، އެ އިންޑަސްޓްރީގެ ކޮންޓްރޯލް ދިވެހިންގެ އަތްމަތިން ނުދިޔުމަށް އޮތީ ޒަމާނުއްސުރެ ފިޔަވަޅުތަކެއް އަޅައިފަ އެވެ. މަސް ދޯނިތަކުގައި ބިދޭސީންނަށް ނޫޅެވޭ ގޮތަށް ލިޔެފައި އޮތުމަކީ އޭގެ ތެރެއިން އެއް ކަމެވެ.

ލިޔެފައި އޮތް ނަމަވެސް އަބަދުވެސް ދިވެހި މަސްދޯނިތަކުގައި ބިދޭސީން މަސައްކަތް ކުރެ އެވެ. އެކަމަށް ސަރުކާރުން ދީފައި އޮތީ ބީރު ކަންފަތެކެވެ. ސަބަބަކީ ބިދޭސީންނާ ނުލައި ހަމަ ހަގީގަތުގައި ވެސް މަހަށް ފުރޭވަރަށް އޮޑިވެރިންނަށް މީހުން ހަމަނުވުމާއި ސަރުކާރަށް ވެސް ނަފާ އޮތީ އޮޑިތައް ފުރައި، މަސް ބާނައިގެން ކަމަށްވާތީ އެވެ.

މަސްދޯނިތަކުގައި ބިދޭސީން މަސައްކަތް ކުރުން ގަވާއިދެއްގެ ފައްތަން މި ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން މަސްދޯނިތަކުގައި ބިދޭސީންނަށް އުޅެނެވޭނެ އަދަދުތަކުގެ މިންގަނޑެއް މި އަހަރު އެކުލަވާލައި ގަވާއިދެއްގައި ހިމެނި އެވެ. އޭގެ ފަހުން ނިމިދިޔަަ ނޮވެމްބަރު މަހު ދޯނިތަކުގައި އުޅެވޭނެ ބިދޭސީންގެ އަދަދު އިތުރު ވެސް ކުރި އެވެ.

މި ދާއިރާގެ ތަޖުރިބާކާރުން ބުނަނީ، ބިދޭސީ މަސްވެރިން ގަވާއިދަކަށް ފައްތަންޖެހުނު މައިގަނޑު ސަބަބަކީ ބޭރުގެ ބާޒާރަށް މަސް ވިއްކުމަށް ހޯދަންޖެހޭ ސެޓްފިކެޓުތަކުގައި މައްސަލަ ނުޖެހޭނެ ގޮތެއް ހެދުމަށެވެ. މަނާކޮށްފައި އޮއްވައި ބިދޭސީން މަސްވެރިކަމުގައި ގެންގުޅުމަކީ ގާނޫނާ ހިލާފް ގޮތަކަށް މަސްވެރިކަން ކުރުމެވެ. އަދި ގަވާއިދަށް ނުފެތޭ ނަމަ މަސްވެރިކަމުގައި އުޅޭ ބިދޭސީ މީހާއަށް ލިބެންޖެހޭ ހައްގުތަކާއި ހަމަހަމަކަން ކަށަވަރެއް ނުކުރެވެ އެވެ. އެހެންކަމުން ގަވާއިދެއްގެ ތެރެއަށް މަސްވެރި ބިދޭސީ މީހާ ވައްދަން މަޖުބޫރުވި އެވެ.

"މި ހުރިހާ ޒަމާނެއްގައި ބިދޭސީން މަސްވެރިކަމުގައި އުޅެވޭ ގޮތަކަށް ނޫން އޮތީ. މި ސަރުކާރުން އެ ގަވާއިދެއްގެ ތެރެއަށް ފެއްތީ. މަސްވެރިންގެ ވެސް ވަރަށް ބޮޑު އެދުމެއް އެއީ. ބިދޭސީންގެ ކޯޓާ އިތުރު ކުރީ ވެސް މަސްވެރިން އެދޭތީ. ކުރިން ހުއްދަ ދިނީ ދެ ބިދޭސީއަކަށް. އެކަމަކު މިހާރު އަށް ބިދޭސީންނަށް އުޅޭވެނެ ކަމަށް މި ނިންމީ،" ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރު ނަސްރުﷲ ހުސެއިން ވިދާޅުވި އެވެ.

މަސްވެރިކަމަށް ޒުވާނުންގެ ޝައުގު ނުއުފެއްދުނީ ކީއްވެ؟

މަތީގައިވާ ސުވާލުގެ ޖަވާބު ނޭނގިގެން ދިވެހި އޮޑިވެރިން ތިބެނީ މާޔޫސްވެފަ އެވެ. މި ސަރުކާރުން 2019 ވަނަ އަހަރު މަސްވެރިންނާ އެކު ބޭއްވި "މަސް ފޯރަމް" ގައި ބިދޭސީންގެ މައްސަލައިގައި ކޮންމެވެސް ވަރަކަށް ވާހަކަ ދެއްކި އެވެ. އެ ފޯރަމުގައި ބައެއް މަސްވެރިން ވަނީ ޒުވާނުން ސިނާއަތަށް ނުނިކުންނަ މައްސަލައިގައި އެމީހުންގެ ހިޔާލު ސަރުކާރާ ހިއްސާކޮށްފަ އެވެ.

އެ ސުވާލަށް އެކި މީހުންގެ ޖަވާބު ތަފާތެވެ. ބައެއް މީހުން ބުނަނީ މަސްވެރިކަމަށްވުރެ ލުއި ފަސޭހަ އެހެން ވަޒީފާ ޒުވާނުން ބޭނުން ވަނީ ކަމަށެވެ. މަސްވެރިކަމުން ލިބޭ ނަފާ ޒުވާނުންނަށް ރަނގަޅަށް ނޭނގެނީ ކަމަށް ވެސް ބައެއް މީހުން ދެކެ އެވެ. އަދި މަސްތުވާތަކެއްޗަކީ ވެސް ޒުވާނުން މަސްވެރިކަމާ ދުރުކުރާ ކަމެއްގެ ގޮތުގައި ގިނަ މީހުން ގަބޫލު ކުރެ އެވެ.

"ބައެއް މީހުން ބުނީ ބުރަ މަސައްކަތުގައި އުޅުމަށް ޒުވާނުން ބޭނުންނުވާ ކަމަށް. އަދި އެކަން އެހެން އޮތް އިރު ބިދޭސީ މަސައްކަތްތެރިޔާ މަސައްކަތަށް މާ ރަނގަޅު ކަމަށް ވެސް މަސްވެރިން ބުނޭ. ބައެއް ފަހަރު މަސްދޯނީގެ އިސް މަގާމެއް، ބައެއް ފަހަރު ސީދާ ކެޔޮޅުގެ ދަށުން ވެސް ބިދޭސީން މަސައްކަތް ކުރާ ކަމަށް ފޯރަމްގެ ބައިވެރިން ފާހަގަ ކުރި،" މަސް ފޯރަމް ރިޕޯޓުގައި ބުނެފައިވެ އެވެ.

ފިޝަރީޒް ސައިންސް މާއްދާއަކީ ދިވެހި ކުޑަކުދިން އަދި ޒުވާނުން މަސްވެރިކަމަށް ޝައުގުވެރި ކުރުވުމުގެ ބޭނުމުގައި ދިވެހިރާއްޖޭގެ ކަރިކިއުލަމަށް ސަރުކާރުން 1981 ވަނަ އަހަރު ތައާރަފް ކުރި މާއްދާއެކެވެ. ފިޝަރީޒް ސައިންސް ތައާރަފް ކުރިތާ ހަ އަހަރުގެ ތެރޭގައި އެ މާއްދާއިން އޯލެވެލް އިމްތިހާނު ހަދަން ފެށި އެވެ. ނަމަވެސް ކިޔަވައިދޭތާ 35 އަހަރުވީއިރު ވެސް މާއްދާ ތައާރަފް ކުރުމުގެ މަގްސަދު ހާސިލްނުވާ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

"ވެއެތިވެދިޔަ 35 އަހަރު، ފިޝަރީޒް ސައިންސް ކިޔަވައިދެވުނަސް، ފާހަގަ ކުރެވޭ ކަމަކީ، މިދާއިރާއަށް ދަރިވަރުން ޝައުގުވެރި ނުވާކަން. މާއްދާ ތައާރަފު ކުރި މަގްސަދު ހާސިލްނުވިކަން،" ރާއްޖޭގެ ތައުލީމާ ގުޅޭ ގޮތުން "އެޑިއުކޭޝަން އިން ދަ މޯލްޑިވްސް: 1900-2015" ފޮތް ލިޔުއްވި ޑރ. ހަސަން ހަމީދު މި ނޫހާ ވާހަކަ ދައްކަވަމުން ޓެކްސްޓް މެސެޖަކުން ވިދާޅުވި އެވެ.

ފިޝަރީޒް ސައިންސް މާއްދާގެ ތައާރަފް ކުރި މަގްސަދު ހާސިލްނުވުމުގައި މައިގަނޑު ސަބަބެއް ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ. އަދި މާއްދާ ތައާރަފް ކުރިއިރު، ކިޔަވައިދިން ގޮތާއި ފަހުން ކިޔަވައިދިން ގޮތް ބަދަލުވުން އެކަމުގައި ބޮޑު ރޯލެއް އަދާ ކުރާ ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ.

"މި މަައްސަލައާ މެދު، މުފައްކިރުންގެ ބަހަކީ، މި މާއްދާގެ މުގައްރަރު ވަނީ އަހަރަކަށް ފަހު އަހަރެއް ފިކުރީވަމުން ގޮސް، މިހާރު ތިއޮރެޓިކަލް މާއްދާއަކަށް ވެފަ [ކަމަށް]. މާއްދާ ތައާރަފުކުރި އިރު، އަތުންފައިން މަސައްކަތްކުރުމުގެ މާތްކަމާއި ގަދަރަކީ މާއްދާގެ އެއް މަގްސަދުގެ ގޮތުގައި ލިޔެފައިވޭ. ނަމަވެސް، މިހާރު.... އާދެ! ލާންޖެހެނީ ހިތާމައިގެ ފުން ނޭވާއެއް،" ޑރ. ހަސަން އޭނާގެ ހިޔާލު ހިއްސާ ކުރައްވަމުން ވިދާޅުވި އެވެ.

ޒުވާނުން މަސްވެރިކަމަށް ވައްދާނީ ކިހިނެއް؟ އެކަން ކުރަންޖެހޭތަ؟

ކުރިން ބުނި، 2019 ވަނަ އަހަރު ބޭއްވި މަސް ފޯރަމުގައި، މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުން މަދުވުމާއި އޭގެ ސަބަބުން ބިދޭސީން އެ ސިނާއަތުގައި ގިނަވުމާއި ދެންޖެހޭ މައްސަލަތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދެއްކި އެވެ. ސަރުކާރުން ވެސް އެކަމަށް ކޮންމެވެސް ވަރަކަށް ވާހަކަ ދައްކައި، ސަރުކާރުގެ އޮތް ކަންބޮޑުވުން ފޯރަމުގައި ހިއްސާ ކުރި އެވެ.

"ބިދޭސީ ލޭބަރުން ގިނަވުމަކީ މަސްވެރިކަމުގެ ސިނާއަތަށް އެކަނި ދިމާވެފައިވާ މައްސަލައެއް ނޫން. މިއަދު މިއީ ގައުމީ ފެންވަރެއްގައި އޮތް މައްސަލައެއް އަދި ކަންބޮޑުވުމެއް. މަސްވެރިކަމުގައި ބިދޭސީން ގިނަވުމުން ދިވެހިން ޒަމާނުން ވެސް ކުރަމުން އައި މަސްވެރިކަން ނެތިގޮސްދާނެކަމުގެ ބިރު އެބަ އޮތް،" ބިދޭސީންގެ މައްސަލަ ހުލާސާކޮށްދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ އެސިސްޓެންޓް ޑައިރެކްޓަރު އަހުމަދު ޝިފާޒް މަސްވެރިންގެ ފޯރަމް ރިޕޯޓުގައި ލިޔުއްވާފައިވެ އެވެ.

އެހެންކަމުން މަސްވެރިކަމަށް ޒުވާނުން ނެރެންޖެހޭ ކަމަށް ސަރުކާރުން ދެކެ އެވެ. އެކަމަކު އެކަން ކުރާނެ ގޮތެއްގެ ދިރާސާއެއް ހެދިފައެއް ނެތެވެ. ނަމަވެސް އެ މަސައްކަތުގައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ތައުލީމީ ދާއިރާ ރަނގަޅު ކުރުން ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

"ހުރިހާ ޒުވާނުންނަކީ، ކޮންމެވެސް އިރެއްގައި ކުޑަކުދީންނަށް ވީތީ، ކުޑަކުދީންގެ ތަރުބިއްޔަތާ މެދު ވާހަކަ ނުދައްކައި، ޒުވާނުން މަސްވެރިކަމާ ކުރިމަތިނުލާ ސަބަބެއް ނުހޯދޭނެ. ތަރުބިއްޔަތުގެ އެންމެ މުހިންމު އެއް މަރުކަޒަކީ މަދަރުސާ. އަޅުގަނޑުގެ ހިތަށް ބައެއް ފަހަރު އަރާ ވަސްވާހަކީ، މަދަރުސާތަކުން ދަސްކޮށްދޭ އެއްކަމަކީ، އަތުންފައިން މަސައްކަތްކުރުމަށް ދަރިވަރުން ބީރައްޓެހިކުރުމޭ،" ކުރިން މި ލިޔުމަށް ވާހަކަ ދެއްކެވި ޑރ. ހަސަން ހަމީދު އޭނާގެ ހިޔާލު އަދި ކަންބޮޑުވުން ހިއްސާ ކުރެއްވި އެވެ.

މަދަރުސާތައް އިސްލާހުކޮށް، މަސައްކަތްތެރި ޒުވާނުންތަކެއް އުފެއްދޭނީ މުޅި ނިޒާމް އިސްލާހުކޮށްގެން ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. ނަމަވެސް އެ މަސައްކަތް ކުރުމަށް ސިޔާސީ މީހުންގެ ނިޔަތް އޮތް ކަމާމެދު އިލްމީ ފަރާތްތަކުން އަދި ތަޖުރިބާކާރުން ސުވާލު އުފައްދަ އެވެ.

"އިންޖީނުތައް މާ ގިނަ ދުވަހު ދުވެ، ބައެއް ތަންތަނުގައި ގެދަބުޅި ހިފުމުން، ކުރަންޖެހޭ ކަމަކީ އިންޖީނު އޯވާހޯލް ކުރުން. އާދެ، މުޅީން ރޫޅާލައި، ބައިތައް ސާފުކޮށް އަލުން ރޭވުން. މަދަރުސާގެ ނިޒާމު ވެސް ވަނީ އޯވާހޯލްކުރަން ޖެހިފަ. މިކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ސިޔާސީން. ސްކޫލްތަކުގައި ސައިންސް ލެބޯރަޓަރީ އެއް ނެތް އިރު، ބިނާކުރަން ބޭނުންވަނީ މަލްޓިޕާޕަސް ހޯލް. އެފަދަ ހޯލަކަށް ވައްދާނޭ 500 ކުދީން ސްކޫލްގައި ނެތަސް ހެޔޮ،" ޑރ. ހަސަން ހަމީދު ވިދާޅުވި އެވެ.

އެކަމަކު މަސްވެރިކަމުގައި މަސައްކަތް ކުރާ ޒުވާނުން އިތުރުނުވަމަކީ މަސްވެރިކަމުގެ ހުރިހާ މާހިރުންނަށް އޮތް ކަންބޮޑުވުމެއް ނޫނެވެ. ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި ރާއްޖެ ފަދަ އާބާދީ ކުޑަ ތަރައްގީވަމުން އަންނަ ގައުމަކަށް އަބަދުވެސް މަސައްކަތްތެރީން އިމްޕޯޓް ކުރަންޖެހޭނެ އެވެ. އެ ހިޔާލު ގެންގުޅޭ ތަޖުރިބާކާރުން ދެކޭ ގޮތުގައި މައްސަލައަކަށް ވާނީ ދިވެހިން ވަޒީފާ ބޭނުންވެފައި އެ ވަޒީފާއެއްގައި ބިދޭސީއަކު ހުރުމެވެ.

"މިސާލަކަށް ޖަޕާނަށް ބަލާ ނަމަވެސް އެއީ މަސްވެރި ގައުމެއް. އެކަމަކު އެތަނުގެ މަސްވެރި އާބާދީއަކީ ތަންކޮޅެއް ދުވަސްވީ އާބާަދީއެއް. އެއީ ޒުވާނުން އުޅޭކަށް ބޭނުމެއް ނުވޭ އެހާ ބުރަ މަސައްކަތްތަކުގައެއް. ބައިވަރު އެހެން ވަޒީފާތައް ރަށްރަށުގައި އެބަ އުފެދޭ. އަޅުގަނޑުގެ އަމިއްލަ ހިޔާލަކީ ދިވެހިރާއްޖެއަށް އަބަދުވެސް ވޯކްފޯސް އިމްޕޯޓް ކުރަންޖެހޭނެއޭ، މައްސަލައަކަށްވާނީ ދިވެހިން ބޭނުންވާ ވަޒީފައެއްގައި ބިދޭސީއަކު ހުރުމުން،" ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އާދަމް ޒިޔާދް އޭނާ ގަބޫލު ކުރައްވާ ގޮތް ހިއްސާ ކުރައްވަމުން, ވިދާޅުވި އެވެ.

މަސްވެރިކަމުން ސާދާ ދިރިއުޅުމެއް

ގއ. ގެމަނަފުއްޓަކީ ޒުވާނުން މަސްވެރިކަމަށް ގިނައިން ނިކުންނަ ރަށެވެ. އެމީހުންގެ ތެރެއިން އެކަކީ އަބްދުލްމުއްތަލިބު، 33، އެވެ. ކުރިން ރިސޯޓެއްގެ ވަޒީފާގައި އުޅެފައި މަސްވެރިކަމަށް މީގެ 12 އަހަރު ކުރިން ބަދަލުވި މުއްތަލިބު މަސްވެރިއަކަށް އުޅެމުން އޭނާގެ އާއިލާއަށް ތަނަވަސް ދިރިއުޅުމެއް ދައްކުވައިދީފި އެވެ.

މިހާރު ދެ ދަރިން ހުންނަ މުއްތަލިބުގެ އަނބިމީހާއަކީ ރަށު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހެކެވެ. އަނބިމީހާ ކިޔެވީ ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ނަމަވެސް މާލޭގައި ހުރުމަށް ބޮޑު ހަރަދެއް ދިޔަ އެވެ. ކޯސް ނިމެންދެން މަހަކު 10،000ރ. މުއްތަލިބު ހަރަދު ކުރި އެވެ. އެ ހަރަދު ކުރުމަށްފަހު ވެސް ހިތްހަމަޖެހިގެން އުޅެވޭވަރަށް އޭނާއަށް ފައިސާ ލިބުނެވެ. މިހާރު ކުރާ މަސައްކަތަކީ އޭނާއަށް ލިބިފައި އޮތް 2000 އަކަފޫޓުގެ ގެވަޅުގައި ގޯއްޗެއް އެޅުމެވެ.

"މަސްވެރިކަމުން އަޅުގަނޑުމެން މި ހުރިހާ ކަމެއް ވެސް ކުރަނީ. ވަރަށް ހިތްހަމަޖެހޭ މި މަސައްކަތާމެދު. އަޅުގަނޑަށް ކުރެވުނު ވަރަށް ރަނގަޅު ކަމެއް މަސްވެރިކަމަށް ވަނުމަކީ. އަދި މިހާރު ދޯނިތައް ވެސް ހުންނަނީ ވަރަށް ރަނގަޅު ފެންވަރެއްގައި. ގޭގައި އުޅޭވަރަށްވުރެ އަރާމުގަ ކަނޑުމަތީގައި އުޅެނީ،" ރަށުގައި ހުރެ ފޯނުން ވާހަކަ ދައްކަމުން މުއްތަލިބު ކިޔައިދިނެވެ.

މުއްތަލިބު ދެކޭ ގޮތުގައި މަސްވެރިކަމުގައި އުޅޭ ޒުވާނުން އިތުރުވާންޖެހެ އެވެ. އޭނާއަށް ގަބޫލު ކުރެވެނީ މަސްވެރިކަމުގެ ނަފާ، ދަށް މުސާރައެއްގެ ވަޒީފާއަށްދާ ޒުވާނާއަށް ނޭނގެނީ ކަމަށެވެ. އެހެން ނޫން ނަމަ، މަސްވެރިކަމަކީ ޒުވާނުން ނުކޮށް ދޫކޮށްލާވަރުގެ މަސައްކަތެއްކަން އޭނާއަށް ގަބޫލެއް ނުކުރެވެ އެވެ. ފައިސާ ނެތިގެން ޒުވާނުން އުޅުމާއި ދަރަނީގެ އެކި މައްސަލަތައް މުޖްތަމައުގައި ގިނަވެފައިވާއިރު، މަސްވެރިކަމަށް ޒުވާނުން ނިކުތުމަކީ މުއްތަލިބު ދެކެން ބޭނުންވާ ދުވަހެކެވެ.

މަސްވެރިކަމުގެ ކޮންޓްރޯލް ބިދޭސީންގެ އަތްމައްޗަށް ދިޔުމަކީ އެއްވެސް ދިވެއްސަކު ބޭނުންވާނެ ކަމެއް ނޫނެވެ. އެއިރުން މަސްވެރިކަމުގައި ދިވެހިން ގެންގުޅޭ އާދަކާދަ ވެސް ގެއްލިދާނެ އެވެ. އެއިރުން، މަސްވެރިކަމަކީ ދިވެހިންގެ ލޭނާރަށްވީ ދުވަސް މާޒީވެ ހިނގައިދާނެ އެވެ. އެހެންނުވުމަށް މަސައްކަތް ކުރަން އެންމެ ރަނގަޅު ދުވަހަކީ އިއްޔެ އެވެ. ނަމަވެސް, ދެން ވެސް ގައުމީ ފެންވަރެއްގައި ޒުވާން މަސްވެރިން އުފައްދަން މަސައްކަތް ފަށަންވީ އެވެ.