Advertisement

ބޯޅަ ބެއްލެވުމާއި ދައުލަތުގެ ހަރަދު ކުޑަކުރުން

7 ޑިސެންބަރު 2022 - 10:07 2

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރައީސް ސޯލިހު ވޮލީ ބޯޅައެއް އިނގިލީގައި އަނބުރުއްވަނީ: ސަރުކާރުން ބުނީ އެމަނިކުފާނު ގަތަރަށް ވަޑައިގެންނެވީ ހަމައެކަނި ބޯޅަ ބެއްލެވުމަށް ނޫން ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ބޯޅަ ބެއްލެވުމާއި ދައުލަތުގެ ހަރަދު ކުޑަކުރުން

7 ޑިސެންބަރު 2022 - 10:07 2

"ރައީސްގެ މުނިފޫހިފިލުވުމަށް ޓެކްސް ދައްކަންޖެހޭތީ."

ވާލްޑް ކަޕްގެ މެޗެއް ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަތަރަށް ވަޑައިގަންނަވާކަން ސަރުކާރުން ބުނި ހަބަރު ކުރީގެ ބަންޑަރަ ނައިބު އާޒިމާ ޝަކޫރު ސިފަކުރެއްވީ މިހެނެވެ.

ގިނަ ބަޔަކާއެކު އާޒިމާގެ ޝަކުވާއަކީ ވެސް ރައީސް ގަތަރަށް ދަތުރުކުރެއްވި ދަނޑިވަޅެވެ. އަންނަ އަހަރުން ފެށިގެން ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަނީ އެވެ. ދައުލަތުގެ މާލިއްޔަތު ދެކޮޅު ނުޖެއްސިގެން ކަމީ ސަރުކާރުން ދައްކާ ބަހަނާ އެވެ.

"ކަންބޮޑުވެގެން މި އުޅެނީ ދައުލަތުގެ ހަރަދުތަކާއި ދަތުރުތަކާ ކުޑަ ނުކުރައްވައި، އެންމެ އާދައިގެ މީހާ ދައްކާ ޓެކްސް ވެސް ބޮޑުކޮށްގެން ވެސް މިކަހަލަ ކަންކަން ކުރުން ހުއްޓާނުލާތީ،" އާޒިމާ ވިދާޅުވި އެވެ.

ސިޔާސީ ބޭފުޅުންގެ ނަޒަރިއްޔާ އިން ބަލާއިރު، ސަރުކާރުން ކުރާ މިފަދަ ކޮންމެ ކަމަކަށް، ދަނޑިވަޅުގެ ގޮތުން އާންމުންގެ ޝުއޫރުތައް އިތުރަށް ހޫނުވާނެ ކަމީ ގަބޫލުކުރަންޖެހޭނެ ހަގީގަތެކެވެ.

ޓެކްސް ބޮޑުކުރަން ސަރުކާރުން ނަގައިގެން ތިބި ދިފާއުގެ ސަބަބުންނެވެ. ސަރުކާރުން ބުނާ ގޮތުގައި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފޫބައްދަން ހަ ބިލިއަން ރުފިޔާގެ "ކަރެކްޝަން"އެއް ބޭނުންވެ އެވެ. އޭގެ ދެބައިކުޅަ އެއް ބަޔަކީ ޓެކްސް ބޮޑުކޮށްގެން ގައުމުގެ އެތެރެއިން އާމްދަނީ އިތުރުކުރުމެވެ. ބާކީ ބައި ހަމަޖައްސަނީ ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅައިގެނެވެ.

މިއީ އާޒިމާ އެ ވިދާޅުވާ ސަރުކާރުގެ ދިފާއު ދެކޮޅު ނުޖެހޭ ހިސާބެވެ. ޓެކްސް ބޮޑުކުރުމުގެ އަސަރު މުދަލުގެ އަގުތަކުން މިހާރު ވެސް ފެންނަން ފަށާފައިވާއިރު، ފުޓުބޯޅަ މެޗެއް ބެއްލެވުމަށް މިހާލަތުގައި ރައީސް ވަޑައިގަންނަވަންޖެހޭތޯ މިއީ ޖާއިޒު ސުވާލެކެވެ.

އިދިކޮޅު ޕީއެންސީގެ ޑެޕިޔުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި އަންނަ މަހުން ފެށިގެން ޓެކްސް ބޮޑުކުރާތީ ބާޒާރުގައި މުދަލުގެ އަގު އަތްނުފޯރާ ހިސާބަށް މިހާރު ވެސް މައްޗަށް ގޮސްފި އެވެ.

"ކޮން އިރަކުތޯ ރައީސް މަސައްކަތެއް ކުރައްވާނީ؟ ރާއްޖޭގަ ހުރިއްޔާ ދެ މީހަކު އެއްވެ ކަމެއް ކުރިޔަސް ކޯޓު ފަޓުލޫނުގަ އެތާނގަ. އެހެންނޫނީ ފުރައިގެން ބޭރަށް،" ކުރީގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ސައީދު އިތުރަށް ވިދާޅުވި އެވެ.

ސަރުކާރުން ބުނަނީ ކީކޭ؟

މިކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް ބަންޑެލިވަމުން އަންނައިރު، މިއީ ހަމައެކަނި ފުޓުބޯޅަ މެޗެއް ބަލައިލުމަށް ވުރެ މުހިންމު ދަތުރެއް ކަމަށް ސަރުކާރުން ބުނެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ކުރީގެ ސަރުކާރުގައި ގަތަރާ ގުޅުން ކަނޑާލާފައި އޮތުމަށްފަހު، މި ސަރުކާރުގައި އެ ގުޅުން އަނެއްކާވެސް ވަރަށް ބޮޑަށް ބަދެހިވެފައިވާ ކަމަށެވެ.

"މިއީ ގަތަރުގެ އަމީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް. ވާލްޑް ކަޕް މެޗެއް ބެއްލެވުމެއް ނޫން ހަގީގީ ބޭނުމަކީ. މިދަތުރުފުޅުގައި އެ ގައުމުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައި، ރާއްޖެއަށް އިތުރު ހޯދުމުގެ މަޝްވަރާތައް ވެސް ކުރެވޭނެ،" މިއުވާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ރައީސްގެ މިދަތުރުގެ ޓިކެޓު ހަރަދު އެމަނިކުފާނު އަމިއްލައަށް ކުރައްވާއިރު، ހުރުމާއި ކެއުމުގެ ހަރަދު ހަމަޖައްސަނީ ގަތަރު ސަރުކާރުންނެވެ.

އެކަމަކު ޓިކެޓު ހަރަދު އަމިއްލަ ޖީބުން ކުރައްވަނީ އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމަށްފަހު ކަމުގެ ތުހުމަތުތައް ފެންމަތިވަމުންދާއިރު، ރައީސް ކުރައްވާ ދަތުރެއްގައި ދައުލަތުން ހިފަންޖެހޭ އިތުރު ހަރަދުތައް ހުންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އާޒިމާ ވިދާޅުވާ ގޮތުގައި ރައީސްގެ އަރިހުގައި ގެންދަވާ ސިފައިންނާއި ޕްރޮޓޮކޯލް އާއި އެހެނިހެން ބޭފުޅުންގެ ޓިކެޓާއި އެހެނިހެން ހަރަދުތައް އެމަނިކުފާނު އަމިއްލައަށް ކުރެއްވޭނެ އުސޫލެއް ސަރުކާރުގަ އޮންނާނެ ކަމަށް ނުބެލެވެ އެވެ.

ޓިކެޓަށްދާ ހަރަދު ރައީސް އަމިއްލައަށް ކުރައްވާ ވާހަކައަށް ސައީދު ވެސް ކުރެއްވީ އެ ސުވާލެވެ.

"ގަތަރަށް [ރައީސް] ވަޑައިގަންނަވަނީ އެކަނިތޯ؟ ސެކިޔުރިޓީ ނުދޭތޯ؟ އަރިހުގައި އެއްވެސް އެހެން ބޭފުޅެއް ނުގެންދަވާތޯ؟،" ސައީދު ސުވާލު ކުރެއްވި އެވެ.

އެކަމުގައި ސަރުކާރުން ވަކި އެއްޗެކޭ ނުބެނެ އެވެ. ނަމަވެސް، ސަރުކާރުގެ އިސް ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާ ކޮންމެ ތަނަކަށް އަރިހުގައި ސެކިޔުރިޓީ ތިބެންޖެހޭނެ ކަމީ ބަހުސެއް އޮތް ކަމެއް ނޫނެވެ.

"އެއީ ރަސްމީ ދަތުރެއް ވިޔަސް ނޫނީ އަމިއްލަ ދަތުރެއް ވިޔަސް ސެކިޔުރިޓީ މީހުން އަރިހުގައި ދާންޖެހޭނެ ކަން އެކްސެޕްޓް ކުރަންޖެހޭ. ރައީސް އެކަންޏެއް ނޫން. ދައުލަތުން ސެކިޔުރިޓީ ފޯރުކޮށްދޭންޖެހޭ ކޮންމެ ބޭފުޅަކަށް ވެސް އޮންނާނީ ހަމަ އެ އުސޫލު،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ސުވާލު އުފެދިގެން މިއުޅެނީ ރައީސުލްޖުމްހޫރިއްޔާއަށް ސެކިޔުރިޓީ ދިނުމާމެދު އެއް ނޫނެވެ. އަދި ރައީސް ދަތުރެއް ކުރައްވާތީ އެއް ވެސް ނޫނެވެ. ދައުލަތުގެ މާލިއްޔަތަށް މިހާ ބޮޑަށް ވާންވެފައިވާ ދަނޑިވަޅެއްގައި، މިއީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ކަމާމެދު އެވެ.

ބައިނަލްއަގުވާމީ ހަމަތައް ހިނގާ ގޮތަށް ބަލާއިރު، މިފަދަ ބޮޑު ހަރަކާތަކަށް ރަހުމަތްތެރި ގައުމުތަކުގެ ވެރިންނަށް ދައުވަތު ދޭނެ އެވެ. އެއީ ވަކި ގައުމަކަށް ހާއްސަވާ ކަމެއް ނޫނެވެ. ކައިވެނި ހަފްލާއަކަށް ގާތްތިމާގެ ހުރިހާ އެންމެނަށް ދައުވަތު ދޭ ހަމައިންނެވެ. ދައުވަތު ލިބުމަކީ ކޮންމެހެން ދާންޖެހޭ ސަބަބެއް ނޫނެވެ. ވާލްޑް ކަޕުގައި ކުޅެމުންދާ ގައުމުތަކުގެ ވެރިން ވެސް ވަޑައިނުގަންނަވަ އެވެ.

ގަތަރުގައި މިހާރު ކުރިއަށް އެދަނީ، މުޅި ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މީހުނެއް އެ ގައުމަށް ޖަމާވެ އެބަތިއްބެވެ. އެގައުމުގެ ވެރިންގެ ފުރިހަމަ ސަމާލުކަން އޮންނާނެ އެކަމަށް ކަން ޔަގީނެވެ. ދެން މިފަދަ ދަނޑިވަޅެއްގައި ރާއްޖެ ފަދަ ކުޑަގައުމެއްގެ ވެރިއަކާ ބައްދަލުކޮށް، ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާ ކުރަން ވަގުތު ހުސްކުރަން އުނދަގޫވާނެ އެވެ.

މިހުރިހާ ކަމެއް މިހެން އޮތް އިރު، މިއީ ހަމަ ކޮންމެހެން ވެސް ރައީސް ވަޑައިގަންނަވަންޖެހޭ ދަތުރެއްތޯ ރައްޔިތުން ސުވާލުކުރާނެ އެވެ. ހަމައެކަނި ވާލްޑް ކަޕު ބައްލަވަން ނޫނޭ ބުންޏަސް ގަބޫލުކުރަން ދަތިވާނެ އެވެ.