Advertisement

ނަފްސާނީ ފަރުވާގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ރައީސް

5 ޑިސެންބަރު 2022 - 19:21 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ނަފްސާނީ ފަރުވާގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ރައީސް

5 ޑިސެންބަރު 2022 - 19:21 0

ނަފްސާނީ ބަލިތަކަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނުއްސުރެ އެކަމަށް އަޅާނުލައި އޮތުމުގެ ސަބަބުން އެފަދަ ބަލިތަކަށް އޮތް އަހުލުވެރިކަން ކުޑަވުން ކަމަށާއި ނަފްސާނީ ފަރުވާގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ވަނީ ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދާ ގައުމީ ކެމްޕޭން ލޯންޗުކޮށްފަ އެވެ. ކެމްޕޭން ލޯންޗުކޮށްދެއްވީ ރައީސް ސޯލިހު އެވެ.

މި ކެމްޕޭނަކީ ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި މުހިންމު ބައެއް ކަމަށް ރައީސް ސޯލިހު މިއަދު ވިދާޅުވި އެވެ. ގައުމެއް ކުރިއެރުމަކީ ރައްޔިތުންގެ ކުރިއެރުން ކަމަށާއި ތަރައްގީ ގެނައުމަށް ބޭނުންވާ ހިތްވަރު އުފެދެނީ ނަފްސާނީ އަދި ޖިސްމާނީ ދުޅެހެޔޮކަން ކަށަވަރުކޮށްގެން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"މިދިޔަ ހަތަރު އަހަރު ތެރޭ އެންމެ ބޮޑު ސަމާލުކަމެއް ދިނީ، އަދި މިހާރު ވެސް ދެމުންދަނީ އެންމެ ފަރުދަކު ވެސް ބާކީނުކޮށް އަދި ތަފާތުނުކޮށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބިދިނުމަށް. އަޅުގަނޑުމެންގެ ވިސްނުން ހުރީ މުޅި ރާއްޖެއަށް އެ ހިދުމަތް ފުޅާކުރަން،" ރައީސް ވިދާޅުވި އެވެ.

އަދި، އޭގެ ތެރެއިން ވެސް ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ސިޔާސަތެއް ކަނޑައަޅައި ތަންފީޒު ކުރުމަކީ ސަރުކާޜުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން، ނޭޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އެންމެ ފުރަތަމަ ގާއިމުކުރީ އެމަނިކުފާނުގެ ސަރުކާރުން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"އެ ހިދުމަތް ދެމުން އަންނަނީ ނަފްސާނީ ބަލިތަކަށް ބޭނުންވާ ގިނަ ފަރުވާތައް އާސަންދައިގެ ދަށުން ކުރެވޭ ގޮތަށް. ނަފްސާނީ ވޭނުތައް ތަހައްމަލު ކުރަމުންދާ މީހުން ރާއްޖޭގައި ވަރަށް ގިނަ. އެފަދަ ވޭނުގައި އުޅޭ މީހުންނަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމަކީ އެއަށްވުރެ ގޮންޖެހުން ބޮޑު މަސައްކަތެއް،" އެކަން އެހެން އޮތް ނަމަވެސް އެ ފަރުވާ ފޯރުކޮށްދިނުމުގައި މަޑުޖެހެވެން ނެތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

ނަފްސާނީ މައްސަލައެއް ފާހަގަވުމުން އާއިލާ އާއި ރައްޓެހިންގެ ފަރާތުން އެހީތެރިކަން ހޯދަން ޖެހޭ ކަމަށާއި އަދި އެފަދަ ކަންކަމުގައި އެހީވާ ސަޕޯޓު ގްރޫޕުތަކުގެ އެހީތެރިކަން ވެސް ހޯދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ނަފްސާނީ ފަރުވާގެ އެންމެ މުހިންމު ކަމަކީ އެ ބަލީގެ އެންމެ ކުރީކޮޅުގައި ފަރުވާ ދޭން ފެށުން. އެކަން އެކަށީގެންވާ ގޮތެއްގައި ކުރެވޭނީ އެމީހަކު ދިރިއުޅޭ ރަށަކުން އެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެގޮތުން، ސަރުކާރުން ތަރައްގީ ކުރަމުންދާ ޓާޝަރީ ފަސް ހޮސްޕިޓަލުން އެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި އަތޮޅު ހޮސްޕިޓަލްތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ވެސް ނަފްސާނީ ފަރުވާ ލިބޭނެ ގޮތް ހެދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.