Advertisement

އއ. ތޮއްޑޫގައި ފަޔާ ރެސްޕޯންސް ޓީމެއް އިފްތިތާހުކޮށްފި

3 ޑިސެންބަރު 2022 - 21:52 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ފަޔާ ފައިޓިން ކޯސް ފުރިހަމަ ކުރި ބައިވެރިންނާ އެކު ޑިފެންސް މިނިސްޓަރު، މާރިޔާ ދީދީ އާއި ސިފައިންގެ ބައެއް އިސްވެރިން އަދި ތޮއްޑޫ ކައުންސިލްގެ މެންބަރުން -- ފޮޓޯ: އެމްއެންޑީއެފް


އއ. ތޮއްޑޫގައި ފަޔާ ރެސްޕޯންސް ޓީމެއް އިފްތިތާހުކޮށްފި

3 ޑިސެންބަރު 2022 - 21:52 0

އއ. ތޮއްޑޫގައި އަލިފާން ނިވާ މީހުން ތަމްރީނުކުރުމަށް އެމްއެންޑީއެފުން ހިންގި ޕުރޮގުރާމު ފުރިހަމަ ކުރި މީހުން ހިމަނައިގެން އެކުލަވާލި ފަޔާ ރެސްޕޯންސް ޓީމު އިފްތިތާހުކޮށް ސިފައިންގެ ފަރާތުން އެ ރަށަށް އަލިފާން ނިވާ ޕަމްޕު ސިސްޓަމެއް ހަދިޔާކޮށްފި އެވެ.

އެ ރަށުގައި އެކަމަށް ހާއްސަކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތޮއްޑޫ ކައުންސިލަށް ފެން ޕަންޕު ހަވާލު ކުރެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ޑިފެންސް މިނިސްޓަރު، މާރިޔާ އަހުމަދު ދީދީ އެވެ.

ތޮއްޑޫގައި އިފްތިތާހު ކުރެވުނު ފަޔާ ރެސްޕޯންސް ޓީމުގައި ހިމެނެނީ އެ ރަށުގެ އާންމުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ފަޔާ ފައިޓާސް ޕުރޮގުރާމު ފުރިހަމަ ކުރި މީހުންނެވެ. އެ ޕުރޮގުރާމުގައި އެ ރަށުގެ އަށް ފިރިހެނުންނާއި ތިން އަންހެނުން ބައިވެރިވި އެވެ.

އެމްއެންޑީއެފުން ބުނީ މި ޕުރޮގުރާމުގައި އަލިފާންގަނޑު ފެތުރޭ ގޮތާއި އަތުން ހިފައި ގެންގުޅެވޭ ވަރުގެ އަލިފާން ނިއްވާއި ވާގަނޑުގަނޑުގައި ގޮށްޖަހާނެ ގޮތާއި ހާދިސާއެއް ހިނގައިގެން އުޅޭ ވަގުތު ކޮމާންޑު ސެންޓަރުން ދޭ އިރުޝާދުތައް ކިޔައިދީގައިފާ ކަމަށެވެ.

އޭގެ އިތުރުން، އަލިފާން ނިވަން ފެންޖަހާ ހޮޅި އާއި އޭގެ ނުޒުލްތަކާ ބެހޭ މައުލޫމާތުގެ އިތުރުން އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ތަނަކުން ސަލާމަތް ކުރާ މީހުން ސަލާމަތް ކުރާނެ ގޮތާއި ޑިފެންސިވް ފަޔާ ފައިޓިން ކިޔަވައިދީފައި ވާނެ ކަމަށް ވެސް ސިފައިން ބުންޏެވެ.

މީގެ އިތުރުން ވެސް އަލިފާން ނިވުމުގެ އަމަލީ ތަޖުރިބާ ދިނުމުގެ ގޮތުން އެ ކޯހުގެ ބައިވަރިންނަށް ކުލާސްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ޖުމްލަ ހަ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ކޯހުގެ މުއްދަތުގައި އެ ރަށު ސްކޫލުގެ 80 ބެލެނިވެރިންނަށް ގޭގައި ހިނގައިފާނެ އަލިފާނުގެ ހާދިސާއަކު ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ދިނުމަށް ހާއްސަ ސެޝަނެއް ވެސް ހިންގާފައިވެ އެވެ.