3 ޑިސެންބަރު 2022 - 12:56 0
މުހައްމަދު އުޝާމް
ފަނޑިޔާރު މަހާޒް އަލީ ޒާހިރު: އެ މައްސަލައިގައި އޭނާއަށް ރައްދުވާ ތުހުމަތުތައް މަހާޒް ދޮގު ކުރައްވާ -- ފޮޓޯ: ސުޕްރީމް ކޯޓު
3 ޑިސެންބަރު 2022 - 12:56 0
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ހަދިޔާއެއް ބަލައިގަތް ކަމަށް ތުހުމަތުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެެސްސީ) އިން ބަލަމުންދާ މައްސަލައިގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ބައްދަލުވުމެއް ބާއްވާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ޖޭއެސްސީގެ މީޑިއާ އޮފިޝަލް އިޒްމީރާ ޒާހިރު ކުރިން ވިދާޅުވެފައި ވަނީ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލާގައި ކޮށްފައިވާ ތުހުމަތަކީ ފަނޑިޔާރު ބެއްލެވި މައްސަލައެއްގައި ހިމެނޭ ހަސްމެއްގެ ފަރާތުން ހަދިޔާއެއް ބަލައިގަތުން ކަމަށެވެ. މައްސަލައިގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އެ މައްސަލައިގެ ތަހުގީގަށް ބާއްވާ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް މަހާޒުގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގެންފަ އެވެ.
އިޒްމީރާ މިއަދު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ގޮތަށް އެދިވަޑައިގަތީ ވަރަށް ފަހުން ކަމަށާއި އަޑުއެހުންތައް ކުރިއަށް ގެންދާނެ ވަކި ގޮތެއް ނިންމުމަށް، އެ ތަހުގީގަށް އެކުލަވާފައިވާ ކޮމިޓީން ބައްދަލުވުމެއް ބާއްވަން ޖެހޭނެ ކަމަށެވެ.
"މި ފެށޭ ހަފުތާ ތެރޭ ކޮމިޓީގެ ބައްދަލުވުން ބާއްވާނެ ކަމަށް ބެލެވޭ،" އިޒްމީރާ ވިދާޅުވި އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ހުށަހެޅީ ކުރީގެ ރައީސް އަބްދުالله ޔާމީން ޖަލު އަދަބުން މިނިވަންވި ހުކުމް އިއްވުމަށްފަހު ސުޕްރީމް ކޯޓުގައި ބޭއްވި މެންދުރުގެ ފަރިއްކޮޅަކާ ގުޅިގެންނެވެ. އެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒެވެ.
އެ ތުހުމަތުތަކާ ގުޅިގެން މަހާޒު ވިދާޅުވީ ފަނޑިޔާރުންގެ މެންދުރުގެ ފަރިއްކޮޅަށް ކާބޯތަކެތި ގެނައީ އޭނާގެ އަމިއްލަ ހަރަދުގައި ކަމަށާއި ފައިސާ ދެއްކި ސްލިޕް ވެސް އެބަ އޮތް ކަމަށެވެ. ފަނޑިޔާރެއްގެ ހައިސިއްޔަތުން ނިންމަވާ އެއްވެސް ނިންމެވުމަށް، ނުފޫޒެއްގައި ޖެހިގެން ނިންމަވާފައި ނުވާނެ ކަމަށް ވެސް މަހާޒް ވިދާޅުވި އެވެ.
"ފަނޑިޔާރު ކަމުގެ މަގާމުގައި ހުރުމަށް ނުވަތަ މަގާމު ދިފާއު ކުރުމަށް މީހެއްގެ ގާތުގައި އެދޭނެ އެދުމެއް، ކުރާނެ ކަމެއް ނޯންނާނެ،" އޭނާގެ މައްޗަށް ކުރާ ތުހުމަތު ދޮގު ކުރައްވައި އެ މައްސަލައިގައި މަހާޒު ވިދާޅުވެފައިވެ އެވެ.
ޖޭއެސްސީން ބުނެފައި ވަނީ، އެ ޝަކުވާއާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ތަކުރާރުކޮށް ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުން ވެސް އެ ދުވަހުގައި ފަރީއްކޮޅެއް އޮތް ކަމަށް ވިދާޅުވުން ފިޔަވައި، އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކޮށްދެއްވުމަށް ތަކުރާރުކޮށް އިއުތިރާޒު ކުރެއްވި ކަމަށެވެ.
މަހާޒް ޑްރަގް ކޯޓުގެ ފަނޑިޔާރަކަށް ހުންނަވައި އޭނާގެ ބްލޮގުގައި ލިޔުއްވި ލިޔުމަކާ ގުޅޭ މައްސަލައެއް މީގެ ކުރިން ވެސް ވަނީ ޖޭއެސްސީން ބަލައިފަ އެވެ. އެ މައްސަލައިގައި އޭނާ ސަސްޕެންޑުކޮށްފައި ބެހެއްޓުމަށްފަހު ނިންމީ ސާބިތުނުވާ ކަމަށެވެ.
Comment