Advertisement

ނަޝީދުގެ ބްލެކް ލިސްޓާއި އެމްޑީޕީގެ ކުރިމަގު!

3 ޑިސެންބަރު 2022 - 12:04 6

ހުސެއިން ފިޔާޒް މޫސާ

ހުސެއިން ފިޔާޒް މޫސާ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު: އެ މަނިކުފާނު ބޭނުންފުޅު ވަނީ ޕްރައިމަރީގެ ބަދަލުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް. -- ކުރެހުން: އަރަކަ


ނަޝީދުގެ ބްލެކް ލިސްޓާއި އެމްޑީޕީގެ ކުރިމަގު!

3 ޑިސެންބަރު 2022 - 12:04 6

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވެރިކަމުގެ ބާރު ހޯދުމުގެ ރޭހުގައި ވާދަވެރިކަން ބޮޑުވެ، އެ ދެ އެކުވެރިންގެ "ސިޔާސީ ގުޅުން" ކެނޑި، ޕާޓީ އެ ވަނީ ރަނގަޅަށް ދެ ފެކްޝަނަށް ބެހިފަ އެވެ. އެ ވާދަވެރިކަމުގައި ހިކުމަތެއްގެ ގޮތުގައި ކަމަށް ވިޔަސް، ނުވަތަ ނަޝީދު އެނގިވަޑައިގަންނަވާލެއް ބޮޑުކަމުން ކަމަށް ވިޔަސް، މާ ބައިވަރު ވާހަކަތަކެއް ރައީސް ސޯލިހު ފާޅުގައި ނުދައްކަވަ އެވެ. ނަމަވެސް ނަޝީދު މުޅިން ތަފާތެވެ.

ދެ ފެކްޝަންގެ ކޯޅުން މަޖިލީހު ތަޅުމާއި އެމްޑީޕީގެ ޖަލުސާތަކާއި ސޯޝަލް މީޑިއާ އަދި މީޑިއާތަކުން ފެނެ އެވެ. މަޖިލީހުގެ ސައި ކޮޓަރި އާއި ކުޑަދޮށުގައި އިންތިހާއަށް "ޒުވާބު" އޮންނަ ކަމަށް ބައެއް މެމްބަރުން ވިދާޅުވެ އެވެ. މައިގަނޑު ސަބަބަކީ ނަޝީދުގެ ވިސްނުންފުޅާ، އެ މެމްބަރުން ތަފާތުވުމާއި އެމްޑީޕީގެ މެނިފެސްޓޯއާ އެއްގޮތަށް ސަރުކާރުން އަމަލު ނުކުރުމުގެ ތުހުމަތެވެ.

ނަޝީދުގެ ވިސްނުންފުޅާ އެއްކީލި ނުވާ އެމްޑީޕީގެ މެމްބަރުންނަށް ބުރާސްފަތި ދުވަހު ވެސް ބަހުގެ ހަމަލާއެއް ދޫކޮށްލައްވި އެވެ. ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ 'އާސްކް ސްޕީކާ' ސިލްސިލާގެ ހަ ވަނަ ޕްރަގްރާމްގައި އާންމުންގެ މީހަކު ކުރި ސުވާލަކީ، މިހާރު ނަޝީދަށް ފާޑުވިދާޅުވާ އެމްޑީޕީގެ ބައެއް މެންބަރުން އިންތިހާބު ކުރެއްވުމަށް އެ މަނިކުފާނު ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށާއި އެފަދަ މެންބަރުން އިތުރު ދައުރަކަށް އިންތިހާބު ކުރުމަށް ދެން ވެސް މަސައްކަތް ކުރައްވާނެތޯ އެވެ.

ރައްޔިތުންގެ މަޖިލީހުން އެމްޑީޕީއަށް 65 ގޮނޑި ލިބުމުގައި ނަޝީދުގެ ހިއްސާ ބޮޑެވެ. ރައީސް ސޯލިހުގެ ފެންނަން އޮތް ވިސްނުންފުޅަކަށް އޮތީ ކޯލިޝަންގެ ބައިވެރިންނަށް މަޖިލީހުގެ ބައެއް ދާއިރާތަކަށް ވާދަކުރަން ފުރުސަތު ދެއްވުމެވެ. ނަޝީދު ނިންމެވީ ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަ ކުރުމަށެވެ. ހުރިހާ ދާއިރާއަކަށް ވާދަކޮށް އެއްވެސް ބަޔަކު އުއްމީދު ކޮށްގެން ނެތް މިންވަރަށް ގޮނޑި ލިބި، މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެން ދިޔަ އެވެ. އެކަމުގެ ކްރެޑިޓް ދެ ފެކްޝަނުން ވެސް ނަގަ އެވެ.

އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި މިހާރު 66 މެމްބަރުން ތިއްބެވިއިރު، ދެ ފެކްޝަންގެ ތާއިދު ބަލާނެ މިންގަނޑަކަށް އޮތީ މެމްބަރުންގެ އަދަދާއި ފެކްޝަނުން ބޭނުންވާ ކަމެއް ފާސްވާ މިންވަރަށެވެ. އެ މިންގަނޑުން ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވެސް އޮތީ ރައީސް ސޯލިހުގެ ކޮންޓްރޯލެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ: އެމްޑީޕީގެ ބައެއް މެމްބަރުން ނަޝީދަށް ފާޅުގައި މިހާރު ފާޑު ވިދާޅުވޭ. -- ފޮޓޯ: މަޖިލީހުގެ އިދާރާ


ބްލެކް ލިސްޓް މެމްބަރުންގެ ރައްދު

ނަޝީދުގެ ބްލެކު ލިސްޓުގައި ގިނައިން ހިމެނޭނީ ރައީސް ސޯލިހުގެ ފަޅީގައި ތިއްބެވި މެމްބަރުންނެވެ. ސަބަބަކީ ސީދާ އެ މަނިކުފާނާ ޖަދަލު ކުރައްވައި، ފާޅުގައި ފާޑު ވިދާޅުވުމެވެ. ރޮނގެއް ދަންމަވާ ލައްވައި، ފިކުރު ތަފާތު މެމްބަރުންނަށް ނިސްބަތް ކުރައްވައި، އެއީ ރައްޔިތުންގެ ތާއިދު ގެއްލި، އިތުބާރު ގެއްލިފައިވާ ބައެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ޕާޓީގެ ބައެއް މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި އެ ގޮތަށް ވިދާޅުވުމަކީ ޕާޓީގެ ރޫހާއި ޑިމޮކްރަސީގެ ރޫހާ ވުމެވެ.

މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ ނަޝީދުއާއެކު ތިއްބެވި ބޭފުޅުން ފިޔަވައި އެހެން ބޭފުޅުންނަކީ ބްލެކް ލިސްޓުގައި ތިއްބެވި ބޭފުޅުން ކަމަށް ގަބޫލުކުރައްވައި އެ ފަދަ ވާހަކަ ދެއްކެވުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ.

"މި ހާލަތުގައި އެ ދައްކަވާ ވާހަކަފުޅުތަކަކީ މާފުންކޮށް ދައްކަވާ ވާހަކަތަކެއް ކަމަށް ގަބޫލެއް ނުކުރައްވަން. ޕާޓީގެ ކުރިމަގާމެދު ފުންކޮށް ވިސްނާފައި ކަމަށް ގަބޫލެއް ނުކުރަން ބައެއް ވާހަކަ ދައްކަވަނީ. އެންމެ ބޭފުޅަކަށް ދެ ބޭފުޅަކަށް ވުރެ ޕާޓީ ބޮޑުވާނެ،" ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި އަލީ ރިޒާ ވިދާޅުވި އެވެ.

މަޖިލީހުގެ ތަޅުމުގައި ނަޝީދަށް ފާޅުގައި ފާޑުވިދާޅުވާ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ރައްޔިތުން އިންތިހާބު ނުކުރާ މަގާމެއް އޭނާ ފުރުއްވާފައި ނުވާނެ ކަމަށާއި އަދިވެސް ރައްޔިތުންގެ ތާއިދު އޭނާއަށް އެބަ އޮތް ކަމަށެވެ. ނަމަވެސް ނަޝީދަށް މިހާރު އެ ދާއިރާގައި ތާއިދު ނެތް ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"މި ވޭތުވެދިޔަ އިންތިހާބުތަކުގައި މެމްބަރުން ކޮށްފައިވާ މަސައްކަތްތަކަށް ބައްލަވާ، އާންމު މެމްބަރުން ކުރި މަސައްކަތުން އަންނި، އަންނި އަކަށް ވެފައި އެވަނީ. އަންނި އަކީ ރ. އަތޮޅުގައި ވިއްކަން ވަރަށް އުނދަގޫ ނަމެއް. ނަމަވެސް އެ އަތޮޅުގައި މުހިންމު މަގާމެއް އަންނި އަށް ލިބިވަޑައިގަތީ ރައްޔިތުން ކުރި މަސައްކަތުން. އާންމު މެމްބަރުން ކުރި މަސައްކަތުން. [ނަމަވެސް މިހާރު] އެ މަނިކުފާނު އަމަލު ކުރައްވާ ގޮތުން އެ ތާއިދެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވިދާޅުވީ ރައީސް ނަޝީދު މެމްބަރަކު ހޮވަން ކުރެއްވި މަސައްކަތަށް ވުރެން ރައީސް ނަޝީދު ހޮވަން މެމްބަރުން ކުރި މަސައްކަތް އެމްޑީޕީގެ ތާރީހަށް ބަލާއިރު މާ ގިނަ ވާނެ ކަމަށެވެ.

"އެއީ ރައީސް ނަޝީދު ވިސްނާ ވަޑައިގަންވަން ޖެހޭ ކަމެއް. އަދި މެމްބަރުންނަށް ރައްޔިތުންގެ ތާއީދެއް ނެތޭ ވިދާޅުވާއިރު އެ ދާއިރާތަކުގައި ރައީސް ނަޝީދަށް މިހާރު އޮތީ ކިހާ ތާއިދެއްތޯ ވެސް އެއީ މުހިންމު ސުވާލެއް،" ރޮޒައިނާ ވިދާޅުވި އެވެ.

މިއަހަރު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ސޯލިހާއި ނަޝީދު. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ކުރިއަށް އޮތީ ގަދަ ހިފުން

ކުރިއަށް އޮތީ ޕާޓީގެ ރިޔާސީ ޕްރައިމަރީ ވެގެން ދާނީ ބޮޑު ހިފުމަށެވެ. ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ސޯލިހު ވިދާޅުވެފައި ވާއިރު، ނަޝީދު ވެސް ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމުގެ އިޝާރާތް ކުރައްވަ އެވެ. ނަމަވެސް އެ މަނިކުފާނު ބޭނުންފުޅު ވަނީ ރިޔާސީ ޕްރައިމަރީއަށް ދިއުމުގެ ކުރިން، ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ފެށުމަށެވެ.

ނިޒާމު ބަދަލު ކުރުމަކީ ވުން ގާތް ކަމެއް ނޫނެވެ. ސަބަބަކީ އެކަމަށް ރައީސް ސޯލިހު ތާއިދު ނެތުމާއި އެމްޑީޕީގެ ޓިކެޓުގައި ދެ ވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށް ބޭނުންފުޅު ވުމެވެ. އެހެންވެ، ދެ ފެކްޝަންގެ ވާދަވެރިކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އެމްޑީޕީ ރޫޅި، ވެރިކަން ގެއްލިގެން ދާން ނަޝީދު ބޭނުންފުޅުނުވާނެ ކަމަށް އެމްޑީޕީގެ މެމްބަރުން ގަބޫލުކުރެ އެވެ. އެ މަނިކުފާނު އަބަދު ވެސް ވިދާޅުވާ އެއް ވާހަކައަކީ އެމްޑީޕީ ދޫކުރައްވައި ދާނެ އެހެން ޕާޓީއެއް ނެތް ކަމަށެވެ.

އެއްބަޔަކަށް ވެރިކަމަށް ރައީސް ސޯލިހު ގެންނަން ބޭނުންފުޅުވާއިރު، އެމްޑީޕީގެ ބައެއް ބޭފުޅުންނަށް އަދިވެސް ކަމުދަނީ ނަޝީދެވެ. އެ ނިންމުން ނިންމާނީ އެމްޑީޕީގެ ކޮންގްރެސް އާއި ޕްރައިމަރީންނެވެ.

"ނަޝީދު ޕްރައިމަރީގައި ވާދަ ކުރައްވާނެ. ވާދަ ކުރައްވާފައި ބަލިވެއްޖެ ނަމަ އެކަން ގަބޫލު ކުރައްވައި ޕާޓީއަށް މަސައްކަތް ވެސް ކުރައްވާނެ. އޭރުން މިހާރު އުފެދިފައި އޮތް ހުރިހާ ނުތަނަވަސް ކަމެއް އެ ދިޔައީ،" ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް، ނަޝީދުއާ އެކު ކުރިން ވަރަށް އަރިސްކޮށް އުޅުއްވި މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.

ތެދެކެވެ، ބޭނުންފުޅުވާ ކަމެއް ހާސިލު ކުރެއްވުމަށް އެންމެ ފަހު ވަގުތާ ހަމައަށް ނަޝީދު ގަދައަށް މަސައްކަތް ކުރައްވަ އެވެ. އެ މަސައްކަތުގައި ވާދަވެރިންނަށް ފާޅުގައި ފާޑުވިދާޅުވެ އެވެ. ނަމަވެސް ފެއިލްވުމުން މީގެ ކުރިން ވެސް ފަހަތަށް ޖެހިވަޑައިގެންފައިވެ އެވެ. ޕާޓީ ރޫޅި, ވެރިކަން ގެއްލިގެން ދިޔުމަށް ރައީސް ސޯލިހު ވެސް އަދި ނަޝީދު ވެސް ދޫކޮށް ނުލައްވާނެކަން އެމްޑީޕީގެ ތާރީހުން އެނގެ އެވެ. އެ ދެ ބޭފުޅުން ވެސް ބޭނުންފުޅުވަނީ އެމްޑީޕީގެ ސިޔާސަތުތައް ރާއްޖޭގައި ގަދައަށް ބިންވަޅު ނެގުމަށެވެ. އެހެންވެ، ބްލެކު ލިސްޓާއި ދެ ފެކްޝަންގެ ވާދަ ޕްރައިމަރީއަށް ފަހު ފިލައިގެން ދާނެ ކަމަށް ގިނަ މެމްބަރުން ގަބޫލުކުރައްވަ އެވެ.