1 ޑިސެންބަރު 2022 - 23:29 0
1 ޑިސެންބަރު 2022 - 23:29 0
ދޯހާ، ގަތަރު (ޑިސެމްބަރު 1) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކްރޮއޭޝިއާއާ ލަނޑެއް ނުޖެހި އެއްވަރުވެ، ބެލްޖިއަމް މުބާރާތުން ކެޓުމާ އެކު އެ ޓީމުގެ ކޯޗުކަމުން ސްޕެއިންގެ ރޮބާޓޯ މާޓީނޭޒް އިސްތިއުފާދީފި އެވެ.
މިރޭގެ މެޗުތަަކަށް ފަހު، ގްރޫޕް އެފްގެ އެއް ވަނަ މޮރޮކޯ އަށް ލިބުނީ ހަތް ޕޮއިންޓާ އެކު އެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާ މި ގްރޫޕްގެ ދެ ވަނަ ހޯދީ ފަސް ޕޮއިންޓާ އެކު އެވެ. މި ގްރޫޕްގެ ތިން ވަނައިގައި ނިންމި، ބެލްޖިއަމް އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. މި ގްރޫޕްގެ ފުލުގައި ނިންމި ކެނަޑާ އަށް ޕޮއިންޓެއް ވެސް ނުލިބި އެވެ.
ބެލްޖިއަމް ފުރަތަމަ މެޗުގައި ވަނީ 1-0 ކެނަޑާ އަތުން މޮޅުވެފަ އެވެ. އޭގެ ފަހުން މޮރޮކޯ އަތުން 2-0 ބެލްޖިއަމް ވަނީ ބަލިވެފަ އެވެ. އަދި މިރޭ ކްރޮއޭޝިއާ އަތުން މިރޭ އެއްވަރުވެ، ބެލްޖިއަމް ބޮޑު ހަތަރު މުބާާރާތަށް ފަހު ގްރޫޕް ސްޓޭޖުން ކެޓީ އެވެ.
"މިއީ އަހަރެން މި ޓީމުގައި ފަހު މެޗު، އަހަންނަކަށް ކުރިއަށް ނުގެންދެވޭނެ. މިއީ އަހަރެން މި ޓީމުގައި ފަހު މެޗުކަން ގަބޫލުކުރަން ޖެހޭ،" ކްރޮއޭޝިއާ މެޗަށް ފަހު އިންޓަވިއުގައި މާޓީނޭޒް ބުންޏެވެ.
މާޓީނޭޒް، 49، ބެލްޖިއަމްގެ ޓީމާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. އޭނާ ބެލްޖިއަމްގެ ކޮންޓްރެކްޓްގައި ހުރީ މި މުބާރާތުގެ ނިޔަަލަށް ނަމަވެސް އޭނާގެ އެއްބަސްވުން އާ ކުރަން ދިޔައީ މަޝްވަރާ ކުރަމުންނެވެ. އެކަމަކު، މިރޭ ނަތީޖާ ނުކުތް ގޮތުން ބެލްޖިއަމް މުބާރާތުން ކަޓައި، މާޓީނޭޒްގެ ވަޒީފާ ގެއްލުނީ އެވެ.
ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި ތިން ވަނަ ހޯދި ބެލްޖިއަމް ވަނީ، މާކް ވިލްމޮޓްސްގެ ކޯޗުކަމުގައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. އޭގެ ފަހުން، މާޓީނޭޒް ހަވާލުވެ، 2016 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން މިދިޔަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުގައި ބެލްޖިއަމް ގޮވައިގެން ވާދަކުރި އެވެ.
އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕްގެ މުބާރާތުން ގްރޫޕް ސްޓޭޖު ފަހަނައަޅައި ވެސް ނުދެވުނީ ޓީމު ތެރޭގައި އޮތް ކޯޅުންގަނޑުގެ ތެރޭގައި ބެލްޖިއަމްގެ ކޯޗު މާޓީނޭޒަށް ވެސް މަސައްކަތްތަކެއް ނުކުރެވިގެންނެވެ.
ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ވިގަން އެތުލެޓިކް އާއި އެވަޓަންގެ ކޯޗުކަން ކުރިން ކުރި، މާޓީނޭޒަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ނަތީޖާގެ ސަބަބުން ޓީމު ދޫކޮށްލި ދެ ވަނަ ކޯޗެވެ. އެންމެ ފުރަތަމަ ޓީމާ ވަކިވި ކޯޗަކީ މެކްސިކޯ ގްރޫޕް ސްޓޭޖުން ކެޓުމުން އެ ޓީމު ދޫކޮށްލި، އާޖެންޓީނާގެ ކޯޗު ޓަޓާ މާޓީނޯ އެވެ.
Comment