Advertisement

މޮރޮކޯ އަށް ތާރީހީ ކާމިޔާބެއް، ކްރޮއޭޝިއާ އިން ބެލްޖިއަމް ކަޓުވާލައިފި

1 ޑިސެންބަރު 2022 - 22:39 0


މޮރޮކޯ އަށް ތާރީހީ ކާމިޔާބެއް، ކްރޮއޭޝިއާ އިން ބެލްޖިއަމް ކަޓުވާލައިފި

1 ޑިސެންބަރު 2022 - 22:39 0

ދޯހާ، ގަތަރު (ޑިސެމްބަރު 1) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކްރޮއޭޝިއާއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، ބެލްޖިއަމް މުބާރާތުން ކެޓިއިރު، ކެނަޑާ އަތުން 2-1 އިން މޮޅުވެ، މޮރޮކޯ އިން 36 އަހަރަށް ފަހު ވޯލްޑް ކަޕްގެ ނޮކައުޓް ބުރުން ފުރުސަތު ހޯދައިފި އެވެ.

މޮރޮކޯ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔައީ އެއް ވަނަ ޓީމުގެ ގޮތުގަ އެވެެ. ގްރޫޕް އެފްގެ އެއް ވަނަ މޮރޮކޯ އަށް ލިބުނީ ހަތް ޕޮއިންޓާ އެކު އެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާ މި ގްރޫޕްގެ ދެ ވަނަ ހޯދީ ފަސް ޕޮއިންޓާ އެކު އެވެ. މި ގްރޫޕްގެ ތިން ވަނައިގައި ނިންމި، ބެލްޖިއަމް އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. މި ގްރޫޕްގެ ފުލުގައި ނިންމި ކެނަޑާ އަށް ޕޮއިންޓެއް ވެސް ނުލިބި އެވެ.

ކްރޮއޭޝިއާ ކޮޅަށް ގޯލެއް ޖަހަން ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ލުކާކޫ އަށް ލިބުނު ފުރުސަތުތައް ގޯލާ ސީދާކޮށް ވެސް ފޮނުވާނުލެވުނެވެ. ބެލްޖިއަމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތް ލުކާކޫ އަށް ގޯލެއް ޖެހުމުގެ ނަސީބު ނެތް ރެޔަކާ ދިމާވިއިރު، ބެލްޖިއަމް ވެސް މުބާރާތުން ކެޓީ އެވެ.

ލަނޑެއް ޖަހަން ކްރޮއޭޝިއާ އިން ވެސް އެޓޭކްތަކެއް ކުރި އެވެ. ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗާއި ފޯވާޑް، އަންދްރޭ ކްރަމަރިޗް ޖެހި ބޯޅަތައް ބެލްޖިއަމްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ތިން ވަނަ ހޯދި ބެލްޖިއަމް ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލާއި، 2016 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން މިދިޔަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ. އެކަމަކު، މި ފަހަރުގެ މުބާރާތުން ގްރޫޕް ސްޓޭޖު ފަހަނައަޅައި ވެސް ނުދެވުނީ ޓީމު ތެރޭގައި އޮތް ކޯޅުންގަނޑުގެ ތެރޭގައި ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓީނޭޒަށް ވެސް މަސައްކަތްތަކެއް ނުކުރެވިގެންނެވެ.

ކެނަޑާގެ ބުޗާނަން (ކ) ކައިރިން ބޯޅަ ހިފައިގެންދާން މޮރޮކޯގެ ޒިޔެޗް މަސައްކަތްކުރަނީ


މޮރޮކޯ އިން ވަނީ ކެނަޑާ ކޮޅަށް މިރޭގެ މެޗުގެ ފުރަތަމަ 23 މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި މޮރޮކޯ އިން ލީޑުނެގީ ކެނަޑާގެ ކީޕަރު މިލާން ބޯޔާން ހެދި ގޯހެއްގެ ފައިދާނަގައި ހާފުގެ މެދެއްހާ ހިސާބުން މޮރޮކޯގެ ވިންގް ހަކީމް ޗިޔެޗް ޖެހި ގޯލުންނެވެ.

މެޗުގެ 23 ވަނަ މިނިޓްގައި ކެނަޑާ ޑިފެންސް ފަހަތަށް އައި ބޯޅައެއް ހޯދައި، މޮރޮކޯގެ ފޯވާޑް ޔޫސެފް އެންނެސީރީ ވަނީ ގޯލު ޖަހައިފަ އެވެ. އޭނާ ބޯޅަ އަމާޒުކޮށްލީ ގޯލުގެ ކައިރީ ކަނަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެނަޑާ އިން ވެސް ގޯލެއް ޖެހި އެވެ. ކެނަޑާގެ ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި މޮރޮކޯގެ ޑިފެންޑަރު، ނަޔެފް އެގާޑް ފައިގައި ޖެހިފައި ބައިކޮޅަށް ވަނީ މޮރޮކޯގެ ކީޕަރު ޔާސިން ބޯނޯ އަތުގައި ޖެހިފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ކެނަޑާގެ ކެޕްޓަން، އަޓީބާ ހަޗިންސަން ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އޭގެ ފަހުން، ވެސް ކެނަޑާ އިން އެޓޭކްތަކެއް ކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ.

މޮރޮކޯ، ވޯލްޑް ކަޕެއްގެ ދެ ވަނަ ބުރުގައި އެންމެ ފަހުން ވާދަކުރީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރު ގަދަ 16 ބުުރުގައި މޮރޮކޯ ބަލިވީ ހުޅަނގު ޖަރުމަނު އަތުން 1-0 އިންނެވެ. މި ފަހަރުގެ ގަދަ 16 ބުރުގައި މޮރޮކޯ އާއި ޖަރުމަނު ކުޅެން ޖެހުމުގެ ފުރުސަތު އެބައޮތެވެ.