Advertisement

ރައީސް ސޯލިހު ވައުދެއް ނުފުއްދަވާ؛ އުޅުއްވަނީ ބާރުތައް ޖަމާކުރައްވަން: ނަޝީދު

1 ޑިސެންބަރު 2022 - 15:09 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް ސޯލިހު، ނަޝީދު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒާއެކު؛ ވިދާޅުވީ ރައީސް ސޯލިހު ވައުދު ނުފުއްދަވާ ކަމަށް-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ރައީސް ސޯލިހު ވައުދެއް ނުފުއްދަވާ؛ އުޅުއްވަނީ ބާރުތައް ޖަމާކުރައްވަން: ނަޝީދު

1 ޑިސެންބަރު 2022 - 15:09 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުތައް ފުއްދަވަން މަސައްކަތް ނުކުރައްވާ ކަމަށާއި މަސައްކަތް ކުރައްވަނީ ބާރުތައް ޖަމާކުރެއްވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރުފަހު ކުރިއަށް ގެންދިޔަ 'އާސްކް ސްޕީކާ' ޕްރޮގްރާމްގެ ހަ ވަނަ އެޕިސޯޑުގައި އާންމުންގެ ތެރެއިން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރައީސް ސޯލިހަށް ދެ ވަނަ ދައުރެއް ދިނުމުގެ ކުރިން މި ފަސް އަހަރު މިނެކިރާލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ ވައުދުތައް ފުދިފައިވާ ކަަމަކަށް، ވައުދުތަކަކީ މި ދެންނެވިހެން އެޔެއް މިޔެއް ބަލާނުލައި ކުޑަ ރަށެއް ބޮޑު ރަށެއް ބަލާނުލައި ކަންކަން ކުރައްވަމުން ދިއުމެއް ނޫން، މި މެނިފެސްޓޯގައި އަޅުގަނޑުމެން ވެފައި އެބަހުރި ވަރަށް ހާއްސަ ކަންކަމެއް، ވަކި އިރެއްގައި ވަކި ގޮތަކަށް ކުރާނެ ކަންތައްތަކެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މެނިފެސްޓޯގައި ވާ ކަންކަން ފުރިހަމަވުމުން ނޫނީ އެމްޑީޕީ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދު ކުރައްވާނަންތޯ ކުރާ ސުވާލަށް ޖަވާބު ދޭން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ސޯލިހަށް "ތަބަކަކަށް ލާފައި" ޓިކެޓު ދިނުމާ ގުޅޭ ގޮތުން ކުރި އިތުރު ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރައްވަނީ ޑިމޮކްރެޓިކް އުސޫލުން ކަންކަން ކުރައްވަން ކަމަށެވެ.

ދައުލަތުގެ ހިންގުމުގައި ބައެއް ކަންކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ 2019ގެ ފަހުން އެމަނިކުފާނާ ގުޅިގެން މަސައްކަތް ނުކުރައްވާ ކަމަށެވެ.

"ވެރިކަމުގެ ތޮބީއަތެއް ވެސްމެ އެއީ، މަސައްކަތް ކުރެއްވުނީ ބޮޑަށް ބާރު ޖަމާ ކުރުމަށް، ޕަވާ ކޮންސެލިޑޭޓު ކުރުމަށް، ޖަމާކުރުމަށް ކުރެއްވި މަސައްކަތް ކުރައްވަމުން ގެންދެވީ މި އަހަރުގެ މެދެއްހާ ތަނަށް،" ރައީސަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ޗެއާޕާސަންގެ އިންތިހާބަށް ފަހު، "ވަކި ނެޓްވޯކެއްގެ ގޮތަށް" އެމްޑީޕީގެ ތެރެއިން މަސައްކަތް ނުކުރެއްވޭނެ ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.

މިދިޔަ ޖޫން މަހު ބޭއްްވި ޗެއާޕާސަންގެ އިންތިހާބާ ދިމާކޮށް ދެ ރައީސުންގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔަ އެވެ. މި އިންތިހާބުގައި ނަޝީދު ތާއީދު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަށެވެ. އިންތިހާބު ކާމިޔާބުކުރެއްވީ ރައީސް ސޯލިހު ތާއީދު ކުރެއްވި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.