1 ޑިސެންބަރު 2022 - 13:08 0
މުހައްމަދު އުޝާމް
ފަނޑިޔާރު މަހާޒު އަލީ ޒާހިރު؛ މައްސަލައެއްގެ ހަސްމެއް ފަރާތުން ހަދިޔާއެއް ބަލައިގަތް ކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅަނީ
1 ޑިސެންބަރު 2022 - 13:08 0
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ހަދިޔާއެއް ބަލައިގަތް ކަމަށް ތުހުމަތުކޮށް ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
"ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާ" ނަމުގައި އޮންނަ ފަނޑިޔާރުން ތިބޭ ވައިބާ ގްރޫޕަކަށް ފަނޑިޔާރު މަހާޒު ރޭ ފޮނުއްވި މެސެޖެއްގައި އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމާފައިވާ ކަމުގެ ހަބަރު ލިބިފައިވާ ކަމަށް ލިޔުއްވާފައިވެ އެވެ.
އެ ކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޖޭއެސްސީގެ މީޑިއާ އޮފިޝަލް އިޒްމީރާ ޒާހިރު "އަދަދު" ނޫހަށް ވިދާޅުވީ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލާގައި ކޮށްފައިވާ ތުހުމަތަކީ ފަނޑިޔާރު ބެއްލެވި މައްސަލައެއްގައި ހިމެނޭ ހަސްމެއްގެ ފަރާތުން ހަދިޔާއެއް ބަލައިގަތުން ކަމަށެވެ.
މައްސަލައިގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ. އެކަމަކު, މި ނޫހަށް އެނގިފައިވާ ގޮތުގައި މައްސަލަ ހުށަހަޅާފައިވަނީ ކުރީގެ ރައީސް އަބްދުالله ޔާމީން ޖަލު އަދަބުން މިނިވަންވި ހުކުމް އިއްވުމަށްފަހު ސުޕްރީމް ކޯޓުގައި ބޭއްވި މެންދުރުގެ ފަރިއްކޮޅަކާ ގުޅިގެންނެވެ.
އެ މައްސަލާގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒެވެ.
ޖޭއެސްސީން އާންމުކޮށް މައްސަލައެއް ބަލަން ނިންމުމަށް ފަހު އެ ކަން އިއުލާން ކުރެ އެވެ.
އިޒްމީރާ ވިދާޅުވީ، އެ ގޮތަށް ކޮމިޝަނުން އިއުލާން ކުރަނީ މައްސަލަ ބަލަން ނިންމުމަށް ފަހު، ފަނޑިޔާރަށް ނޯޓިސް ދިނުމަށް ފަހު ކަމަށެވެ. ކޮމިޝަނަށް ޝަކުވާއެއް ހުށަހެޅި ނަމަވެސް، މައްސަލަ ބަލަން ނިންމުމާއި ނޯޓިސް ފޮނުވުމުގެ މަރުހަލާއަށް އަދި ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަނޑިޔާރު މަހާޒަށް ކުރާ ތުހުމަތުތަކާ ގުޅިގެން، ގްރޫޕަށް ފޮނުވި މެސެޖްގައި އޭނާ އިތުރަށް ވިދާޅުވެފައިވަނީ އޭނާ ސުލޫކާ ހިލާފު އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އަދި ޖޭއެސްސީގެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"ފަނޑިޔާރު ކަމުގެ މަގާމުގައި ހުރުމަށް ނުވަތަ މަގާމު ދިފާއު ކުރުމަށް މީހެއްގެ ގާތުގައި އެދޭނެ އެދުމެއް، ކުރާނެ ކަމެއް ނޯންނާނެ،" މަހާޒު ލިޔުއްވާފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment