Advertisement

ސިޔާސީ މީހުން ޖޭއެސްސީގައި ތިބެން އާންމުން ބޭނުމެއް ނުވޭ

1 ޑިސެންބަރު 2022 - 11:30 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ސިޔާސީ މީހުން ޖޭއެސްސީގައި ތިބެން އާންމުން ބޭނުމެއް ނުވޭ

1 ޑިސެންބަރު 2022 - 11:30 0

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ގާނޫނު އަސާސީގެ ދަށުން އުފައްދާފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމުގެ ގޮތުން ހިޔާލު ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އެ ކޮމިޝަނުގައި ސިޔާސީ އެއްވެސް މީހަކު ތިބެން ބޭނުން ނުވާ ކަމަށް އާންމުން ބުނެފި އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި މުރާޖައު ކުރުމުގެ މަސައްކަތްްތައް ބަންޑާރަ ނައިބުގެ އޮފީހުން ފެށީ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެވެ. އެކަމަށް މަގުފަހި ކުރުމުގެ ގޮތުން، ކޯޓުތަކާއި، ކަމާ ގުޅޭ އިދާރާތަކާއި އަދި މަދަނީ ޖަމިއްޔާތަކާ ބަންޑާރަ ނައިބުގެ އޮފީހުން ބައްދަލުކުރި އެވެ.

އަދި، އާންމުންގެ ހިޔާލަށް ހުޅުވާލި ފުރުސަތުގައި 115 މީހުން ހިޔާލު ހުށަހެޅި އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެއްވެސް ސިޔާސީ މަގާމެއްގައި ހުރި މީހަކު އެ ކޮމިޝަނުގައި ބައިންދަން ބޭނުމެއް ނުވެ އެވެ.

އެގޮތުން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރަން ޖެހޭ ކަމަށް ހިޔާލު ހޯދުމުގެ ކަރުދާސް ފުރިހަމަކުރި މީހުންގެ ތެރެއިން 91 އިންސައްތައަށްވުރެ ގިނަ މީހުން ގަބޫލުކުރެ އެވެ. އެއީ، ކޮމިޝަނުގައި މިހާރު ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ތިބުމާ އެކު ސިޔާސީ ނުފޫޒު ކޮމިޝަނަށް ފޯރާތީ އެވެ.

އޭގެ ސަބަބުން ފަނޑިޔާރުން ބިރުވެރިކަމެއްގައި ތިބެން ޖެހޭ ކަމަށާއި މަޖިލީހާއި ސަރުކާރުގެ ދައުރު މާ ބޮޑު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ހަމައެއާއެކު، މިހާރު އޮތް ގޮތުން ޖޭއެސްސީގެ މުސްތަގިއްލުކަން ކަށަވަރު ނުކުރެވޭ ކަމަށް ވެސް އާންމުން ދެކެ އެވެ.

މަޖިލިސް ރައީސް އާއި ބަންޑާރަ ނައިބު ވެސް ހިމަނަން ނުފެނޭ

މިވަގުތު މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަދި ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ޖޭއެސްސީގައި ތިއްބަވަ އެވެ. މަޖިލިސް ރައީސް ޖޭއެސްސީގައި އިންނަވަން ނުޖެހޭ ކަމަށް 87.8 އިންސައްތަ މީހުން ގަބޫލުކުރާއިރު އަދި ބަންޑާރަނައިބު ނުހިމަނައި އެ ކޮމިޝަން އެކުލަވާލުމަށް 67 އިންސައްތަ މީހުން ތާއީދުކުރެ އެވެ.

އެއީ، މިގޮތަށް އޮތުމުން ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތުމަށް ހުރަސް އެޅޭތީ އާއި މަސްލަހަތު ފުށުއަރާތީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި، ބަންޑާރަ ނައިބަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މަގާމަކަށް ވުމާ އެކު ކޮމިޝަނުގެ ނިންމުންތަކަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން ކަމަށް އާންމުން ދެކެ އެވެ.

އޭގެ އިތުރުން، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ހިމެނުމަށް ނުފެންނަ ކަމަށް 82.6 އިންސައްތަ މީހުން ގަބޫލުކުރެ އެވެ.

ހަމައެހެންމެ، މަޖިލިސް މެންބަރަކު ވެސް އެ ކޮމިޝަނުގައި ނުހިމެނުމަށް 76.5 އިންސައްތަ މީހުން ތާއީދު ކުރެ އެވެ. މިވަގުތު މަޖިލިސް މެންބަރެއްގެ ގޮތުގައި ޖޭއެސްސީގައި އިންނަވަނީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ. އޭނާއަކީ ޖޭއެސްސީގެ ރައީސްވެސްމެ އެވެ.

ފެހި ގާނޫނު އަސާސީގެ ދަށުން ސެޕްޓެމްބަރު 4، 2008 ގައި އެކުލަވާލި ޖޭއެސްސީގައި 10 މެމްބަރުން ތިއްބަވަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުންގެ ކަނޑައަޅާ މެމްބަރަކާއި ރައީސުލްޖުމްހޫރިއްޔާ ކަނޑަައަޅުއްވާ މެމްބަރަކާއި ބަންޑާރަ ނައިބާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ވަކީލުންގެ ތެރެއިން މީހަކާއި އާންމުންގެ ތެރެއިން ނަގާ މީހެކެވެ.

ނަމަވެސް ޖޭއެސްސީގައި ސިޔާސީ މެމްބަރުން ގިނަވުމުން، އެންމެ އެކަށީގެންވާ ގޮތަށް އެ ކޮމިޝަން ނުހިންގޭ ކަމަށް ފުރަތަމަ ދުވަހުން ވެސް ބައެއް ފަރާތްތަކުން ދިޔައީ ކިޔަމުންނެވެ. ޖޭއެސްސީއަށް "ބޮޑު ބަދަލުތަކެއް" ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ޖޭއެސްސީ ސިޔާސީ ނުފޫޒުން ސަލާމަތްކޮށް، ފަނޑިޔާރުންނަށް ފުރުސަތު ދިނުމާއެކު މެމްބަރުންގެ ދައުރަކީ ތިން އަހަރު ކަމަށް ކަނޑައަޅުއްވާނެ ކަމަށެވެ.